Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އެމްޑީޕީގެ މަސްލަހަތަކީ ގައުމުގެ މަސްލަހަތު: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ އެންމެ ބޮޑު މަސްލަހަތަކީ ދިވެހި ގައުމުގެ މަސްލަހަތު ކަމަށާއި ވަކިވަކި ކެންޑިޑޭޓުންގެ މަސްލަހަތު ނޫންކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފްގެ މަޖިލިސް ކެމްޕެއިން އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މި ނިކުންނަނީ ތިން ވަނަ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، އެމްޑީޕީގެ މަސްލަހަތަކީ ދިވެހި ގައުމުގެ މަސްލަހަތު ކަމަށެވެ. އަދި އެމްޑީޕީގެއަމާޒަކީ އަބަދުވެސް އެންމެ ގިނަ ގޮޑި ހޯދުން ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ޕްރައިމަރީގައި ހޯރަފުށި އަދި ބ. އަތޮޅަށް ކުރިމަތިލައްވަން ނިންމެވި ދެ ބޭފުޅަކުވަނީ ޕާޓީއަށްޓަކައި ޕްރައިމަރީގައި ވާދަނުކުރައްވާނެކަން އިއްލާން ކޮށްފައެވެ. އެދެބޭފުޅުންނަށް ނަޝީދުވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެ ދެ މެމްބަރުން ދެއްކެވީ ރީތި ނަމޫނާއެއް ކަމަށާއި، ސިޔާސީ ގޮތުން ފަހަތަށް ޖެހެން ޖެހޭ ވަގުތު ފަހަތަށް ޖެހުމުގެ ސަބަބުން އިތުރު ކުރިއެރުން ލިބިގެންދާކަމަށެވެ. އަދި ޕާޓީއަށް ހިދްމަތް ކުރުމުގައި ކޮންމެހެން ކުރީ ސަފުގައި ކޮންމެހެން ހުންނަން ނުޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތަފާތަކީ މިފަދަ އަހްލާގުތައް ފެނުން ކަމަށާއި، އެމަނިކުފާނަށް ލިބޭ އެންމެ ބޮޑު ފަހރަކީ ޒަމާންވީ އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި މަސައްކަތް ކުރެއްވުން ކަމަށެވެ.