Last Updated: April 24, 20:13
Wednesday, April 24, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (ދެވަނަބައި)

މާޒްއާއި އާއިންއަށް ގެޔަށް އާދެވުނުއިރު މަޣުރިބް ނަމާދު ބަންގި ގޮވައިފިއެވެ. ގެޔަށް ވަދެވުމާއެކު މާޒް އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. އޭނާ ހިނގާ ހިނގާ މާބޮޑަށް ވަރުބަލިވީއެވެ. ނަމަވެސް އާއިން އަވަސްވެގަތީ ފޯނުން ރިކޯޑްކުރި ވީޑިއޯ ލެޕްޓޮޕަށް އެޅުމަށެވެ.

" މާޒް…ނިދަނީތަ؟…" އާއިން އޭނާގެ މަސައްކަތް ނިންމާލާފައި ބަލާލިއިރުވެސް މާޒް އެގޮތްގޮތަށް އޮތުމުން އަހާލިއެވެ.

" ނޫނޭ….ފަޔަށް ތަދުވާވަރުން މިއޮތީ…" މާޒް އެއޮތްގޮތަށްއޮވެ ޖަވާބުދިނެވެ. މާލޭގައި އުޅުނުއިރު ފުޓްބޯޅަ މެޗެއް ކުޅުމުގެ ތެރޭގައި އޭނާގެ ފަޔަށްވަނީ ތަދުވެފައެވެ.

" އޯހ…އަދިވެސް ފައި ރަނގަޅު ނުވަނީތަ؟…މަހީކުރީ އެއްކޮށް ރަނގަޅުވީކަމަށް…" އާއިން އޭނާއިން ތަނުން ތެދުވެގެން ގޮސް މާޒްގެ ގާތުގައި އިށީނެވެ.

" އާނ…އަދިވެސް ތަދުވޭ….އެކަމު ފަޔަށް ގެއްލުމެއްވެފައެއް ނެތޭ ޑޮކް ބުނީމަ މަ އަޅާނުލީވެސް…" އާއިންއާ ދިމާއަށް އެނބުރިލަމުން މާޒް ބުނެލިއެވެ.

" ދައްކަބަލަ! ކޮންތާކަށްތަ ތަދުވަނީ…." އާއިން މާޒްގެ ފައިގައި އަތްކާއްތާލަމުން އެހިއެވެ. މާޒް ތެދުވެ، ތަދުވާތަން ދެއްކުމުން އާއިން މަސާޖްކުރަންފެށިއެވެ. އާއިން އެކިގޮތްގޮތަށް އޭނާގެ އިނގިލިތައް މާޒްގެ ފައިގައި ހިންގައި މަސާޖުކުރަން ފެށުމުން މާޒަށް ލުއިވިއެވެ.
" ވާއު…އާން ހާދަމޮޅޭ….އާން ވާންވީނު ފިޒިއޮތެރަޕިސްޓަކަށް….ތިއަތުގަ އެބަހުރި ޖާދޫއެއް….މިހާރު މުޅިންހެން ތަދުފިލައިފި…" މާޒް އާއިންއަށް ތައުރީފުކޮށްލިއެވެ.

" މާޝަލްއާރޓް ޓްރެއިނިންގް ހެދި ދުވަސްވަރު ފިޒިއޮތެރަޕީގެ ބޭސިކްވެސް ހެދީމޭ…އެހެންވީމާ އެނގޭނެއްނު…" އާއިން އޮޅުން ފިލުވައިދިނެވެ.
" އެހެންތަ؟ މަށަށް އަދި ނޭނގޭ ސިއްރެކޭތީ…" ހައިރާންކަމާއެކު މާޒް ބުނެލިއެވެ.

" މަށަށް ނުބުނެވޭތަ ކުރިން….ދެންއަޅާނުލާ މިއޮށް އެނގުނީނު….ތިޔެއްނޫނޭ…ކޮބާ މަސްދަތުރުގެ ކަންތައްއޮތީ ކިހިނެއް؟…މިރޭ ދެވޭގޮތްވާނެތަ؟…" ކުއްލިއަކަށް ހަނދާންވެގެން އާއިން އަހާލިއެވެ.

" އާނ…ފަހުދުބުނި މިރޭ ދޯންޏެއް ހަމަޖައްސާފަ ގުޅާނަމޭ….ތައްޔާރުވެގެން ތިބޭށޭވެސްބުނި…" މާޒް އޮޅުންފިލުވައިދިނެވެ.

" ތައްޔާރުވާން ކޮންކަމެއްތަ ކުރަން އޮތީ؟…މިހާރުވެސް ތައްޔާރަށެއްނު މިތިބީ؟…" އާއިން ބުނެލިއެވެ.

" ތައްޔާރަށް ހުރިމީހާއަށް އެނގޭނެބާ ކަންވާރެއްގަ ބުޅިލާންވެސް…" ހީލަމުން މާޒް އާއިންއަށް ބުނެލިއެވެ.

" ހޫމް…ދެން ތީވަރަށްމޮޅަށް މަސްބާނަން އެނގޭމީހެއްނު…..މިރޭ މަވެސް ބަލާނަމޭ ތިހުރި މޮޅުކަމެއްވެސް…" އާއިން އެނދުން ތެދުވަމުން ބާލީސް ނަގައި މާޒްއާދިމާއަށް ހޫރާލިއެވެ. މާޒްވެސް ހިނިގަނޑެއް ޖަހާލަމުން ބާލީސް ހިފާފައި އަނެއްކާ އާއިންއާ ދިމާއަށް އެއްލިއެވެ. ދެމީހުން އެކަކު އަނެކަކަށް ދިމާކޮށް ސަކަރާތް ޖެހުމުގައި ތިއްބައި ފަހުދު މިއަންނަނީއޭ ބުނުމުން މަހަށްދިއުމަށް ތައްޔާރުވިއެވެ.

" އޭތް…ރަނގަޅަށް ޗެކު ކުރިންތަ ދޮރުތައް ތަޅުލެވިފަހުރިތޯ؟…" ދޮރާށިން ނުކުންނަމުން އާއިން އަހާލިއެވެ.

" އާނ…ހުރިހާތަނެއް ތަޅުލާފައޭ ހުންނާނީ…އެހެންނޫނަސް ހާސްވަނީ ކޮންކަމަކާތަ؟…މިއީ ވަގުން އުޅޭވެސް ރަށެއްވެސްނޫނޭ…" މާޒް ހަމަޖެހިލާފައި ބުންޏެވެ.

" މާޒަށް ކިހިނެއް އެނގެނީ ވަގުން ނޫޅޭކަމެއް….ހާދަ އަގުހުރި ސާމާނެކޭ އެތާއެހުރީ އަހަރެމެން ޖެހޭނެއްނު ވިސްނަން….ވަގަކު ވަނަސް މާޒަށް ވާނެ މާބޮޑު ގެއްލުމެއްނޯންނާނެ…ގެއްލުންވާނީވެސް މަށަށް.." އާއިން ސީރިއަސްވެފައި ބުނެލިއެވެ.

" އެހެންނުއްވާނީ ރަށެއްގެ ރަތްޔިތުން ބޭނުންކުރާނެހާ މުދާ މީނަ އެކަނިވެސް ގެންގުޅޭނެ….ނަސީބު އެއްޗެއް ނުގެއްލޭކަން" މާޒް އަޑުލައިގަތެވެ. ދެމީހުން ވާހަކައިގަ ތިއްބައި މަގުގެ އަނެއްކޮޅުން އައި ދެސައިކަލު އެމީހުންގެ ގާތަށް މަޑުކުރިއެވެ. އެތަނުން އެއްސައިކަލުގައި އިނީ ފަހުދުއެވެ. އަނެއްސައިކަލުގައި އިނީ އެމީހުން ނުދަންނަ ޒުވާނެކެވެ.

" މީ އަހުސަން…އަހަރެންގެ ދެބެންގެ ދެދަރި ކުއްޖެއް….އަހުސަން މިތިބީ އަހަރެންގެ ދެރަހުމަތްތެރީން…އާއިން އަދި މާޒް…" ފަހުދު އޭނާގެ ކޮއްކޮއަށް އެކުވެރިން ތަޢާރަފުކޮށްދިނެވެ.

" ކޮބާ އަރާ އަވަހަށް…އެހެންމީހުން އެބަތިބި އަހަރެމެންގެ އިންތިޒާރުގަ…" ފަހުދު އެހެންބުނުމުން ކޮންމެ މީހަކު މީހެއްގެ ފަހަތަށް އެރިއެވެ. އެމީހުން ބަނދަރަށް ދިޔައިރު އެހެންމީހުންތިބީ ދޯންޏަށްއަރައެވެ. އެންމެން ހަމަވީކަން ޔަގީންވުމުން ދޯނި ފުރިއެވެ.

ފަޅުން ނުކުމެ ބައިގަޑިއިރެއްހައި އިރު ދުއްވުމުމަށްފަހު ދޯނީގެ މަޑުކުރިއެވެ. ކޮންމެ މީހަކުވެސް ނަނެއް ހިފައިގެން މަސްބާނަން ތައްޔާރުވިއެވެ.
އިރުކޮޅެއްފަހެވެ. އެންމެން ފޯރިޔާއެކު މަސްބާނަމުން ދިޔައިރުވެސް އާއިންގެ ނަނުގައި މަހެއްގަންނަގޮތެއް ނުވެއެވެ. މިހާރު މާޒްވެސް ދެމަސްބާނައިފިއެވެ. އާއިން އިންތިޒާރުގައި އިންދައި އޭނާގެ ނަނަށްވާންކޮށްލިއެވެ. ވަރަށް އުފަލުންހުރެ ނަނުދަމާނެގިއިރު އޭނާގެ ނަނުއޮތީ އެހެންމީހެއްގެ ނަނާއެކު އޮޅިފައެވެ. އެމަންޒަރު ފެނިފައި އެންމެން ހޭންފެށުމުން އާއިން ރަކިވާގޮތްވިއެވެ.

" ބަލަން ހުންނާތި…މިރޭ އެންމެބޮޑު މަހެއް ބާނާނީ އަހަރެން…" އާއިން ދެރަނުވާންވެގެން ބުނެލިއެވެ. އާއިން ހިތްވަރު ދެރަނުކޮށް އުއްމީދާއެކު އިންތިޒާރު ކުރަމުން ދިޔައެވެ. އޭނާގެ ނަނުގައި ދެތިން ފަހަރަކު މަސް ގަނެފައިވެސް އެންކޮޅު ކާލާފައި ދަނީއެވެ. އާއިން އާއި މާޒްވެސް އިރު އިރުކޮޅުން ކާއެއްޗެއް ކާލައި އެންމެންގެ އަނގަ މަޖަލުގައި ބައިވެރިވަމުންދިޔައެވެ. މާދަމާ ކުޅޭ ފުޓްބޯޅަ މެޗެއްގެ ވާހަކަ ދެކެވެމުން ގޮސް އާއިންމެންވެސް އެމެޗްގައި ބައިވެރިވުމަށް ދައުވަތުދިނެވެ. އެމީހުންވެސް އުފަލުން އެދައުވަތު ގަބޫލުކުރީ އެމީހުންނަކީވެސް ކުޅިވަރަށް ނުހަނު ފޯރިހުރި ބަޔަކަށް ވީތީއެވެ.

" އާން މިފަރާތަށް އާދެބަލަ….ތިތަނުގެ ގޮތުން ކަންނޭނގެ މަހެއް ނުގަނެގެން އެއުޅެނީ…" މަހެއް ނުބޭނިގެން އާއިން މާޔޫސްވެފައި އިންހެން ހީވެގެން މާޒް ގޮވާލިއެވެ. އާއިން އޭނާގެ ނަނުދަމާފައި ނެގުމަށްފަހު މާޒްއިން ދިމާއަށް ދިޔައެވެ. މާޒްގެ ގާތުގައި އިށީނދެ ނަނު ދޫކުރަން ބެލިއިރު ނަނުއޮތީ އޮޅިފައެވެ. އޭނާ ނަނުނެގީ ރޯލުގައި އޮޅަމުންނެއް ނޫނެވެ. ހުރިގޮތަށް ދަމާފައި ނެގީއެވެ. އެހެންކަމުން ނަނުއޮތީ އެއްކޮށް އޮޅުންބޮޅުންވެފައެވެ. އާއިން އަވަސް އަވަހަށް ނަނު އޮޅުންފިލުވަން އުޅެގަތެވެ. އޭނާ މަސައްކަތްކުރިވަރަކަށް ނަނުގެ އޮޅުން ބޮޅުން ބޮޑުވިއެވެ.

" މާޒް…މިއޮޅުމެއް ނުފިލި…" އެހެންމީހުންނަށް ނީވޭނެހެން ސިއްރު ސިއްރުން މާޒްގެ ގާތުގައި އާއިން ބުނެލިއެވެ. މާޒް ބަލާލިއިރު ނަނު އޮތްހާލުފެނިފައި އޭނާއަށް ހިނިގަނޑު މަތައެއްނުކުރެވުނެވެ.

" ސުބުޙާނަﷲ….ފަހުދު ބަލާބަލަ މިއޮއްކަމެއް…." މާޒް ނަނުނަގައި ފަހުދަށް ދައްކާލުމާއެކު ފަހުދުގެ ގާތަށްވެސް ހިނިއައެވެ. އެއާއެކު ދެންތިބި މީހުންވެސް އެދިމާބަލާފައި ނަނުފެނިގެން ހޭންފެށިއެވެ. އެންމެން އާއިންއަށް މަލާމާތްކޮށްފައި ހޭންފެށުމުން އޭނާ ހަމަ ރަނގަޅަށްވެސް ލަދުގަތެވެ.

" މާޒް ދެން އެހެން ކަންވާރެއްގަ ބުޅި ހަރުކޮށްދީ….މިރޭ ބޭނޭނެ އެންމެ ބޮޑުމަސް ބެވޭނީ އޭރުންނެއްނު…" ފަހުދު އަނެއްކާވެސް އާއިންއާ ދިމާކޮށްލިއެވެ. މާޒް އޭނާގެ ނަނު އަހުސަންއާ ހަވާލުކުރުމަށްފަހު އާކަންވާރެއްގައި ބުޅިލާނެގޮތް އާއިންއަށް ދަސްކޮށްދިނެވެ. އާއިން މިފަހަރު ނަނު ދޫކުރިތާ އިރުކޮޅެއްގަ ތެރޭގައި ފުރަތަމަ ފަހަރަށް އޭނާގެ ނަނުގައި މަހެއްގަނެފިއެވެ. ނަމަވެސް އޭނާއަށް އެމަސްނުނެގިގެން އުޅެނިކޮށް ބުޅިކަނޑާލާފައި މަސް ހިނގައްޖެއެވެ. މިފަހަރު މާޒްގެ އެހީއާނުލައި އޭނާ އަމިއްލައަށް ބުޅި ހަރުކުރުމަށްފަހު އަނެއްކާވެސް ދޫކުރިއެވެ. މިފަހަރުވެސް މަހެއްގަނެފައި ދިޔައީއެވެ. މިގޮތަށް ތަކުރާރުކޮށް އާއިންގެ ނަނުގައި މަސްގަނެއެވެ. ނަމަވެސް އެންމެމަހެއްވެސް ބޭނޭގޮތެއް ނުވެއެވެ.
ފޯރިޔާއެކު މަސްބާނަމުން ދިޔައިރު ވަގުތުތައް ދިޔަގޮތްވެސް ނޭނގެއެވެ. އެހެންމީހުން އެތައްމަހެއް ބޭނިއިރުވެސް އާއިންއަކަށް ކާމިޔާބު ވާގޮތެއްނުވިއެވެ. އާއިން އިންތިޒާރު ކުރާތާ އެތައްއިރެއްފަހުން އޭނާގެ ނަނުގައި އަނެއްކާވެސް މަހެއްގަނެފިއެވެ. މިފަހަރު އޭނާގެ ހަރަކާތްތައް ވަރަށް އަވަހެވެ. ނަނަށް ވާންކުރާވަރުން ހީވަނީ ދެންމެ ދެންމެ ބުޅިކަނޑާލާފައި ހިނގައިދާނެހެންނެވެ. ނަމަވެސް މަހަށް އެފުރުސަތުނުދީ އާއިންގެ ހަރަކާތްތައް ކުރިޔަށްވުރެ އަވަސްކުރިއެވެ. އަވަސް ހަރަކާތާއެކު ނަނު ދަމަމުން ގޮސް ލޮނުގަނޑުތެރެއިން މަސްހިއްލާލުމާއެކު މަހުގެ ބޮޑުކަންފެނި އާއިންއަށް އުފަލުން ހަޅޭއްލަވައިގެނެވުނެވެ. ދޯނިތެރެއަށް މަސް ނެގުނުއިރު އޭނާހުރީ ވަރުބަލިވެފައެވެ.

"ވާއު… އާން….އަނެއްކާ ތިއީ އަސްލު އެއްޗެއްތަ؟….ހާދަ ބޮޑުމަހެކޭ ތިއީ…" މަސް ފެނުމާއެކު މާޒްވެސް ހައިރާންވެފައި ބުނެލިއެވެ.

" ކޮބާ ހީވޭ…އެއޮތީ މަހެއްބާނާފަ…" ފަހުދުވެސް ހެވިފައި ބުނެލިއެވެ. ފަހުވަގުތު ނަމަވެސް އާއިންއަށް މަހެއް ބޭނުނީތީ ހުރިހާ އެންމެން އޭނާއަށް ތައުރީފު ކުރިއެވެ. އޭނާ އުފަލުންހުރެ މަހާއެކު ފޮޓޯނަގަން ފެށިއެވެ.

" ކޮބާ އެންމެފަހުން ހަމަ އެންމެ ބޮޑު މަސްބޭނި މީހާއަށޭ ތިވީ…" އަހުސަންވެސް ބުނެލިއެވެ. އާއިން ހުރީ ވަރަށް އުފާވެފައެވެ. މަސްދަތުރު ނިންމާފައި އައިއިރު ހުރީ ބާރަޖަހަން ކުޑަތަންވެފައެވެ. މަސްތައް ހިފައިގެން އެންމެންވެސް ދިޔައީ ފަހުދުމެންގެ ގެޔަށެވެ. މަސްތައް ކަނޑާ ފްރިޖަށް ލުމަށްފަހު އާއިންމެން ގެޔަށްލުމަށްޓަކައި ފަހުދުއާއި އަހުސަން ދިޔައެވެ.

" ވަރަށް ސަޅި ދަތުރެއް….މަސްގަންނަވަރުން އަންނަހިތްވެސް ނުވޭ…" ސައިކަލުން ފައިބަމުން މާޒް ބުނެލިއެވެ.

" އާނ މިރޭ ވަރަށް މަސްދަހި ރެޔެއް….އަދިވެސް އެހެން ރެޔަކުން ދާންވާނެ….މިރަށުން ދާންވާއިރަށް އާންއަށް ރަނގަޅަށް މަސްބާނަށް ދަސްކޮށްދޭން ޖެހޭ އެބަ…" ފަހުދު ހީލަމުން ބުންޏެވެ.

" ދެން އެނގޭނެ….މިރޭ އާވީމަ ވީގޮތޭ އެއީ…އެކަމަކުވެސް އެންމެ ބޮޑުމަސް ބޭނުނީ މަށަކަށްނު" އާއިން ފަޚުރުވެރިކަމާއެކު ބުނެލިއެވެ. މާޒްއާއި

އާއިންއަށް ފެންވަރައިގެން ނުކުމެވުނުއިރު ތިބީ ނިދި އައިސްގެން ހަލާކުވާ ވަރުވެފައެވެ. އެހެންކަމުން ދެމީހުންވެސް ނިދުމަށް އަވަސްވެގަތެވެ.

******

ފަތިހު ފަތިހާ މާޒަށް ހޭލެވުނީ ގޯތިތެރެއިން ދެބުޅާ ކޯޅޭއަޑަށެވެ. ރަނގަޅަށް ނިދި ނުފިލާތީ އަނެއްކާވެސް ދެލޯމަރާލި ވަގުތު ކޮޓަރިއާއި ދާދިގާތުން ބުޅާ ހޭރިގަތްއަޑު އިވުމާއެކު މާޒް ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ހިތުތެރެއަށް ވެރިވި ބިރުވެރިކަމަކުން މާޒް އަވަސް އަވަހަށް އާއިންއަށް ގޮވާލިއެވެ.

" ހޫމް ކިހިނެއްތަވީ؟…" މާޒް ދެފަރަހަރަކު ގޮވާލުމުން، އުނދަގުލާއެކު އާއިން ލޯހުޅުވާލަމުން އެހިއެވެ.

" ބުޅާކޯޅޭއަޑެއްނީވޭތަ؟….މަ ހާދަ ބިރެއް އެބަގަނެއޭ…" މާޒް ބިރުންއޮވެ ބުނެލިއެވެ.

" ބުޅާވެސް އުޅެންޏާ ކޯޅޭއަޑުވެސް އިވޭނެއްނު…" އާއިން ބާލީހުގައި ބައްދާލަމުން އަނެއްކާވެސް ދެލޯމަރާލިއެވެ. ނަމަވެސް ބުޅާކޯޅޭއަޑު ގަދަވުމުން އާއިންއަށް އިތުރަށް ނިދަން ނޯވެވިގެން ފުންމައިގެން ތެދުވެ އެދިޔަގޮތަށް ގޮސް ކޮޓަރީގެ ކުޑަދޮރު ހުޅުވާލުމާއެކު ދޮރުކައިރީގައި ކޯޅެންތިބި ދެބުޅާ ހަލުވިކަމާއެކު ދުވެގޮސް ފާރުމަތިން ފުންމާލިއެވެ. އޭރު މާޒް އިނީ ބިރުންގޮސް ހަދާނެ ގޮތް ހުސްވެފައެވެ.

" ކޮބާ މިހާރު؟…" ބިރުންއިނދެ މާޒް އަހާލިއެވެ.

" ހިނގައްޖެ…މާޒް ހާދަ ބިރެކޭ ތިގަންނަނީދޯ…މަހިޔެއް ނުކުރަން ތިހާ ފިނޑިމީހެއް ކަމަކަށް…" އާއިން މާޒަށް މަލާމާތްކޮށްލިއެވެ. މާޒް ޖަވާބެއްނުދީ ތެދުވެގެން ގޮސް ފާޚާނާއަށް ވަނުމުން އާއިން ނުކުތީ ގޯތިތެރެއަށެވެ. ފަތިހުގެ ފިނިން ޖައްވުގައިވަނީ ފުސްކަމެއް އުފެދިފައެވެ. ގޯތިތެރޭގައި ހައްދާފައިވާ މާގަސްތައް ކައިރިއަށް ދިޔައިރު، ކުލަ ކުލައިގެ މާތައްފޮޅިފައި ހުއްޓެވެ. ގަސްތަކުގެ ފަތްތަކުގައި ޝަބްނަމުގެ ތިކިތައް ވިދަވިދާ ހުއްޓެވެ. ދޮރާށިމައްޗަށް އަރުވާފައިވާ ގުލޭނޫރަންމާ ވެލުގައި ފޮޅެމުންދިޔަ މާތަކުގެ ވަހުން މުޅިގޯތިތެރޭގައިވަނީ ހުވަނދެއްލެވިފައެވެ. އާއިންއަށް ބޭއިޚްތިޔާރުގައި ފުންނޭވާއެއްލަމުން ދެލޯމަރާލެވުނެވެ. އެހިނދު ގުދުރަތީގެ ސެންޓްގެ މީރުވަހުން އޭނާގެ ހިތާއި ސިކުނޑި ތާޒާވެގެން ދިޔައެވެ. އެހެން އިރުކޮޅުކު ހުރެފައި ކުއްލިއަކަށް، ލޯހުޅުވާލުމަށްފަހު ކޮޓަރިއާ ދިމާއަށް އޭނާ ދުއްވައިގަތެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނާއައީ ކެމެރާ ހިފައިގެންނެވެ. އޭނާ އެކިގޮތް ގޮތަށް މާތައް ފޮޓޯނަގަމުން ދިޔައެވެ. އާއިން ފޮޓޯނަގަމުން ގޮސް ގުލޭނޫރަންމާ ވެލާއިގާތްވެ ކެމެރާ އަމާޒުކޮށްލި ވަގުތު އޭނާގެ ކެމެރާއިން ފެނުނު އެއްޗެއްގެ ސަބަބުން ގަތްބިރުން ހަޅޭއްލަވައިގަންނަމުން އޭނާއަށް ފަހަތަށް ޖެހެވުނެވެ.

" ހަރުފައެއް…ހަރުފައެއް…" އާއިން ހަޅޭއްލަވަމުން ގޮސް ކޮޓަރިއަށް ވަތްގޮތުން ފާޚާނާއިން ނުކުތް މާޒްވެސް ދިޔައީ ސިއްސައިގެންނެވެ.

" ހަރުފައެކޭ….ކޮންތާކު؟. ކޮބާ؟…" މާޒްވެސް ބިރުގެންފައި އަވަސް އަވަހަށް އެހިއެވެ.

" އެތާ ބޭރުގަ އޮތް މާވެޔޮތެރޭގަ އެބައޮތް ކުޑަކުޑަ ހަރުފައެއް…" އާއިން ބުންޏެވެ.

" ކުޑަ ކުޑަ ހަރުފައެކޭ….ރާއްޖޭގަ ނޫޅޭނެ ހަރުފައެއް…ތިވާނީ ނަންނުގައްޗަކަށް " މާޒް ކޮޓަރިން ބޭރަށް ނުކުންނަމުން ހަމަޖެހިލާފައި ބުންޏެވެ. މާޒްގެ ފަހަތުން އާއިންވެސް ނުކުތެވެ. މާޒް އެދިޔަ ގޮތަށް ގޮސް ގުލޭނޫރަންމާ ވެޔޮގަނޑުގެ ދާދިގާތަށް ހުއްޓެމުން ވެޔޮގަނޑަށް ރަނގަޅަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ވެޔޮގަނޑުތެރޭގައި އޮތް ނަންނުގައްޗެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. މާޒް ދެކޮޅު ހޯދާލާފައި ކައިރީގައިހުރި ގަހަކުން ހިކި ދަނޑިކޮޅެއް ބިންދާލުމަށްފަހު އޭގެ އެހީގައި ނަންނުގަތި ވެޔޮގަނޑުން ނެގިއެވެ. އެވަގުތު އާއިން ބިރުން ސިހިފައި ފަހަތަށް ޖެހުނުގޮތުން މާޒްގެ ގާތަށް ހިނިއައެވެ.

" އޭތް…މާޒް އޭތި ވިހަލާފާނެ…" އާއިން ބިރުން ހުރެ ބުންޏެވެ.

" މިނުކުރާނެ އެއްވެސްކަމެއް…..މިއީ ހަރުފައެއްނޫނޭ….އަދި އަލަށްތަ ނަންނުގައްޗެއް ތިދުށީ….މަވެސް ސިންގަޕޫރުގަ އުޅެބޮޑުވީ…އެކަމު މަށަށްވެސް އެނގޭ ހަރުފައާ ނަންނުގަތި ވަކިކުރަން…." މާޒް އާއިންއަށް މަލާމާތްކޮށްލިއެވެ.

" މާޒް ސިންގަޕޫރުގަ އުޅެ ބޮޑުވިޔަސް އިރުއިރުކޮޅުން ރާއްޖެއައިސް އަތޮޅުތެރެއަށްވެސް އަންނަމެންނު….އެހެންވީމަ މަށާތަފާތުވާނެ ދޯ….މަށަށް އަދި މިއެނގުނީ ތިނަން ކިޔާ އެއްޗެއް އުޅޭކަންވެސް " އާއިން ދިފާއުގައި ވާހަކަދެއްކިއެވެ.

" އެކަމު ދެން މިހާ ކުޑަކުޑަ އެއްޗެއް ދެކެ ތިހާބިރުން އުޅުނީމަ ހަމަ ހިނިއަންނަނީ…." މާޒް އަނެއްކާވެސް އާއިންއަށް މަލާމާތްކޮށްފައި ހޭންފެށިއެވެ. އެވަގުތު އާއިން ދެރަނުވާންވެގެން ނަންނުގަތީގައި އަތުންހިފަނެގިއެވެ. އެވަގުތު އޭތިމަޑުމަޑުން އާއިންގެ އަތުގައި އޮޅެންފެށިއެވެ. އޭގެ އޮމާންކަމާއި ފިނިކަމުން އާއިންގެ ގައިން ހީބިހި ނަގައިގެން ދިޔަނަމަވެސް އޭނާ، އޭނާގެ ބިރުކުޑަކަން ހާމަކުރުމަށްޓަކައި އޭގައި ހިފައިގެން ހުއްޓެވެ. އެމަންޒަރުފެނި މާޒްހުރީ ރަނގަޅަށްވެސް ހައިރާންވެފައެވެ.

" މިހާރު ގަބޫލުކޮށްފިންތަ ބިރުނުގަންނަކަން؟…" އާއިން ފޮނިވެލާފައި އަހާލިއެވެ.

" އާނ ގަބޫލުކޮށްފިން….އެކަމު އާންއަށް އެނގޭތަ ތީގެ އެއްޗެހީގެވެސް ބައެއްވައްތަރު ވަރަށް ވިހަގަދަވާނެ އިނގޭ….އަސްލުވެސް އޭގެ އެއްޗެއް ދަތްއަޅައިފިއްޔާ އަސްލުވެސް ވިހަވާނެ…" މާޒް ސީރިއަސްވެފައި ބުނުމާއެކު އާއިން ބިރުގަތެވެ. ނަމަވެސް އެކަން ނުދައްކާ މަޑުމަޑުން ގުދުވެ މާގަސްތަކުގެ ތެރެއަށް ނަންނުގަތި ދޫކޮށްލިއެވެ. އޭރު އޭނާހުރީ އޮއްދާ ހިއްލާފައެވެ. ނަމަވެސް އޭނާ ބޭރުފުށުން ވަރަށް ހަމަޖެހޭގޮތް ދައްކަމުން ނަންނުގަތީގެ ފޮޓޯތައް ނަގަންފެށިއެވެ.

" އޭތް ހިނގާބަލަ މިއޮތް މަގުގެ އަތިރިއަށްދާން….އިރުއަރާމަންޒަރު ދެކިލާހިތްވެއްޖެ…" އާއިން ކެމެރާ އެއްފަރާތްކޮށްލަމުން މާޒަށް ބަލާލާފައި ބުންޏެވެ.

" އިހަށްދޭބަލަ ތި ކުނިމޫނުދޮވެ ދަތްއުނގުޅާ ހަދައިގެން އަންނަން….ހީވަނީ ހަންޑިއެއްހެން…." މާޒް ހަރުކަށިގޮތަކަށް ބުނެލުމުން އާއިން އަނގަޔަށް ގޮތެއް ހަދާލަމުން ގޭތެރެއަށް ވަނެވެ. އިރުކޮޅެއްފަހުން އޭނާއައީ މޫނުދޮވެ ތާޒާވެލައި ހެދުންވެސް ބަދަލުކޮށްގެންނެވެ. އިރުއަރާތަން ބެލުމަށްޓަކައި ފުއްޓަރާ ދިމާއަށް ދެމީހުން އެކުގައި މިސްރާބުޖެހިއިރު، މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. އިރުމަތީ ފަރާތު އުދަރެހުން އުދަވަމުން އަންނަ އިރުގެ ދޯދިތައް ދުނިޔޭގެ ފަޒާއަލިކުރަމުން ރޭގަނޑުގެ އަނދިރިކަން ނެތިކުރަމުން އާދެއެވެ. މިވަގުތު ދުނިޔެއަށްވެރިވެފައިވަނީ ވަރަށްވެސް ހިތްފަސޭހަ ކުލައެކެވެ.

" ވާއު…ފަތިސްގަޑިއަކީ ހާދަ އަމާން އެހާމެ ހިތްގައިމު ގަޑިއެކޭދޯ….އަދި އަމުދުން މިފަދަ ރަށެއްގަ ހުންނައިރު ހާދަ ރީއްޗޭ…" އުދަރެހަށް ބަލާލަމުން އާއިން ބުނެލިއެވެ.

" ހޫމް…އަސްލުވެސް ވަރަށްރީތި…" މާޒްވެސް ބުނެލިއެވެ.
ދެމީހުން ގޮސް ގޮނޑުދޮށަށް ފޭބިއިރު، އެމީހުންނަށް ފެނުނު މަންޒަރުން ދެމީހުނަށްވެސް ލިބުނީ ހައިރާންކަމެކެވެ. ކުރިން ދުވަހު ދޮޔަ ތުނޑިއާ ޚިލާފަށް، އެދިމާލުގައި އެންމެ ދޮންވެލިކޮޅެއްވެސް ނެތެވެ. ގަލާއި އަކިރީގެ ދޫލައެއް މުޅިގޮނޑުދޮށުގައި ލެވިފައިވީއިރު، ދިޔަވަރުހިކިގެން ގޮސް މޫދުހީވަނީ ގަލުގެ ބަގީޗާއެއް ހެންނެވެ. މުޅިހިސާބުގައި ދުވަނީ ފަރުހަކިވަހެވެ. ގޮނޑުދޮށަށްއޮތީ މަގަށްވުރެ ދެތިން ފޫޓުތިރީގައިކަމުން ދެމީހުން ވަރަށް އުނދަގުލުން ތިރިއަށް ފައިބައިގެން ގޮސް، ގޮނޑުދޮށުގައި އޮތް ހިކިގަސްބުޑެއްގެ މަތީގައި އިށީނެވެ.

" މިފަރާތުގަ ކީއްވެ ވެލިނެތި ހުސްގާ މިއޮތީ؟…" އާއިން ހައިރާންވެފައި އަހާލިއެވެ.

" މަންމަ ކިޔާނެ މަންމަމެން ކުޑައިރު ފުއްޓަރުފަރާތަށް ބޮލިނަގަންދާ ވާހަކަ….ފުއްޓަރުގަ އޮންނާނީ ހުސްގަލޭ ބުނަނީ…..މަށަށްހީވަނީ މިއީހެން އެބުނާ ފުއްޓަރަކީ…." މާޒަށް ހީވާގޮތަށް ބުނެދިނެވެ.
"ވާއު..އެމޭޒިންގް…" ރަތްކުލައާއި ރަންކުލައިގެން ދިއްލިފައިވާ ބޯޅައެއްފަދައިން އުދަރެހުން ފާޅުވަމުންދިޔަ އިރާދިމާއަށް ކެމެރާ އަމާޒުކޮށްލަމުން އާއިން ބުނެލިއެވެ. އާއިން އެކި އަރިއަރިމަތިން އިރުގެ ފޮޓޯތައް ނަގަމުން ދަނިކޮށް، އިރާއި ކެމެރާއާއ ދެމެދަށް ހުރަހެއް އެޅުނެވެ. އޭނާ ކެމެރާ ތިރިކޮށްލަމުން ބަލާލިއިރު އެއީ ތޮށިގަނޑުމަތީގައި ހުރި އަންހެން ކުއްޖެކެވެ. އާއިން އަނެއްކާވެސް ކެމެރާ އަންހެން ކުއްޖާއަށް އަމާޒުކޮށްލިއެވެ. އޭނާގެ އަތުގައިވާ ބާލިދީއެއްގައި ހުރި އެއްޗެއް މޫދުތެރެއަށް އުކާލުމަށްފަހު ބާލިދީދޮންނަން އޭނާ ގުދުވިއެވެ. އާއިން ދިޔައީ އެކުއްޖާގެ ކޮންމެ ހަރަކާތެއް އޭނާގެ ކެމެރާގައި ރައްކާކުރަމުންނެވެ. އަންހެން ކުއްޖާގެ ފަހަތުން އިރުފެންނަން ހުރިއިރު، އެކުއްޖާ ފެންނަނީ ކަޅުހިޔައްޏެއްގެ ގޮތުގައެވެ. އަންހެންކުއްޖާ ބާލިދީ ދޮވެނިމުމުން އެއްގަމާ ދިމާއަށް މިސްރާބުޖެހިއެވެ.

" އޭތް..އާން…އަންހެން ކުއްޖަކު އެބައާދޭ ތޮށިގަނޑުމަތިން…..އަނެއްކާ އެއީ އިންސާނެއްތަ؟…." މާޒް ހުރީ ޝައްކެއްގެ މަތީގައެވެ.

" އެއްކަލަ މާޒް….އެއީ އިންސާނެއްނޫން…ކަނޑުފުރޭތައެއް…ދެން ދުވޭ ދެފައިތަޅާފަ…" އާއިން ހިނިގަނޑެއް ޖަހާލަމުން މާޒަށް މަލާމާތްކޮށްލިއެވެ. އޭރުވެސް އޭނާގެ ކެމެރާ އަމާޒުވެފައިހުރީ އެއަންހެން ކުއްޖާއާ ދިމާލަށެވެ. އަންހެން ކުއްޖާ ވަރަށް ބަލައިގެން ގާތަކުމަތިން ހިނގަމުން އަންނަނިކޮށް ގަލެއްގެ މަތީ ފައި އެޅުނުގޮތަކުން ކައްސާލައިގެން ވެއްޓެންދިޔައެވެ. އެވަގުތު އާއިންއަށްވެސް އިންތަނުން ތެދުވެވުނެވެ. ނަމަވެސް އަންހެންކުއްޖާ ހުޝިޔާރުކަމާއެކު އެކީ އޭނާގެ ހަށިގަނޑު ސީދާކޮށްލަމުން ނުވެއްޓި ސަލާމަތްވިއެވެ. ހީވަނީ އެތައްދުވަހެއްގެ ތަޖުރިބާހެންނެވެ. އެވަގުތު އާއިންގެ ތުންފަތަށް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ. އާއިންގެ ކެމެރާގެ އަމާޒުފަތްގަނޑަކަށް ވަމުން އަންހެން ކުއްޖާ އެމީހުނާއި ގާތްވަމުން އައެވެ. ވިސްނުމެއްގައިހުރެގެން އެއްގަމަށް އައިސް އައިސް ހުއްޓައި އޭނާއަށް އާއިންމެން ފެނުމާއެކު ސިހިފައި ހުއްޓުނެވެ. އާއިން އަތުގައި އޮތް ކެމެރާ ފެނުމާއެކު އެކުއްޖާގެ ހަރަކާތްތައް އަވަސް ކޮށްލަމުން ހަލުވިކަމާއެކު އެއްގަމަށް އެރިއެއެވެ. މަގަށްއަރަން އޮތް އުސްގަނޑުމަތިންވެސް ފަރިތަކަމާއެކު ގޮސް އެމީހުންގެ ލޯމަތިން އޭނާ ގެއްލިއްޖެވެ. އާއިންވެސް އިންތަނުން ތެދުވެ މަގާދިމާއަށް ދުއްވައިގަތެވެ. އާއިން އެއްގަމަށް އެރިއިރު އެކުއްޖާ ޖެހުނުތާ ލަކުނުވެސްނެތެވެ. އާއިންއަށް ހައިރާންވެފައި ބޯކަހާލެވުނީ އެކުއްޖާ ފިލިލެއް އަވަސް ކަމުންނެވެ.

" ކޮބާ މިހާރު އޭނަ؟…" މާޒް އައިސް އާއިންގެ ގާތަށް ހުއްޓެމުން އެހިއެވެ.
" ނޭނގެ…ފިލައިފި…ވަރަށް ކުޅަދާނަ ކުއްޖެއް އެއީ…އެކަމު އެކުއްޖާ އަހަރެންގެ ކެމެރާގަ ގައިދުކޮށްފިން…" އާއިން ހިނިތުންވެލަމުން ބުނިއެވެ. އަދި ކެމެރާ ނަގައި އޭގައިވާ އަންހެން ކުއްޖާގެ ފޮޓޯތައް ބަލަންފެށިއެވެ.

" އޭތް މާޒް….މިއީ ހަމަ އެއްކަހަލަ އަންހެން ކުއްޖާއޭ….އިއްޔެގަ މަ ދެއްކީމެއްނު…" އަންހެން ކުއްޖާގެ މޫނު ސާފުކޮށް ފެންނަންހުރި ފޮޓޯއެއް މާޒަށް ދައްކާލަމުން އާއިން ބުންޏެވެ.

" ތިނުވާނެ އިންސާނަކަށް…އެއްފަހަރު އެދިމާލު އަތިރިން އަނެއްފަހަރު މިދިމާލު ފުއްޓަރުން…ތީ އާދައިގެ ކުއްޖެއްނޫން….ތިފޮޓޯތައް ޑިލީޓްކޮށްލާ…" މާޒްހުރީ ކަންބޮޑުވެފައެވެ.

" ނަންނުގަތި ފެނިގެން ބިރުގަތީމަ މަށަށް މަލާމާތްކުރިމީހާ ތިއުޅެނީ އަންހެން ކުއްޖެއް ފެނިގެން ބިރުން…..ނަންނުގަތި ވިހަލިޔަސް ހަމަގައިމުވެސް އަންހެން ކުއްޖަކު ވިހައެއްވެސް ނުލާނެދޯ…." އާއިން މާޒްއާ ދިމާކޮށްލިއެވެ.

" ނަންނުގައްޗަށް ވުރެ ނުރައްކާބައެއްގެ ވާހަކަ ތިދައްކަނީ….އެމީހުން ވިހަނުލިޔަސް އެމީހުން އަހަރެމެންގެ ބުއްދިގޯސްކޮށް މޮޔަކޮށްލަފާނެ…. ނަންނުގަތިވާ ވިހަނުލަނީސް މަރާވެސް ލެވިދާނެ އެކަމު ތި އަންހެންކުދިންގެ ކިބައިން އަހަރެމެން ސަލާމަތްވާނީ ކިހިނެއް؟.." މާޒްވެސް ދެރަނުވާން މޮޅުޖަވާބެއް ދިނެވެ. އާއިން ހެމުން ހެމުން ކުރިޔަށް ދިޔައިރުވެސް އެއަންހެން ކުއްޖާ ފެނޭތޯ ދިމަދިމާއަށް ނަޒަރު ހިންގަމުން ދިޔައެވެ.
ރޭގަނޑުގެ ވަގުތެވެ. ފަހުދުއާއި އޭނާގެ އެކުވެރިން ތިބީ އާއިންމެން އުޅޭގޭގައެވެ. އެންމެންވެސް އަވަދިނެތި އުޅެނީ ބާބެކިއުއަށް ތައްޔާރުވުމުގައެވެ. އެއްބަޔަކު އަލިފާން ރޯކުރުމައިގެން އުޅޭއިރު އަނެއްބަޔަކު މިރުސްގަނޑު ތައްޔާރު ކުރަނީއެވެ. މާޒް އެހުރިހާކަމެއްގައި ބައިވެރިވެގެން އުޅޭއިރު އާއިންގެ ކަމަކީ ފޮޓޯނެގުމެވެ. އެދެމީހުން މިއަދުގެ ބޮޑުބައި ހޭދަކުރީ ގޭމް ކުޅުމުގައެވެ. ހަވީރު ވަގުތު ދިޔައީ ޒުވާނުންނާއި އެކީގައި ފުޓްބޯޅަ ކުޅޭށެވެ. މިވީ ދެވުހުގެ ތެރޭގައިވެސް ފުދޭވަރެއްގެ ގިނަ ރަހުމަތްތެރީން އެމީހުންނަށް ލިބިއްޖެއެވެ.

" އޭތް އަހުސަން ސަމާލުވެގެން އުޅޭތި…ތިތާނގަ ވެއްޖެ ނަންނުގައްޗެއް…" އަލިފާންގަނޑުގެ ތެރެއަށް އެޅުމަށްޓަކައި ހިކި ފަތްކޮޅެއް ހޮވަން މާގަސްތަކުގެ ކައިރީގައި އަހުސަން އުޅޭމަންޒަރު ފެނުމާއެކު މާޒް ބުނެލިއެވެ.

" އައްދެ އެއީ މަބިރުގަންނަ އެއްޗެއްނޫން …" އާދައިގެ ގޮތަކަށް އަހުސަން ޖަވާބުދިނެވެ. ނަންނުގަތި ފެނިގެން އާއިން ހެނދުނު ގަޑީގައި އުޅުނުގޮތް ހަނދާންވެފައި އެވަގުތު މާޒަށް ހެވުނެވެ. މާޒް އެންމެންގެ މެދުގައި އާއިންއަށް ޖޯކްޖަހައި އެވާހަކަ ކިޔައިދޭން ފެށުމުން އާއިންވެސް ދެރަނުވާންވެގެން މިއަދު ފަތިހު އަންހެން ކުއްޖަކު ފެނިގެން މާޒް ބިރުން އުޅުނުގޮތް ކިޔައިދީފައި ހީހެދިއެވެ.

" އަންހެން ކުއްޖެކޭ….އަނެއްކާ ކާކު ފެނިގެންބާ ތިއުޅެނީ؟…މިރަށުގަ ހަންޑިކުއްޖެއް އުޅޭކަމެއް އަހަރެމެންނަށް އެނގިފައެއްނެތް…." ފަހުދު ޝައުޤުވެރިކަމާއެކު ބުނެލިއެވެ.

" އެއީ ހަމަ އަސްލު ކުއްޖެކޭ….ފޮޓޯވެސް ދައްކަފާނަން…" އާއިން ފަހުދުގެ ގާތަށް ޖެހިލަމުން ކެމެރާއިން އަންހެން ކުއްޖާގެ ފޮޓޯ ދައްކާލިއެވެ.

" ކޮބާތަ ތިބުނާ ކުއްޖާގެ ފޮޓޯ…ދައްކަބަލަ މަވެސް ބަލާލަން…" ފަހުދަށް ފޮޓޯގައި އިން ކުއްޖާ ފެނިގެން އެއްޗެއް ބުނަންވާއިރަށް، އޭނާގެ އެކުވެރިންގެ ތެރެއިން އިމާދު އެދިމާއަށް އައެވެ. ފަހުދު އަވަސް އަވަހަށް ލޮލުގެ އިޝާރާތުން އެފޮޓޯ އިމާދުއަށް ނުދެއްކުމަށް އެދުނެވެ.

" މި އެކުއްޖާގެ ފޮޓޯއެއްނޫނޭ….ނަންނުގަތީގެ ފޮޓޯ" އާއިން އަވަސް އަވަހަށް ނަންނުގަތީގެ ފޮޓޯއެއް ހުޅުވާލުމަށްފަހު އިމާދަށް ދައްކާލިއެވެ.

" ތީ ހާދަ ކުޑަކުޑަ އެއްޗެކޭ.؟ އޭތިދެކެތަ އާން ބިރުގަތީ؟" މަލާމާތުގެ ގޮތަކަށް ހީލަމުން އާއިންގެ ކޮނޑުގައި އިމާދު ޖަހާލިއެވެ. އިމާދު ދިއުމުން އާއިންއާއި މާޒް އެކަކު އަނެކަކަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ފަހުދުގެ ހަރަކާތްތައް ހުރިގޮތުން އެއަންހެން ކުއްޖާ ފަހުދަށް އެނގޭކަން އެމީހުނަށް އެނގުނެވެ.

" އޭތް ފަހުދަށް އެނގޭތަ އެއީ ކޮންކުއްޖެއްކަން…؟" އެންމެފަހުން ކެތްނުކުރެވިގެން މާޒް ސުވާލުކޮށްލިއެވެ.

" ތިވާހަކަ އިހަށް ބާއްވާ….މިއީ މުނާސަބު ވަގުތެއްނޫން…" ފަހުދުބެލީ އެވާހަކަ އޮއްބާލެވޭތޯއެވެ. އެހެންކަމުން އާއިންއާއި މާޒަށްވެސް މިވަގުތު އެވާހަކަ ދެއްކުން ރަނގަޅުނޫންކަން ގަބޫލުކުރެވުނެވެ. ބާބެކިއު ނިމިގެން އެންމެން ގެޔަށްދާން ހިނގައިގަތުމުން މާޒް ފަހުދު މަޑުކުރުވިއެވެ.

" ދެންބުނެބަލަ…އެއީ ހަމަ އަސްލު ކުއްޖެއްތަ؟…" މާޒްހުރީ އެސުވާލުގެ ޖަވާބު ބޭނުންވެފައެވެ.

" މަ އޭރުވެސް ބުނީމެއްނު މީސް މީހުންގެ ފޮޓޯ ނުނަގާށޭ…ނަސީބެއްނު މާދުއަށް އެފޮޓޯ ނުފެނުނުކަން….އެހެން ނޫންނަމަ ކަންތަކާ ލައިގަތީސް މިރޭ….ދެންވެސް ސަމާލުވެގެން އުޅޭތި…އެމީހުން ކިތަންމެ މަޖާވެފަ ވާހަކަ ދެއްކިނަމަވެސް މިރަށު އަންހެން ކުދިންނަށް ކަޅިއަޅަންޏާ ވަރަށް ރުޅިއަންނާނެ…އަދި އަމުދުން މާދު" ފަހުދު ސީރިއަށް ކަމާއެކު ދެއްކި ވާހަކައިން މާޒްގެ ހިތުގައި ސުވާލުތައް އިތުރުވިއެވެ.
" އެކަމު ކީއްވެ؟ މާދުއާ އެއަންހެން ކުއްޖާއާ ގުޅުމެއް އޮތީތަ؟…" އާއިންވެސް ކެތްތެރިކަން ކުޑަވެފައި ސުވާލުކޮށްލިއެވެ.

(ނުނިމޭ)