ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް ކައުންސިލުން ނިގުޅައި ގަނެވިފައިވާ ބާރުތައް ދިނުމަށް ގޮވާލައި އައްޑޫ ސިޓީ ކައުންސިލުން ކުއްލި ގަރާރެއް ފާސްކޮށްފިއެވެ.
ކައުންސިލުން މިއަދު ކުއްލި ގަރާރެއް ފާސްކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައެއް ބާރުތައް ކައުންސިލަށް ދޭން ނިންމުމާއި ގުޅިގެން އެއީ ރައްޔިތުން އެންމެ ބޭނުންވާ ބާރު ނޫންކަމަށް ވިދާޅުވެ މިއަދު ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައެވެ.
ކައުންސިލުން މިއަދު ފާސް ކުރި ކުއްލި ގަރާރުގައި ބުނެފައިވަނީ ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައިވާ ލާމަރުކަޒީ އުޞޫލްތަކާއި އެއްގޮތްވާގޮތުގެމަތީން ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާއާއި 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސިޓީ ކައުންސިލްގެ ބާރުތަކާއި ސިޓީ ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ދެވޭނެ ގޮތަކަށް ސަރުކާރުގެ އިދާރީ ހިންގުން ހަމަޖައްސަވައި ދެއްވުމަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށް އައްޑޫ ރައްޔިތުންގެ ފަރާތުން ނުހަނު އިޚްލާޞްތެރި ކަމާއެކު އިލްތިމާސްކޮށް އަދި ޤާނޫނު ނަންބަރު 2010/7 ގެ 56 ވަނަ މާއްދާއަށް ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ގެނެސްފައިވާ އިޞްލާޙު ބާޠިލްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިލްތިމާސްކޮށް މިގޮތުގެމަތިން މި ޤަރާރު އައްޑޫސިޓީ ކައުންސިލުން ފާސްކުރުމަށް ކައުންސިލްގެ 03 ވަނަ ދައުރުގެ 10 ވަނަ ކުއްލި ޖަލްސާއިން މި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ނިންމާފައިވާ ކަމަށެވެ.
ކައުންސިލްގެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ޤާނޫނު ނަންބަރު 2010/7 ގެ 41 ވަނަ މާއްދާއިން ސިޓީ ކައުންސިލަށް ލިބެންޖެހޭ ބާރުތައް ނިގުޅައި ގަނެވިފައި އޮތްއޮތުމާއި، އެ ޤާނޫނުގެ 42 ވަނަ މާއްދާއިން ސިޓީ ކައުންސިލުން ދިނުމަށް ލާޒިމްކޮށްފައިވާ ޚިދުމަތްތައް ނުދެވޭގޮތައް އައްޑޫ ސިޓީގެ އިދާރީ ހިންގުން ބައްޓަންވެފައި އޮންނަ އޮތުމަކީ، ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ބާރާއި، 8 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ދުސްތޫރުގެ ސިޔާދަތު ތަރުތީބުވެ އިސްތިޤްރާރުވެފައިވާ ގޮތާއި ޤާނޫނުގެ ވެރިކަމާއި ކޮންސްޓިޓިއުޝަނަލް ސުޕްރެމަސީގެ މަބްދައުތަކާއި ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) އާއި، އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައްލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި ޚިލާފަށް ހަމަޖެހިފައިވާ އުޞޫލެއްކަމުގައި ކައުންސިލުން ދެކޭ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހުން އިއްޔެވަނީ ކައުންސިލްތަކަށް ބާރު ދިނުމަށް ފާސްކޮށްފައެވެ. ސަރުކާރުން ކަންސިލްތަކަށް އިއްޔެ ދޭން ނިންމާފައިވަނީ އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރިކޯޑް ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާ އިން އަންގާ ގޮތެއްގެ މަތިން ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި ސިޓީއެއްގެ ރަޖިސްޓްރީގައި ރަށްވެހިފައިވާ މީސްމީހުންނާއި ރަށްވެހި ނުވެ، ދިރިއުޅެމުންދާ މީހުންނާއި އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުއްލި ގަރާރެއް ފާސްކޮށްފައިވަނީ ކައުންސިލުގެ ބައްދަލުވުމަށް ހާޒިރުވި ހަ މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ކުއްލި ބައްދަލުވުމުގައި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު، ސޯބެ ބައިވެރިވެވަޑައިނުގަންނަަވެއެވެ. ސޯބެ ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި މާލޭގައެވެ.