Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ

މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި - ފޮޓޯ: ޓްވިޓާ (ޕޮލިސް)

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހެމުން ދާއިރު، ފެންބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފަ އެވެ.

މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި މިއަދު ހެނދުނު 08:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށް މާލެއަށް ވަނީ 140 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި މެންދުރު 13:45 އިން ފެށިގެން ހަވީރު 16:45 އާއި ހަމައަށް މެޓް އޮފީހުން ވަނީ މާލެ އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ.

މާލޭގެ ބައެއް ސަރަޙައްދުތަކުގައި ދެ ފޫޓަށް ފެންބޮޑުވެފައިވާއިރު، ފުލުހުން ބުނީ މާލޭގެ މަގުތަކުގައި ޕާކްކޮށްފައި ހުރި ބައެއް ސައިކަލްތައް ވެސް ވެއްޓިފައިވާ ކަމަށެވެ. އެހެންކަމުން އެއްގަތު އުޅަނދުތައް ދުއްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި ބައެއް ސަރަޙައްދުތަކުގައި ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އިން ވެސް ދަނީ މިހާރު ކުރަމުންނެވެ.