Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ގޭންގުތައް ހުއްޓުވަން ބޭނުމީ ހަނގުރާމައަކުން ނޫން، ވާހަކަ ދައްކައިގެން: ޔޫތް މިނިސްޓަރ

ރާއްޖޭގައި ގޭންގުތައް ނެތްކަމަށް ނުބުނެވޭނެ ކަމަށާއި ގޭންގު ކުށްތައް ސީރިއަސް މިންވަރަކަށް ގޮސްފައިވާ ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. ނަމަވެސް އެކަން ހުއްޓުވުމަށް ހަނގުރާމައެއް އިއުލާން ކުރަން ބޭނުން ނުވާ ކަމަށާއި ސުލްހަވެރިކަމާއެކު ވާހަކަ ދައްކައިގެން ކުރިއަށް ދިއުމަށް ގަސްދުކުރާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީގައި ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޒުވާނުންގެ ކަންތައްތަކާ ހަވާލުވެގެން ހުރި ވަޒީރެއްގެ ހައިސިއްޔަތުން ޒުވާނުންގެ މައްސަލައެއް ހައްލު ކުރުމަށް ހަނގުރާމައަކަށް ދިއުމަށް ނުވިސްނާ ކަމަށެވެ.

އަދި ގޭންގުތަކުގައި ހަރަކާތްތެރިވާ ޒުވާނުންނާ މަޝްވަރާކޮށް، އެމީހުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ. އިތުރަށް ވަޅި ހަރައި ޒުވާނަކު މަރާނުލަނީސް މިކަމަށް ހައްލެއް ހޯދުމަށް އެދޭ ކަމަށް މަހްލޫފްގެ ވާހަކާގައި އަލި އަޅުވާލިއެވެ.

އެހެންކަމުން، ގޭންގުތަކުގައި ހަރަކާތްތެރިވާ ކަމަށް ދައުވާ ކުރާ ޒުވާނުންނަށް ވަރަށް ހާމަކަންބޮޑު ދައުވަތެއް އަރުވާ ކަމަށާއި މާރާމާރީތައް ހުއްޓުވުމަށް އެ ފަރާތްތަކުގެ އެހީއަށް އެދޭ ކަމަށް ވިދާޅުވެ މަހްލޫފް ވަނީ މަޝްވަރާގެ މަޖިލީހަކަށް ދައުވަތު އަރުވާފައެވެ.