ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން އިން މިއަދު ތާޢީދުކޮށްފި އެވެ.
އެގޮތުން ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅެން ކޮމިޓީ އިން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާޤުންނެވެ. އަދި އެ ނިންމުމާއި ދެކޮޅަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ.
ރާއްޖެއިން ކޮމަންވެލްތާއި އަލުން ގުޅުމަށް ވޯޓުދެއްވި މެމްބަރުންގެ ތެރޭގައި އިދިކޮޅު ޕީޕީއެމް އާއި އެމްޑީއޭ މެމްބަރުންގެ ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި މީގެ ދެ އަހަރު ކުރިން، ހަމަ އެ މެމްބަރުން ވަނީ ކޮމަންވެލްތާއި ގުޅުން ކަނޑާލަން މަޖިލީހުގައި ވޯޓު ދެއްވައިފަ އެވެ.
ކޮމަންވެލްތުގައި ދިވެހިރާއްޖެއިން އަލުން ބައިވެރިވުމަށް ސަރުކާރުން ނިންމީ މިދިޔަ ނޮވެމްބަރު މަހު ރައީސް ސޯލިހު ބޭއްވެވި ކެބިނެޓްގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖެ ކޮމަންވެލްތާއި ވަކިވާން ނިންމީ 2016 ވަނަ އަހަރުއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް ވަޑައިގެން ވަނީ ރާއްޖެއިން ގުޅުން ކަނޑާފައިވާ ޖަމިއްޔާ ޖަމާއަތްތަކާއި ގައުމުތަކާއި ގުޅުން ގާއިމް ކުރުމަށް ނިންމާފައެވެ.
ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ ޖުލައި 9، 1982 ގަ އެވެ. އަދި އެ ޖަމާއަތުން ވަކިވީ އޮކްޓޫބަރު 13، 2016 ގަ އެވެ. ރައީސް ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމަށް އެެޖަމިއްޔާއިން މަސައްކަތް ކުރާކަމަށް ބުނެއެވެ.