Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

މިވެރިކަން ވެއްޓިޔަކަ ނުދޭނަން: ނަޝީދު

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ވެއްޓިޔަކަ ނުދޭނެ ކަމަށާއި އެމަނިކުފާނުގެ ވެރިކަން ދަމަހައްޓާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މައްޗަނގޮޅި މެދު ދާއިރާގެ މެމްބަރު ކަމަށް ވާދަކުރައްވަން ނިންމަވާފައިވާކަން އިއުލާން ކުރައްވަމުން ނަޝީދު ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން ފެބްރުއަރީ މަހެއްގައި އަޅުގަނޑުމެން އެނބުރި އަންނާނެ ކަމަށް ވިދާޅުވި ކަމަށެވެ. މިއަދު މިތިބީ އައިސްފައި ކަމަށާއި މިހުރީ ރައްޔިތުންނަށް ޚިދުމަތް ކުރަން އަނެއްކާވެސް ތައްޔާރަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި މުއުމިނުންގެ ގައިގެ އެއް ހޮރަކަށް ދެ ފަހަރު ކައްޓެއް ނެހެރޭނެ ކަމަށާއި މިވެރިކަން ދަމަހައްޓަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ދެން ދިވެހި ރައްޔިތުން "ވަގުން" އިންތިޚާބު ނުކުރައްވާނެ ކަމަށާއި އެތަނަކީ ނަޒާހަތްތެރި ރައްޔިތުންގެ ވަކީލުން ތިބޭ ތަނަކަށް ހައްދަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. މަޖިލީހަކީ ފައިސާ ގޯނި އުފުއްލި ކަމަށް ބުނާނެ ތަނެއް ނޫން ކަމަށް ހައްދަވާނެ ކަމަށާއި އެ ސަގާފަތް ނިމުމަކަށް ގެންނަވާނެ ކަމަށް ނަޝީދު މިރޭ ވިދާޅުވިއެވެ.

ރައްޔިތުން އެމަނިކުފާނާއި އެމްޑީޕީއަށް ދެއްވާ ވޯޓަކީ ބޯހިޔާވަހިކަމާއި ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް ދެއްވާ ވޯޓެއް ކަމަށާއި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ތަކުރާރުކޮށް ނަޝީދު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ހިނގަމުން މިދާ މަޖިލީހުގެ ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކަށް އަލިއަޅުވާލައި ނަޝީދު ވިދާޅުވީ ރައްޔިތުންނަށް އެއްވެސް އިރެއްގައި ވައްކަން "އޯކޭ" އެއް ނޫން ކަމަށެވެ. ފައިސާ ގޯނި ހިފައިގެން މެމްބަރުން ކައިރިއަށް ފައިސާ ބަހަން ވަޑައިގަތް ކަމަށް މަޖިލީހުގައި ނުދެއްކޭނެ ކަމަށާއި ވަގުންނަށް މަޖިލީހުން ޖާގައެއް ނެތް ކަމަށެވެ. އަދި އިންސާނީ ހައްގުތައް ނުދަންނަ ބޭފުޅުންނަށް ވެސް މަޖިލީހުން ޖާގައެއް ނެތް ކަމަށާއި ރައްޔިތުން އެފަދަ ބޭފުޅުންނަށް ވޯޓު ނުދެއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.