އަންނަ މާޗު މަހު ބާއްވާ މަޖްލިސް އިންތިހާބުގައި ދަނގެތީ ދާއިރާއަށް ކުރިމަތި ލައްވާނެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް އިއްލާން ކުރައްވައިފިއެވެ.
ނާޒިމް ވިދާޅުވީ ދަނގެތީ ދާއިރާއަށް ކުރިމަތި ލައްްވަން ނިންމެވީ ދަނގެތީ ދާއިރާ ހިމެނޭ 5 ރަށުގެ ރައްޔިތުންނާއި ކައުންސިލް ތަކާއި އެކު މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.
ވީޓީވީ "މެހުމާންސަރާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ އެދާއިރާއަށް ކުރިމަތިލާއިރު ދާއިރާ އޮތީ ވަރަށް ނިކަމެތިކޮށް ކަމަށެވެ.
11 އަހަރުގެ ޖަލު ހުކުމުން މިނިވަންވެ ޖުމްހުރީ ޕާޓީ އާއި ގުޅިވަޑައިގެންނެވި ނާޒިމް އަކީ މިހާރު ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރެވެ. ނާޒިމް ވިދާޅުވީ ދަނގެތީ ދާއިރާ ހިމެނޭ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލްކޮށް، މިހާރުން މިހާރަށްވެސް ކޮށްދެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލާ އެމަސައްކަތް ފަށާފައިވާކަމަށެވެ.
ދަނގެތީ ދާއިރާ މިހާރު ތަމްސީލް ކުރައްވަނީ ޖޭޕީ ޓިކެޓުގައި އެދާއިރާ ގޮޑި ކާމިޔާބު ކުރެއްވި އިލްހާމް އަހުމަދުއެވެ. އިލްހާމް ވަނީ އަންނަ މަޖްލިސް އިންތިހާބުގައި ދަނގެތީ ދާއިރާއަށް ކުރިމަތު ނުލައްވާނެ ކަން އިއްލާން ކުރައްވާފައެވެ.