ޖަމިއްޔާތަކަށް އެހީވުމުގެ ނަމުގައި ފޭކް ކޯލު ކުރުން އިތުރުވެއްޖެއެވެ.
ފަހަކަށް އައިސް ތަފާތު ޕްރޮމޯޝަންގެ ނަމުގައި މީހުން އޮޅުވާލައި ބޮޑެތި އަދަދުން ފައިސާ ފޭރުން ގިނަ ވެފައިވާ އިރު މިހާރު އަންނަ ފޯނު ކޯލް ތަކަކީ ކޮންމެވެސް އިންސާނީ ހައްގަށް މަސައްކަތް ކުރާ ނުވަތަ އެހީދޭ ކޮންމެވެސް ޖަމިއްޔާއެއްގެ ނަމުގައި ފައިސާގެ އެޙި ދިނުމަށް އެދި އަންނަ ފޯނު ކޯލް ތަކެކެވެ.
މި ފަދަ ފޯނު ކޯލްތަކަށް މީހުން ޖަވާބުދާރީވެ، ބޮޑެތި އަދަދުން ދަނީ ފައިސާ ޖަމާ ކުރަމުންނެވެ. މިއީ މަކަރާއި ހީލަތުން މީހުން މަޅީގައި ޖައްސައި ފައިސާ ފޭރުމުގެ އާ އުކުޅެކެވެ.
ފޭކް ކޯލު ކުރާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި އެދެނީ އެމީހުން ބުނާ ނަންބަރަކަށް ފައިސާ ނުވަތަ ފޯނު ނަންބަރަކަށް ރީލޯޑުކޮށް ދިނުމަށެވެ. ނުވަތަ ބޭންކު އޮފް މޯލްޑިވްސްގެ ވިސާ ޑެބިޓު ކާޑުގެ ތަފްްސީލު ދިނުމަށެވެ. މި މައުލޫމާތު އެފަރާތްތަކާއި ހިއްސާ ކުރުމާއި އެކު ބޭންކުގައި ހުންނަ ފައިސާކޮޅު އެއްކޮށް ފޭރިގަނެއެވެ.
ފޭކު ކޯލުތަކަށް ސަމާލުވުމަށް ބޭންކު އޮފް މޯލްޑިވްސްއިން ތަކުރާރުކޮށް އާއްމުން ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އަދިވެސް މިފަދަ ކޯލްތަކަށް ޖަވާބުދީ ކާޑުގެ މައުލޫމާތު ހިއްސާ ކުރާ މީހުން ގިނައެވެ.
މިކަމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ބަލަން ޖެހިފައިވާ ގައުމީ ބޮޑު މައްސަލައެކެވެ. މުޅި އުމުރުގައި މީހުން ޖަމާކުރި ފައިސާ ކޮޅު ސިކުންތު ކޮޅެއްގެ ތެރޭގައި ފޭރިގަނެއެވެ.
ފުލުހުންނާއި މުވާސަލާތީ ހިދްމަތްދޭ ކުންފުނި، އަދި ބޭންކުން މިކަމަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއްދީ މުޅި ގައުމުގެ ރައްޔިތުން މިކަމަށް ހޭލުންތެރި ކުރަންވެއްޖެއެވެ. މި ފަދަ ކޯލްތަކަށް ކިޔަވައިގެން ތިބި ތަންދޮރު އޮޅުން ފިލާފައި ތިބި މީހުން ވެސް އިޖާބަދީ ލަނޑު ލިބިފައިވެއެވެ. އެހެންކަމުން މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން މިވަނީ ޖެހިފައެވެ.
ކޮކާކޯލާ، ޝީޝާ، ދިރެާގު، އުރީދޫ، ބޭންކު އަދި އެކި ޖަމިއްޔާ ޖަމާއަތްތަކުގެ ނަމުގައި އަންނަ ފޭކް ކޯލްތަކަށް ސަމާލުވެ މިފަދަ ކޯލް ކުރާ ފަރާތްތައް ހުއްޓުވުމުގައި ޓެލެކޮމިއުނިކޭޝަން މިނިސްޓްރީގެ ޒިއްމާ ބޮޑެވެ. މިކަންކަން މިގޮތަށް ދޫކޮށް ދެއަތް އުރާލައިގެން ތިބެވޭކަށް ނެތެވެ.
ލަސްނުވެ ފިޔަވަޅު އަޅަންވީއެވެ.