ކުރީގެ ސަރުކާރުން ލާމަރުކަޒީ ގާނޫނާ ޚިލާފަށް ސިޓީ ކައުންސިލްތަކުން އަތުލާފައިވާ ބާރުތައް ކައުންސިލްތަކަށް އަލުން ދިނުމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުން ނިންމަވައިފިއެވެ.
މިއަދު ކެބިނެޓު ބައްދަލުވުމުގައި ނިންމާފައިވަނީ މިނިސްޓްރީތަކަށް ދީފައިވާ ކައުންސިލްތަކުގެ ބާރުތައް އަލުން ކައުންސިލްތަކަށް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުން ކައުންސިލްތަކަށް އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ކުނި ނެއްތުމުގެ މަސްއޫލިއްޔަތާއި އަވަށްތަކުގެ ޕާކުތަކާއި މައިދާންތައް ހުޅުވުމާއި ބަންދުކުރުން ފަދަ ކަންކަން ކައުންސިލްގެ ބެލުމުގެ ދަށަށް އަންނާނެއެވެ.