ކަމާއި ގުޅުންހުރި މިނިސްޓްރީއަކާއެކު އެގްރިމެންޓު ކުރާ ގޮތަށް ސިޓީ ކައުންސިލްތަކަށް އިތުރު ބާރުތަކެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓަށް މިއަދު ހަވީރު 4:00 ގެ ފަހުން އަރުވާފައިވާ ހަބަރެއްގައި ބުނެފައިވަނީ ކައުންސިލްތައް އިތުރަށް ބާރުވެރިކުރުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ މުހިންމު ވައުދުފުޅުގެ ދަށުން، ސިޓީ ކައުންސިލްތަކުގެ ޒިންމާއިން ދައުލަތުގެ އެކި ވުޒާރާތަކަށް މީގެ ކުރިން ނަންގަވާފައިވާ މުހިންމު މަސައްކަތްތަކެއް އަލުން އަނބުރާ ކައުންސިލްތަކަށް ދިނުމަށް، އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމަވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ ސިޓީ ކައުންސިލްތަކުގެ ޒިންމާއިން ނަގާފައިވާ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާ ގުޅޭ މަސްއޫލިއްޔަތުތަކުގެ ތެރެއިން ކައުންސިލްތަކަށް އަލުން އަނބުރާ ދެއްވި ބާރުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ލޭންޑް ޔޫސް ޕްލޭނާ ތަޢާރުޟުނުވާ ގޮތުގެމަތިން، ބިމާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތަކަށް ބިން ދޫކުރުމާއި، ބިމާއި ޢިމާރާތްތައް ރަޖިސްޓަރީކުރުމާއި، ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން އެކިއެކި ފަރާތްފަރާތުން ބިންބިމާ ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތުތަކުގެ ރެކޯޑުތައް ބެލެހެއްޓުން ހިމެނެއެވެ.
އަދި، ސިޓީތަކާއި ސިޓީތަކުގައި ހިމެނޭ އަވަށް އަވަށުގެ ބިމާއި، ސިޓީ ކައުންސިލްގެ ސަރަޙައްދު ތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރުމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އަވަށު އޮފީސްތަކުގެ މަޝްވަރާއާ އެއްގޮތަށް ޕްލޭނެއް އެކުލަވާލުމަކީވެސް ސިޓީ ކައުންސިލްތަކަށް ދޫކޮށްލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ މަސްއޫލިއްޔަތެކެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ސިޓީތަކުގައި ހިންގާ ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުމާއި، އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި، ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުމަކީވެސް ސިޓީ ކައުންސިލްތަކުން އަދާ ކުރާނެ ޒިންމާއެއް ކަމުގައި ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ.
އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދެވި މަޝްވަރާތަކަށްފަހު، ކައުންސިލްތަކުގެ ބެލުމުގެ ދަށުން ޚިދުމަތް ދެވޭ ތަންތަނާއި، ކައުންސިލްތަކުގެ އުޅަނދުފަހަރާއި މަގުތަކާއި ޕާކު ފަދަ ޢާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުމާއި، ސިޓީތަކުގެ މަގުތައް ހެދުމާއި، މަގުތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި، ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުމަކީވެސް ސިޓީ ކައުންސިލްތަކަށް ދޫކޮށްލައްވާ ބާރުތަކެއް ކަމަށް ވަޒީރުން ވަނީ ކަނޑައަޅުއްވާފައެވެ.
އަދި، ރަށް ގިރުން ހުއްޓުވުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމާއި، ރަށުގެ އެއްގަމުތޮށްޓާއި ކަނޑުތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުމާއި، މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމާއި، މަގުމަތީގައި ފެންހިންދުމަށް ހަދާފައިވާ ކާނުތައް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުމާއި، ޕެސްޓް ކޮންޓްރޯލްކުރުމުގެ މަސްއޫލިއްޔަތުވެސް ސިޓީ ކައުންސިލްތަކަށް ދޫކޮށްލުމަށް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޒިންމާއެއްގެ ގޮތުގައި އޮތް މިސްކިތްތައް ބެލެހެއްޓުމާއި ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުމުގެ ޒިންމާއާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޒިންމާއެއްގެ ގޮތުގައި އޮތް، މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، ޢާންމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުންވެސް ސިޓީ ކައުންސިލްތަކުގެ ބާރުގެ ދަށަށް ދޫކޮށްލުމަށް ވަޒީރުން ނިންމެވިއެވެ.
އަދި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ޒިންމާއެއްގެ ގޮތުގައި އޮތް، ސިޓީތަކުގައި ހިމެނޭ ބިންބިމުގެ ދަފްތަރު އެކުލަވައި އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވާ ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާއާއި، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ޒިންމާއެއްގެ ގޮތުގައި އޮތް، އިޖްތިމާޢީ މަރުކަޒުތަކާއި ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަސީލަތްތަކާއި ޢާންމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޒިންމާއެއްގެ ގޮތުގައި އޮތް ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމަކީވެސް ކުރިއަށް އޮތް ތާނގައި ސިޓީ ކައުންސިލްތަކުން ކުރިއަށް ގެންދަވާނެ މަސައްކަތްތައް ކަމުގައި ވަޒީރުން ވަނީ ނިންމަވާފައެވެ.
ރައީސް އޮފީހުން އިއްޔެ ކައުންސިލަށް ދޫކުރަން ނިންމެވި ކަންކަންކަމަށް ހާމަ ކުރައްވާފައިވަނީ އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރިކޯޑް ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާ އިން އަންގާ ގޮތެއްގެ މަތިން ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި ސިޓީއެއްގެ ރަޖިސްޓްރީގައި ރަށްވެހިފައިވާ މީސްމީހުންނާއި ރަށްވެހި ނުވެ، ދިރިއުޅެމުންދާ މީހުންނާއި އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމެވެ.
ރައީސް އޮފީހުން މިއަދު ސިޓީ ކައުންސިލަށް އިތުރު ބާރުތަކެއް ދެއްވިއިރު ބުނެފައިވަނީ ސިޓީ ކައުންސިލްތަކަށް ދޫކޮށްލެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ މަސްއޫލިއްޔަތުތައް އެ ކައުންސިލްތަކުން އަދާކުރަމުން ގެންދާނީ، އެ ކަމަކާ ގުޅުންހުރި މިނިސްޓްރީއަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ވަޒީރުން އެއްބަސްވެފައިވާ ކަމަށެވެ.
އެކަމާއި ގުޅިގެން ގާނޫނުން ކައުންސިލަށް ލިބިދޭ ބާރު ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލައި އައްޑޫ ކައުންސިލުން ވަނީ ކުއްލި ގަރާރެއް ފާސްކޮށްފައެވެ. އައްޑޫގެ މޭޔަރަ އަބްދުﷲ ސޯދިގު، ސޯބެވެސް ވަނީ ކައުންސިލަށް ދިން ބާރާއި މެދު ހިތް ހަމަނުޖެހުން ފާޅުކޮށްފައެވެ.
ވަކިވަކި ވުޒާރާ ތަކާއި އެކު އެގްރިމެންޓު ކުރާ ގޮތަށް ދޭން ނިންމި ބާރުތަކަކީ ރައީސް ޔާމީންގެ ސަރުކާރުގެ ކުރިން ކައުންސިލަށް އެއްވެސް ގާނޫނީ ހުރަހެއް ނެތި ލިބިފައިވާ ބާރުތަކެވެ. މި ބާރުތަކަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ފުރިހަމައަށް ލިބިދީފައިވާ ބާރުތަކެވެ.