މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް، އަހުމަދު މަހްލޫފް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް(ދަގަނޑޭ) އާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މިނިސްޓަރުގެ މި ބައްދަލުވުމުގައި އަޝްފާގާއެކު ބޭބެ، އަހުމަދު އަޝްފާން ވެސް ބައިވެރިވެފައިވެއެވެ. ދެބޭފުޅުން ވަނީ މަހްލޫފާއެކު ދިވެހި ފުޓުބޯޅައާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.
ދިވެހި ފުޓުބޯޅަ ދުށް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދަގަނޑޭ ވަނީ ޕްރެސް ކޮންފަރެންސަކަށް ހާޒިރު ނުވުމުގެ ސަބަބުން ގައުމީ ޓީމުން ދާދި ފަހުން ވަކިކޮށްފައެވެ. ގައުމީ ކޯޗު ޕީޓާ ސެގެޓް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ދަގަނޑޭ ޓީމުގައި ނުހިމަނައެވެ.
ނަމަވެސް އޭނާ އަންނަނީ އަދިވެސް ކުލަބު ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަޝްފާގް ވަނީ މިސީޒަނުގައި ޓީސީ އަށް ލީގު ހޯދާދިނުމުގެ އެންމެ އިސް ރޯލު އަދާ ކޮށްފައެވެ. އޭނާ ވަނީ ސީޒަނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.