Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

ވާހަކަ ދައްކައިގެން ގޭންގުތައް ހުއްޓުވަން އުޅުމުންވެސް ގޯސް: މަހްލޫފް

ހުއްޓުވުމަށް ހަނގުރާމައެއް އިއުލާން ކުރަން ބޭނުން ނުވާ ކަމަށާއި ސުލްހަވެރިކަމާއެކު ވާހަކަ ދައްކައިގެން ކުރިއަށް ދިއުމަށް ގަސްދުކުރާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވުމުން ބައެއް ފަރާތްތަކުން އެ މަނިކުފާނުގެ ވާހަކަތަކަށް ފާޑު ކިޔުމުގެ ސަބަބުން، މިއަދު މަހްލޫފް ވަނީ ވާހަކަ ދައްކައިގެން ގޭންގުތައް ހުއްޓުވަން އުޅުނީމަވެސް ވަނީ ގޯސް ކަމަށް ވިދާޅުވެފައެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ކެމްޕޭން ތެރޭގައި ރާއްޖޭގައި ގޭންގް ނޫޅޭ ކަމަށް ޔާމީން ވިދާޅުވީމަ ވެސް ގޯސް ކަމަށާއި، އުމަރު ޓެގް އެޅުވީމަ ވެސް ގޯސް ކަމަށް ވިދާޅުވެފައެވެ. އަދި މަސްއޮޑިގެއަށް އެސްއޯ ފުލުހުން ވަދެ އެތަން ފުނޑު ފުނޑު ކޮށްލާ ތަޅާލީމަވެސް ގޯސް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ގޭންގް ހަޓް އަދި ޖޯލިތައް ނެގުމުން ވެސް ގޯސް ކަމަށާއި ވާހަކަ ދައްކައިގެން ގޮތެއް ފެނޭތޯ ބެލީމަ ވެސް ގޯސް ކަމަށް ވިދާޅުވެފައެވެ.

މަހްލޫފް ވާހަކަ ދައްކައިގެން ގޮތެއް ފެނޭތޯ ބައްލަވަން ބޭނުންވެ ލައްވާ ކަމުގައި ކުރެއްވި ޓްވީޓާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި މަހްލޫފް އަކީ މާ ކުރިއްސުރެވެސް ގޭންގްތަކާއި ގުޅުން އޮންނަ ފަރާތެއް ކަމަށް ތުހުމަތު ކޮށް ވާހަކަ ފަތުރާފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގޭންގްތަކުން ހިންގާ މާރާމާރީތަކުގައި ފަހަކަށް އައިސް ޒުވާނުން ތަކެއްގެ ފުރާނަ ވަނީ ނަގާލާފައެވެ. މިއީ ކޮންމެ ވެސް ގޮތަކަށް ހައްލު ކުރަންޖެހިފައިވާ މައްސަލައެކެވެ.