Last Updated: April 16, 17:11
Tuesday, April 16, 2024
ޚަބަރު

ހައްޔަރު ކުރެވިދާނެ، އެކަމަކު ހައްޔަރު ކުރަން ޖެހޭ ސަބަބެއް ނެތް: ޔާމީން

ހައްޔަރު ކުރަންޖެހޭ ފަދަ އެއްވެސް ސަބަބެއް އޮތްކަމަކަށް ގަބޫލެއް ނުކުރައްވާކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީ ޓިކެޓު ދިނުމަށް ރޭ ޕީޕީއެމްއިން ބޭއްވި ހަފްލާއަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާން ހައްޔަރު ކުރަންޖެހޭ ފަދަ ކަމެއް ކޮށްފައި ނުވާނެކަމަށާއި، ހައްޔަރު ކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.

ޔާމީން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ދެ ފަހަރެއްގެ މަތިން އެމަނިކުފާން ހައްޔަރު ކުރިކަމަށާއި އެއިން އެއްވެސް ފަހަރަކު އެބޭފުޅުންނަށް އެމަނިކުފާންގެ ކުށެއް ދެއްކިފައި ނުވާ ކަމަށެވެ.

" އެއްވެސް ސަބަބެއް ނޯންނާނެ އިނގޭތޯ. އެއްވެސް ސަބަބެއް ނޯންނާނެ. ދެން މި އެކްޓިވިސްޓުންނަށް ގޮވިދާނެ ބޭރު ގައުމުތަކުގެ މީހުން ވެސް ދިވެހި ރާއްޖެއަށް އައީމަ ހައްޔަރު ކުރަން،"

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލު ކުރައްވައި ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާން ހައްޔަރު ކުރުމަށް އެކްޓިވިސްޓުންނަށް ގޮވިދާނެކަމަށެވެ. އަދި އެގޮތަށް ފުުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ބާޠިލް ކުރުމަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވިއެވެ.