ކައުންސިލްތަކަށް ބާރުދީގެން ރައްޔިތުންނަށް ހިދްމަތް ދިނުމަކީ އެކަން ކުރަންޖެހޭ ގޮތް ކަމަށާއި ނަމަވެސް ރާއްޖޭގައި އިންތިހާބުވާ ކައުންސިލަރުން އެ ހިދްމަތް ދިނުމަށް ތައްޔާރު ނޫންކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ ލާމަރުކަޒީ އުސޫލުން ގާނޫނުންދީފައިވާ ބާރާއި އުސޫލާއި އެއްގޮތަށް ކައުންސިލަރުން ތަބާވާން ފަށައިފި ނަމަ މި ނިޒާމަކީ ރަނގަޅު ނިޒާމެއް ކަމަށެވެ. ނަމަވެސް މި ނިޒާމަށް ރައްޔިތުން ހޮވާ ކައުންސިލަރުން ތައްޔާރު ނޫން ކަމަށެވެ.
"ސިޓީ ކައުންސިލްތަކާ ހަވާލުކުރުމަށް ނިންމާފައިވާ މަސްއޫލިއްޔަތުތައް އެބޭފުޅުން، މިހާރު އަދާކުރައްވާނެ ކަމަށް ޤަބޫލުކުރަން. އެމީހުންނަށް ކަމުނުދިޔައީ ކުރީގެ ސަރުކާރު. އެކަމަކު މިހާރު ރާއްޖޭގައި މި އޮތީ އެމްޑީޕީ ސަރުކާރެއް. މިހާރު އެ މަސްއޫލިއްޔަތުތައް އެމީހުން އަދާކުރާނެ. ސިޓީ ކައުންސިލްތަކާ ހަވާލުކުރުމަށް ނިންމާފައިވާ މަސްއޫލިއްޔަތުތައް އެބޭފުޅުން، މިހާރު އަދާކުރައްވާނެ ކަމަށް ޤަބޫލުކުރަން. ކައުންސިލްތައް ބާރުވެރިކުރުވައިގެން، ރައްޔިތުންނަށް ޚިދުމަތް ދިނުމަކީ މިހާރު މިއޮތް ނިޒާމުގެ ތެރެއިން އެކަން ކުރަންޖެހޭ ގޮތް. އެކަމަކު ރާއްޖޭގައި އެގޮތަށް ކަންތައް ކުރުމަށްޓަކައި އިންތިޚާބުވާ ކައުންސިލަރުން ތައްޔާރެއް ނޫން."
އައިބީ ވިދާޅުވީ ސިޓީ ކައުންސިލަށް މިހާރު ސަރުކާރުން ދިން ބާރުތަކާއި އެކު ރައްޔިތުންނަށް ހިދްމަތް ދޭނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. ސަބަބެއް ކަމަށް އައިބީ ފާހަގަ ކުރެއްވީ މިހާރު ވެރިކަނ ކުރުމަށް އެމްޑީޕީ އޮވެ، ސިޓީ ކައުންސިލްގައި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ތިބުމެވެ.
އައިބީ ވިދާޅުވީ މިދިޔަ ސަރުކާރުގައި ސިޓީ ކައުންސިލްގެ މަަސްއޫލިއްޔަތު އަދާ ނުކުރީ ވެރިކަމުގައި ޕީޕީއެމް އޮތުމުން ޖެއްސުން ކުރުމަށްކަމަށެވެ. އަދި އެއްވެސް ކަމެއް ނުކޮށް ބަރާބަރަށް މުސާރަ ނެންގެވިކަމަށް އައިބީ ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރު 2016 ވަނަ އަހަރު ރައީސް ޔާމީން ބަދަލު ކުރީ ގާނޫނަށް ބަދަލު ގެނެސްގެންނެވެ. އެބަދަލު ގެނައުމުގައި ޕީޕީއެމް ޕީޖީ ގްރޫޕްގައި ހުންނަވައިގެން އައިބީ މަސައްކަތް ކުރެއްވި އިރު ކައުންސިލަށް ބާރު ނުދިނުމަށް އެންމެ ބޮޑަށް ވަކާލާތު ކުރި އެެއް މެމްބަރަކީ އައިބީއެވެ.