އަންނަ މަޖްލިސް އިންތިހާބުގައި ފޭދޫ އަދި ހުޅުދޫ ދާއިރާއަށް ކުރިމަތިލައްވަން އެދާއިރާ މިހާރުވެސް ތަމްސީލު ކުރައްވާ ދެ މެމްބަރުންނަށް ޕީޕީއެމްއިން ޓިކެޓު އަރުވައިފިއެވެ.
ފޭދޫ ދާއިރާ މިހާރު ތަމްސީލު ކުރައްވަނީ އިބްރާހިމް ދީދީ (އައިބީ) އެވެ. ހުޅުދޫ ދާއިރާ ތަމްސީލު ކުރައްވަނީ މުހައްމަދު ޝާހިދު (ޝާޑު)އެވެ.
ޝާޑު އާއި އައިބީއަކީ އައްޑޫގެ ހަތް ގޮޑީގެ ތެރެއިން ޕީޕީއެމް ތަމްސީލު ކުރައްވާ ދެމެމްބަރުންނެވެ. ބާކީ ފަސް ގޮޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީންނެވެ. މިފަހަރުގެ އިންތިހާބުގައިވެސް ފޭދޫ އަދި ހުޅުދޫ ދާއިރާ ވެގެންދާނީ ފޯރިގަދަ ދެ ދާއިރާއަށެވެ.
ރައީސް ޔާމީންވަނީ ރޭ އެމަނިކުފާނަށް ވަފާތެރި 24 މެމްބަރުންނަށް އަންނަ މަޖްލިސް އިންތިހާބުގައި ޕްރައިމަރީއަކާއި ނުލައި ވާދަކުރުމުގެ ފުރުސަތު ރޭ ދެއްވާފައެެވެ.
މި މެމްބަރުންނަށް ފްރީ ޓިކެޓު ދެއްވުމަށްފަހު ރައީސް ޔާމީން ވިދާޅުވީ މި މެމްބަރުންނަށް ޓިކެޓު ދެއްވީ އެ މެމްބަރުންގެ އިހްލާސްތެރިކަމަށް ބެލުމަށްފަހު ޕާޓީއަށް އެންމެ މަސްލަހަތު ރަނގަޅު ގޮތްކަމަށް ވުމުންނެވެ.
ޕްރައިމަރީ އާއި ނުލައި ޕީޕީއެމްގެ ޓިކެޓުދޭތީ ޕާޓީގެ ބައެއް މެމްބަރުން ވަނީ ހިތް ހަމަނުޖެހުން ފާޅުކޮށްފައެވެ. ރައީސް ޔާމީން ވިދާޅުވީ ޕްރައިމަރީގެ ސަބަބުން ޕާޓީ އިތުރަށް ބައިބައިވެފައިވާކަން މާޒީން ފެނިފައިވާ ކަމަށެވެ.