Last Updated: June 10, 20:13
Wednesday, June 10, 2026
ޚަބަރު

ފެން ވަދެ ގެއްލުން ލިބުނު 160 އާއިލާއިން އެހީއަށް އެދިފައިވޭ: ރައީސް

މިއަދު ހެނދުނުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރާގައި ފެން ވަދެ ގެއްލުންވެގެން 160 އާއިލާއިން އެހީއަށް އެދިފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާލޭގައި ބޮޑުވި ފެންގަނޑު ހިންދުމަށް ސިފައިން ކުރަމުންދާ މަސައްކަތް ބައްލަވާ ލެއްވުމަށް ކަޅުތުއްކަލާ ކޮއްޓަށް ވަޑައިގަތުމަށް ފަހު ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ފެން ވަދެ ގެއްލުން ލިބިގެން 160 އާއިލާއިން އެހީއަށް އެދިފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ދިމާވާ ކަންކަމަށް އެހީތެރިވުމަށް ހާއްސަ ސެންޓަރެއް ކަލާފާނު ސްކޫލްގައި ގާއިމްކޮށްފައިވާ ކަމަށެވެ. ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތި އުނދަގުލަށް ހިތާމަކުރާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައިސް ސޯލިހު ވިދާޅުވީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އާއި ސިފައިންނާއި ފުލުހުން އަދި އެހެނިހެން ސަރުކާރުގެ އިދާރާތަކާއި މޯލްޑިވިއަން ރެޑް ކްރެސެންޓް އަދި އެހެނިހެން ސަރުކާރުގެ އިދާރާތަކާއި އަދި އާއްމު ފަރުދުން ދަނީ މަގުތަކުގައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާ، ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީ ފޯރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސު ސޯލިހުގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީވެސް ވަނީ ފެން ހިންދުމަށް ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަން ބައްލަވާލައްވާފައެވެ.