Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ކައުންސިލްތަކުން ނެގި ބާރެއް ނުލިބުނު، މިހާރު މާ ގޯސް: ސޯބެ

ކައުންސިލް ތަކަށް އަލުން ބާރު ދިނީ ނަމަކަށް ކަމަށާއި ކުރިއަށްވުރެ މިހާރުގެ ކަންކަން ގޯސް ކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު، ސޯބެ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކައުންސިލްތަކަށް ބާރުދޭން އިއްޔެ ކެބިނެޓުން ނިންމިއިރު ކައުންސިލްތަކުން އަސްލު ލާމަރުކަޒީ ގާނޫނުން ލިބިދިން ބާރުތައް ދީފައި ނުވެއެވެ. ކައުންސިލްތަކަށް އިއްޔެ ދޭން ނިންމާފައިވަނީ އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރިކޯޑް ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާ އިން އަންގާ ގޮތެއްގެ މަތިން ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި ސިޓީއެއްގެ ރަޖިސްޓްރީގައި ރަށްވެހިފައިވާ މީސްމީހުންނާއި ރަށްވެހި ނުވެ، ދިރިއުޅެމުންދާ މީހުންނާއި އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމެވެ.

ސޯބެ މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި ކައުންސިލްތަކަށް އަލުން ބާރު ދެއްވާނެކަމަށް ވައުދުވެ ވަޑައިގެންނެވި ކަމަށާއި، އެވައުދަށް ރައްޔިތުން ވޯޓު ދިން ކަމަށެވެ. ނަމަވެސް މިހާރު މި ފެންނަނީ އެބާރުތައް ކައުންސިލްތަކަށް ނުދީ ވަޒީރުން ދެއްވަން ބޭނުންފުޅުވާ ކަމެއް ދޭން ނިންމި ތަން ކަމަށެވެ.

"ރައީސް ޔާމީނަކީ ލާމަރުކަޒީ ނިޒާމާއި ދެކޮޅު ބޭފުޅެއް، އެހެންވެ ޔާމީން ހުރިހާ ބާރުތަކެއް ނަގައި އަމިއްލަ މުށުތެރެއަށް ލެއްވީ، އެކަމަކު އަޅުގަނޑުމެން މީ ލާމަރުކަޒީކޮށް ގައުމު ހިންގަން ވަކާލާތު ކުރި މީހުން، އެކަމަކު އިއްޔެ މި ފެނުނީ އަނެއްކާވެސް ވަޒީރުންނަށް ފައިބުޑަށް ގޮސް ސަލާން ޖެހޭ ގޮތަށް ބާރު ދިންތަން"

ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ މިހާރު އޮތީ ވަޒީރުން ބޭނުންފުޅު ކަމެއް ކައުންސިލުން އެދުމުން ދޭ ގޮތަށް އޮތް އުސޫލެއް ކަމަށެވެ، އަދި އެގޮތަށް ބާރު ބޭނުން ނޫންކަމަށް ސޯބެ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ވަޒީރުންނާއި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް އޮފީހުގައި ރަސްމީ ފުރަތަމަ ބައްދަލުވުމަކަށް ބައްދަލު ކުރެއްވީ އައްޑޫ ސިޓީ ކައުންސިލާއިއެވެ. ރައީސް ސޯލިހު ވަނީ އެ ބައްދަލުވުމުގައި ގާނޫނުން ލިބިދޭ ބާރު ކައުންސިލަށް ދެއްވާނެކަމަށް ވިދާޅުވެފައެވެ.