Last Updated: June 10, 20:13
Wednesday, June 10, 2026
ޚަބަރު

ދެ ރިޔާސީ ކަމިޝަންގެ ބިލް ކޮމެޓީއަށް ފޮނުވަން ފާސްކޮށްފި

ކަރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރަން އުފެއްދި ކޮމިޝަނާއި، ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ކޮމިޝަން ތަކަށް ގާނޫނީ ބާރު ދިނުމަށް ހުށަހެޅި ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފިއެވެ.

ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ ތެރެއިން 42 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލާ ދެކޮޅަށް ފަސް މެންބަރަކު ވޯޓު ދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 73 މެމްބަރުން ހާޒިރުވެ ވަޑައިގެންނެވި އިރު ޕީޕީއެމް މެމްބަރުން ވަނީ ވޯޓަށް އެހި ވަގުތު ވޯޓުގައި ބައިވެރިނުވެ މަޖްލިސްގެ ރިޔާސަތުގެ ކުރިމަތީގައި އަޑުގަދަކޮށްފައެވެ.

ޕީޕީއެމް މެމްބަރުން ވަނީ އެ ބިލަކީ ގާނޫނު އަސާސީ އާއި ހިލާފު ބިލެއް ކަމަށް ބުނެ އަޑުއުފުލާފައެެވެ.

ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލަށް ވޯޓު އަހަން އިއްޔެ މަޖްލިސް ޖަލްސާގައި އެޖެންޑާ ކުރެވުނެވެ. ނަމަވެސް ޕީޕީއެމް މެމްބަރުން އަޑުގަދަކޮށް އިހްތިޖާޖު ކުރަން ފެށުމުން މަޖްލިސްގެ ރައީސް ގާސިމް އިބްރާހިމް ވަނީ ވޯޓަށް އެހުން ކެންސަލްކޮށްފައެވެ.

ކޮމިޝަނަށް ބާރު ދިނުމާއި ގުޅޭގޮތުން ޕީޕީއެމް މެމްބަރުން ބުނީ މި ބިލަކީ ބަލައިގަނެވޭނެ ބިލެއް ނޫންކަމަށާއި، މި ބިލުގެ ސަބަބުން އޭސީސީގެ ބާރު ކެނޑިގެންދާނެކަމަށެވެ.