ޚަބަރު

އަފިރިން ވޯޓު ދިނީ ވެހައި މަރޮވޭ މީހުންގެ ހިސާބު ބަލާކަށް ނުން: ޝުކުރީ

ވޯޓު ދިނީ ހަމައެެކަނި ވިހާ މަރުވާގެ ހިސާބު ބެލެހެެއްޓުމަށް އެކަނި ނޫންކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުކުރީ ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުން ނަގާފައިވާ ބާރުތަކުގެ ތެރެއިން ރައީސުލް ޖުމްހުރިއްޔާއަށް މިވަގުތު ދެެވެން ހުރި ބާރުތައް ދިނުމަށް މިއަދު ވަޒީރުންގެ މަޖިލީހުން ނިންމުމާއި ގުޅިގެން ޝުކުރީ ވިދާޅުވީ ވޯޓު ދިނީ ހަމައެކަނި ވިހާ މަރުވާގެ ހިސާބު ބެލެހެއްޓުމާއި ރުއް ދޮށައް ވެއްޓޭ ކާށި ގުނުމުގެ ބާރު ކުރީގެ ކަތީބުންނަށް ދިން ގޮތަށް އެބާރު ހޯދުމަށް ނޫން ކަމަށެވެ.

"އަފިރިން ވޯޓުދިނީ ވެހައި މަރޮވޭ މީހުންގެ ހިސާބު ކިތާބު ބެލުމުގެ ބާރަ ހޯދާކަށް ނުން. އަފިރިން ވޯޓު ދިނީ އަތެޅެވެރިކަން ކެޑެ ޒަމާނި ރުއް ދަށައް ވެއްޓޭ ކައިށި ގެނުމުގެ ބާރަ ކަތީބުންނަށް ދިން ގޮތަށް އެބާރަ ހޯދާކަށް ނުން، އަފިރިން ވޯޓު ދިނީ މޮހޮނަށް ދޯނި ދިން ގޮތަށް ބާރަ ހޯދާކަށަސް ނުން، ކަން ނިވެ، ނަންވޭކަށް ބޭނުމަށް ނުން"

ޝުކުރީ ވިދާޅުވީ އައްޑޫ ސިޓީ ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހުރިހާ ހިދްމަތެއް ސިޓީން ނުދެވޭނަމަ އެއްވެސް ކަމަކާއި ހަވާލު ނުވުމަށް މޭޔަރަށް ގޮވާލާކަމަށެވެ.

ކައުންސިލްތަކަށް މިއަދު ރައީސް ދެއްވި ބާރުތަކުގެ ތެރޭގައި އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރިކޯޑް ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާ އިން އަންގާ ގޮތެއްގެ މަތިން ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި ސިޓީއެއްގެ ރަޖިސްޓްރީގައި ރަށްވެހިފައިވާ މީސްމީހުންނާއި ރަށްވެހި ނުވެ، ދިރިއުޅެމުންދާ މީހުންނާއި އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުން ހިމެނެ އެވެ.

އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމާއި މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ހުޅުވުމާއި ބަންދު ކުރުމާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓުތަކާއި ކެފޭތަކާއި އާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުން ވެސް އަލަށް ކައުންސިލްތަކަށް ދިން ބާރުތަކުގެ ތެރޭގައި ހިމެނެ އެވެ.