އދ. ގެ ތިމާވެށްޓާ ބެހޭ މުއާހަދާ، ކޮޕް ސަމިޓްގެ 24 ވަނަ ޖަލްސާގައި ކުދި ގައުމު ތަކުގެ ތިމާވެށީގެ މައްސަލަ ފާހަގަކޮށް އެހީތެރިކަން ހޯދުމަށް ވަކާލާތު ކުރައްވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދުބެެއްގެ ގޮތުން ކޮޕް ސަމިޓަށް ޕޮލެންޑަށް ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓުގައި ނޫސްވެެރިންނާއި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކުދި ގައުމުތަކުގެ އަޑު ސަމިޓުގައި އިއްވާނެކަމަށެވެ.
މިމަހުގެ 10 އިން 14 އަށް ކުރިއަށް ގެންދާ ސަމިޓުގައި މަޝްވަރާ ކުރެވިގެން ދާނީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ އިއާދަ ކުރަނިވި ހަކަތައިން އުފައްދާ ކަރަންޓާ ބެހޭ ގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުންނެވެ.
ނަޝީދަކީ ކުދި ޖަޒީރާ ގައުމުތަކުގެ ތިމާވެށީގެެ މައްސަލަ ބާރުގަދަ ބިޔަ ގައުމުތަކުގެ ސަމާލުކަމަށް ގެނެސްދެއްވާފައިވާ ދުނިޔޭގެ ސަމާލުކަން ހޯއްދަވާފައިވާ ލީޑަރެކެވެ.