ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި ނިންމުމަށް ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީ އިން މިއަދު ފާސްކޮށްފި އެވެ.
އެގޮތުން ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅެން ކޮމިޓީ އިން ފާސްކޮށްފައި ވަނީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ، ޖުމްހޫރީ ޕާޓީގެ އިތުރުން އިދިކޮޅު ޕީޕީއެމް އާއި އެމްޑީއޭ މެމްބަރުންގެ ވެސް އިއްތިފާގުންނެވެ.
ކޮމަންވެލްތުގައި ދިވެހިރާއްޖެއިން އަލުން ބައިވެރިވުމަށް ސަރުކާރުން ނިންމީ މިދިޔަ ނޮވެމްބަރު މަހު ރައީސް ސޯލިހު ބޭއްވެވި ކެބިނެޓްގެ ފުރަތަމަ ބައްދަލުވުމުގަ އެވެ. އަދި ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމި މައްސަލަ ފާސްކުރުމަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީއަށް ފޮނުވައިފައެވެ. އަދި އެކަމަށް ވޯޓަށް އެހުމަށް މާދަމާގެ ޖަލްސާގައި ވަނީ އެޖެންޑާކޮށްފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖެ ކޮމަންވެލްތާއި ވަކިވާން ނިންމީ 2016 ވަނަ އަހަރުއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް ވަޑައިގެން ވަނީ ރާއްޖެއިން ގުޅުން ކަނޑާފައިވާ ޖަމިއްޔާ ޖަމާއަތްތަކާއި ގައުމުތަކާއި ގުޅުން ގާއިމް ކުރުމަށް ނިންމާފައެވެ.
ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ ޖުލައި 9، 1982 ގަ އެވެ. އަދި އެ ޖަމާއަތުން ވަކިވީ އޮކްޓޫބަރު 13، 2016 ގަ އެވެ. ރައީސް ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމަށް އެެޖަމިއްޔާއިން މަސައްކަތް ކުރާކަމަށް ބުނެއެވެ.