ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހުރިހާ ވަޒީރުންނަށް މަޖްލިސްއިން ރުހުންދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނަށް ވޯޓަށް އަހާފައިވަނީ ވަކި ވަކީންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ބަންޑާރަ ނައިބް އާއި އެކު 20 ވަޒީރުން ހިމެނޭއިރު ހުރިހާ ވަޒީރުންނަށް ރުހުންދޭން މަޖްލިސްގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ނިންމައި ރިޕޯޓު މަޖްލިސްގެ ތަޅުމަށް ފޮނުވާފައެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ނެގި ވޯޓުގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ހައުސިންގް މިނިސްޓަރު އައިމިނަތު އާތިފާ ޝުކޫރާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އަދި އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނަށް ވޯޓުގައި ބައިވެރިވި 72 މެމްބަރުންގެ އިއްތިފާގުން ރުހުން ލިބިފައިވެއެވެ.
އިސްލާމިކް މިިނިސްޓަރ ޑރ. އަހުމަދު ޒާހިރަށް 71 ވޯޓު ލިބިވަޑައިގެންނެވިއެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއަށް ވޯޓުގައި ބައިވެރިވި 71 މެމްބަރުން ވެސް ރުހުން ދިނުމަށް ވޯޓު ދީފައިވެއެވެ.
މީގެ އިތުރުން 70 މެމްބަރުންގެ އަޣުލަބިއްޔަތުން ރުހުން ލިބުނު މެމްބަރުންގެ ތެރޭގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން، ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އަދި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ހިމެނެއެވެ.
އެންމެ މަދުން ވޯޓު ލިބުނު ވަޒީރަކީ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފްއެވެ. ޝިދާތާއަށް ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ ތެރެއިން 67 މެމްބަރަކު ރުހުން ދީފައިވާއިރު ދެ މެމްބަރަކު ވަނީ ދެކޮޅަށް އަދި އެއް މެމްބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވައެވެ.
ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނަށް 68 ވޯޓު ލިބިފައިވާއިރު ހޯމް މިނިސްޓަރ ޝެއިޚް އިމްރާނަށް ވެސް ރުހުން ލިބިވަޑައިގެންނެވީ ހަމަ އެ އަދަދަށެވެ. ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް ލިބިވަޑައިގެންނެވީ 69 ވޯޓެވެ.