Last Updated: May 2, 06:02
Thursday, May 2, 2024
ކޮލަމް

އައްޑު އާއި އިނގިރޭސިން (1)

އިނގިރޭސިންގެ މެޑިކަލް ޓީމް އަދި އެޓީމުގައި ހިމެނޭ އައްޑޫ މީހުން
ގަމުގައި އިނގިރޭސިން އުޅުނު ދުވަސްވަރު ދަމާސް ސާލިހް
ގަމުގައި އިނގިރޭސިން އުޅުނު ދުވަސްވަރު ދަމާސް ސާލިހް

1939 ން 1945 އަށް ކުރެވުނު ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގައި އިނގިރޭސިންނާއި އިއްތިޙާދުވި ޤައުމު ތަކުން ޚާއްޞަކޮށް އިނގިރޭސިން އިންޑިޔާކަނޑުގެ އެތެރެވަރީގައި ކުރި ހަނގުރާމައިގައި އައްޑޫއަތޮޅު ވަނީ އެމީހުންގެ މަރުކަޒަކަށް ހަދާފައެވެ. ހިތަދޫ "ކޯއްޓޭ" އާއި މީދޫ "މާއެޅެ" ސަރަޙައްދު އަދި ވިލިގިލީގައި އިނގިރޭސިންގެ މަރުކަޒުތަކެއް ޤާއިމު ކޮށް އެމަރުކަޒުތަކުގައި ތިބެ ދުޝްމަނުންނާއި ހަނގުރާމަކޮށްފައިވެއެވެ. މިކުރި ހަނގުރާމައިގައި އިނގިރޭސިންނަށް ކާމިޔާބު ލިބުމަށްފަހު އައްޑޫއަތޮޅު ވެފައިވަނީ އިނގިރޭސިންނަށް މުހިއްމު ތަނަކަށެވެ. ސަބަބަކީ އައްޑޫއަތޮޅަކީ އަތޮޅުގެ އުތުރާއި ދެކުނު ބިތުގައި އޮންނަ ހަތަރުކަނޑުއޮޅި ފިޔަވައި އަތޮޅުތެރެއަށް ވަދެވޭނެ އެއްވެސް މަގެއްނެތް އަމާން ބަނދަރަކަށްވާކަމެވެ. މިސަބަބަށްޓަކައި އިނގިރޭސިން އައްޑޫއަތޮޅާއިމެދު އުފެދިފައިވާ ޝައުޤުވެރިކަން އެކި ސިފަސިފާގައި ދިވެހިސަރުކާރަށް ހުށަހަޅަމުންދިޔައެވެ. އެދުވަސްވަރު ދިވެހިރާއްޖެ ވަނީ އިނގިރޭސި ޙިމާޔަތުގެ ދަށުގައި ކަމުން ދިވެހިސަރުކާރަށްވެސް މަޖުބޫރުވީ އިނގިރޭސިންގެ އަޑުއަހާ، އެއަޑަށް ރަގަޅު ގޮތްތަކެއް ހަދައިދޭށެވެ.

މީލާދިން 1955 ވަނަ އަހަރުގެ ނޮވެމްބަރ 25 ވަނަ ދުވަހަކީ އައްޑޫއަތޮޅުގައި ވައިގެ މަރުކަޒެއް ހަދައިގެން ޤާއިމުވެ ތިބުމުގެ ނިޔަތުގައި އެކަމަށް ބޭނުންވާ ސާވޭކުރުމަށް އިނގިރޭސި ރޯޔަލް އެއަރފޯސްގެ 13 މީހުންގެ މައްޗަށް އެކުލެވޭ ޓީމެއް އައްޑޫއަށް އައިސް ފޭބި ދުވަހެވެ. އެދުވަހުން ފެށިގެން މަދުދުވަސްކޮޅެއްގެ ތެރޭގައި އިނގިރޭސި ރޮޔަލް އެއަރފޯސްގެ ސިފައިން އެމީހުންގެ ސާވޭ ކުރުމުގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހެޅިއެވެ. އެހުށަހެޅުންތަކަކީ އައްޑޫއަތޮޅުގައި އެވަގުތު ދެވަނަ އަށް އެންމެ އާބާދީބޮޑު، އަދި ބިމުގެ ގޮތުން އެންމެ ތަނަވަސް ގަމުން މީހުން ބާލާ އެރަށުގައި އިނގިރޭސި ސިފައިންގެ ވައިގެ މަރުކަޒެއް ޤާއިމު ކުރުމުގެ ހުއްދަ ދިވެހިސަރުކާރުން ދިނުމެވެ. އެހެންނަމަވެސް އަލްއަމީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނު ބޮޑުވަޒީރު ކަމުގެ މަޤާމުގައިހުންނެވި، ދިވެހި ސަރުކާރުން އެއްބަސްވީ އައްޑޫއަތޮޅު ގަން 30 އަހަރު ދުވަހަށް ވައިގެ ބޭހެއް ހެދުމަށްޓަކައި އިނގިރޭސިންނަށް ދިނުމަށެވެ. ނަތީޖާއަކީ އަވަސް މުއްދަތެއްގައި މަސައްކަތް ފަށައި، ގަން ވައިގެ ބޭހަކަށް ހެދުމެވެ. މިމަސައްކަތުގައި ގަމުގައި ތިބި މީހުން ޖެހިގެން އޮތް ފޭދޫ އަށް އަދި ފޭދޫގައި ތިބި މީހުން އެރަށާއި ޖެހިގެންއޮތް މަރަދޫގެ އެއްކޮޅަށް ބަދަލުކޮށް ދެރަށުގެ ރައްޔިތުންނަށް ލަކުޑި ގެތަކެއް ހަދައިދިނެވެ. އެދުވަސްވަރު ރާއްޖޭގެ ޢުމްރަނީ ހާލަތަށް ބަލާއިރު މިއީ މިދެރަށުގެ މީހުންވެސް ރަގަޅު ބަދަލެއް ކަމުގައި ޤަބޫލު ކުރިއެވެ.

އިނގިރޭސިންގެ މެޑިކަލް ޓީމް އަދި އެޓީމުގައި ހިމެނޭ އައްޑޫ މީހުން
އިނގިރޭސިންގެ މެޑިކަލް ޓީމް އަދި އެޓީމުގައި ހިމެނޭ އައްޑޫ މީހުން

އައްޑޫއަތޮޅުގަމުގައި ވައިގެ މަރުކަޒެއް ޤާއިމު ކުރެވިގެންދިޔައިރު އެރަށް ތައްޔާރުކުރެވިފައިވަނީ ރާއްޖޭގައި އެފަދަ އަގުބޮޑު ރަށެއް ނެތް ފެންވަރަށެވެ. މުޅިރަށުގެ މަގުތަކުގައި ތާރު އަޅައި ހަދާފައިވާއިރު ރަށުގައި ނަރުދަމާ ނިޒާމެއް ޤާއިމު ކުރެވި، ކަރަންޓް ލެވިފައިވާ މިރަށުގައި އަގުބޮޑު ހޮޓާތަކާއި ސިނަމާފަދަ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރެވުނެވެ. އިނގިރޭސިންގެ މުއާޞަލާތީ މަރުކަޒު އަތޮޅުގެ ހިތަދޫގެ އެއްކޮޅުގައި ޤާއިމުކޮށްފައިވާއިރު މިދެރަށުގެ ދެމެދުގައި އިންޖީނުލީ އުޅަދުފަހަރު ދަތުރު ކުރަމުންދިޔައެވެ.

އައްޑޫއަތޮޅު ގަން 100 އަހަރުގެ ބަދަލުގައި 30 އަހަރަށް ލިބުން އެއީ އިނގިރޭސިންނަށް އެންމެ ހިތްހަމަޖެހޭ ގޮތް ކަމުގައި ނުވުމުގެ ނަތީޖާއަކީ އައްޑޫ މީހުނާ ދެކުނުގެ އަނެއް ތިންއަތޮޅު މީހުނަށް އިނގިރޭސިން އިރުޝާދު ދީގެން ވަކި ދައުލަތެއްގެ ގޮތުގައި ޔުނައިޓެޑް ސްވެޑީވް އައިލެންޑްގެ ނަމުގައި ވަކި ދައުލަތެއް ޤާއިމުކޮށް ސ. ހިތަދޫ އެޅަދީދީގެ ޢަލިދީދީގެ ޢަބްދުﷲ އަފީފް އެސަރުކާރުގެ އިސްވެރިޔަކަށްވެހުރެ އިނގިރޭސިންނަށް 100 އަހަރށް ގަން ދިނުމަށް އެއްބަސްވުމެވެ. އެހެންނަމަވެސް މީލާދީން 1959 ވަނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހު ޤާއިމުކުރި މި ޢައިރުޤާނޫނީ ދައުލަތުގެ ބާރު ކަނޑުވައި ދިވެހި ސަރުކާރުގެ ދަށަށް ގެނެވުމާއެކު އިނގިރޭސިންނަށް މަޖުބޫރުވީ ކުރިން ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެފައިވާ މުއްދަތަށް އައްޑޫ ގަމުގައި ތިބުމަށް އެއްބަސްވުމަށެވެ. އިނގިރޭސިންގެ އެހީތެރިކަމުގައި އުފެއްދި ސަރުކާރު އުވުމާ އެކު އެސަރުކާރުގެ އެންމެ އިސްވެރިޔަކަށް ހުންނެވި ޢަބްދުﷲ އަފީފް އިނގިރޭސި ޙިމާޔަތުގައި ސީޝެލްސަށް ގެންދެވުނެވެ.

އައްޑޫއަތޮޅު ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު އެމީހުންގެ ވަޒީފާތަކަށް ދާން ގިނަ ޢަދަދެއްގެ ދިވެހީންނަށް ފުރުޞަތު ލިބިގެންދިޔައެވެ. އެމީހުންގެ ލޭބަރުންގެ ގޮތުގަޔާއި އަދި ގަމުގައި ޤާއިމުކޮށްފައިވާ ހަސްފަތާލުގައި ނަރުހުންގެ ގޮތުގަޔާއި ތަރުޖަމާނުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނު މީހުންނަކީ އިނގިރޭސި ޕައުންޑުން އެކަށީގެންވާ މުސާރައެއް ލިބުނު ތަނަވަސް މީހުންނެވެ. އިނގިރޭސިން ގަމުގައި ޤާއިމުކޮށްފައިވާ ހަސްފަތާލުން ހިލޭ ބޭސްފަރުވާ ކޮށްދީ ބޭސް ގުޅައިން ފެށިގެން ބޮޑެތި އޮޕަރޭޝަން ތަކަށް ދާންދެން ހިލޭ ލިބެމުން ދިޔަ ޚިދުމަތުގެ ސަބަބުން މުޅި ރާއްޖޭގެ މީހުން އައްޑޫއަތޮޅަށް އަންނަމުންދިޔައެވެ. އިނގިރޭސިންނަށް ޓަކައި ގެނެވޭ މުދަލާއި ދިވެހީންނަށް ވިއްކުމަށްޓަކައި ގެނެވޭ ތަރުކާރީއާއި މޭވާ އަދި އެހެނިހެން ވިޔަފާރި މުދަލުގެ ސަބަބަން އަތޮޅުންވަނީ ތަހުޒީބާއި ތަމައްދުން އެކުލެވިގެންވާ ވިޔަފާރިކަށް ފުރުޞަތު ލިބިފައެވެ. އަދި އަތޮޅުގައި އިންގްލިޝް މީޑިއަމަށް ކިޔަވައިދޭ މަދަރުސާއެއް ޤާއިމު ކުރެވި އަމިއްލަ ފަރުދުންތަކެއް ލަންޑަން ޖީ.ސީ ގައި ބައިވެރިވެ ރަގަޅު ނަތީޖާ ތަކެއް ހޯދާފައިވެއެވެ.

ދިވެހި ސަރުކާރުން އިނގިރޭސިންނާއި ގަން ޙަވާލު ކުރި މުއްދަތު ހަމަވުމުގެ ކުރީން 1976 މާރޗް 29 ގައި އިނގިރޭސިން އައްޑޫއަތޮޅު ގަން ދޫކޮށް ގަމުން ފައިބައިގެން ދިޔައިރު އިޤްތިޞާދީ މަސައްކަތްތަކަށް ޝައުޤު ވެރިވެފައިވާ މީހުންނާއި 1972 މާރޗް މަހު އިނގިރޭސި ރާނީ ގަމަށް ވަޑައިގަތުމުން ޚިދުމަތްކުރި ފަންނީ ޚިދުމަތް ތެރީންނާއި އަދި ހޮސްޕިޓަލުގައި މަސައްކަތް ކުރި މެޑިކަލް ޓީމްގެ މީހުނާއި އެއަރޕޯޓާއި އެހެނިހެން ތަންތާގައި މަސައްކަތް ކުރި ޓެކްނިކަލް މީހުންނަކީ ރާއްޖެއަށް ލިބިފައިވާ އަގުހުރި އިންސާނީ ވަޞީލަތްތަކެކެވެ. ނަތީޖާ އަކީ އިނގިރޭސިން ދިޔުމުގެ މަދު އަހަރުތަކެއް ކުރީން ރާއްޖޭގައި ފެށުނު ފަތުރުވެރިކަމުގެ ޞިނާޢަތާއި އިޤްތިޞާދީ މަސައްކަތްތަކުގައި އައްޑޫ މީހުން އިސް ދައުރެއް އަދާކުރުމުގެ ފުރުޞަތު ހޯދުމެވެ. މިއަދުވެސް ރާއްޖޭގައި އެންމެ ކުރީސަފުގައި ތިބި ވިޔަފާރިވެރީންނަކީ އިނގިރޭސިންގެ ގާތުގައި މަސައްކަތްކޮށް ފައިސާ އާއި ހިތްވަރު ލިބުނު މީހުންނެވެ. އައްޑޫ އަތޮޅުގައި ރަގަޅުފެންވަރެއްގެ ތަޢުލީމީ ދަރީންތަކެއް އުފެދުމުގެ އަޞްލަކީވެސް އިނގިރޭސިންގެ ސަބަބުން އައްޑޫ މީހުނަށް ލިބުނު ހޭލުންތެރިކަމެވެ. އެހެންކަމުން އިނގިރޭސިން އައްޑޫގައި ތިބި ތިބުމަކީ ފައިދާތަކެއް ކުރުވިކަމެކެވެ.