Last Updated: June 10, 20:13
Wednesday, June 10, 2026
ޚަބަރު

ވަގުންނެއް ދެން މަޖްލިހަކަށް ނުހޮވާނެ: ނަޝީދު

ކުރިއަށް އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް ވަގުންނެއް ދެން ރައްޔިތުން ނުހޮވާނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލައްވާނެކަން އިއްލާން ކުރުމަަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ "ވައްކަން އޯކޭ" ނޫންކަމަށާއި، ވަގުންނެއް ދެން ރައްޔިތުންގެ މަޖިލީހަށް ނުހޮވާނެކަމަށެވެ.

ނަޝީދު ވިދާޅުވީ މަޖްލިސްގައި ފައިސާ ގޯނި ހިފައިގެން ދުވާ މީހުންނަށް ދެން ރައްޔިތުން ފުރުސަތު ނުދޭނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ވަކީލުންގެ ތަނެެއް ކަމަށާއި ދައުލަތުގެ ފައިސާއަކީ ރައްޔިތުންގެ މިލްކެެއް ކަމަށެވެ. އަދި އެއިން އެެންމެ ފައިސާ ފޮއްޗެއްގައިވެސް އަތް ލެވިގެން ނުވާނެކަމަށާއި އެކަމަށް ފާރަވެރިވާނީ މަޖްލިސްގައި ތިއްބަވާ ރައްޔިތުންގެ ވަކީލުން ކަމަށެވެ.

ނަޝީދު ވިދާޅުވީ 19 ވަނަ މަޖްލިސް ވެގެންދާނީ ދިވެހިން އެދޭ ގައުމިއްޔަތެއް ބިނާ ކުރުމަށް ހޮވޭ މަޖްލިސްއެއް ކަމަށާއި އެމަޖްލިސްއަށް ރައްޔިތުން ހޮވާނީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ ބައެއް ކަމަށެވެ. އަދި އެ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަކަށް އިރާދަކުރެއްވިއްޔާ ހަދާނަނެކަމަށް ނަޝީދު ވިދާޅުވިއެވެ.