Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

މާލޭގައި ފެންބޮޑުވުމަކީ މައްސަލަ ހައްލު ކުރުމަށް ލިބުނު ފިލާވަޅެއް: އަސްލަމް

އަސްލަމް ރާއްޖެޓީވީ އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ސިމާހާ ނަސީމް (ރާއްޖެއެމްވީ)

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މާލޭގައި ފެންބޮޑުވުމަކީ މައްސަލަ ހައްލު ކުރުމަށް ލިބިގެން ދިޔަ ފިލާވަޅެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލެއަށް އިއްޔެ ކުރި ވިއްސާރާއި ގުޅިގެން ކަލާފާނު ސްކޫލްގައި ގާއިމް ކުރި ޑިޒާސްޓާ މެނޭޖްމަންޓް ރެސްކިއު ސެންޓަރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ސަރުކާރުން އެންމެ ހާއްސަ އިސްކަމެއް ދޭނެ އެއްކަމަކީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ.

އަސްލަމް ވިދާޅުވީ ސަރުކާރު އައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެން ބޮޑުވުމުން މިކަމުން ބޮޑު ފިލާވަޅެއްް ސަރުކާރަށް ލިބިފައިވާ ކަމަށެވެ.

"ޑިޒާސްޓާ ހާލަތުން އަރައިގަތުމާ އެކު އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ، މާލޭގައި ފެންބޮޑުވާ މައްސަލައަށް ޓެކްނިކަލް ހައްލެއް ހޯދަން. މާލޭގައި ދިރިއުޅޭ އާންމުންނަށް މިއަދު ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިގެން އައި ދުވަހެއް މިއީ"

އަސްލަމް ވިދާޅުވީ މާލޭގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދާފައި ނެތުމަކީ ގިނަ ބަޔަކަށް އޭގެ ގެއްލުން ލިބުނު ކަމެއް ކަމަށެވެ.

މާލޭގައި ފެންބޮޑުވަނީ ފެންބޭރުކުރުމަށް ހަދާފައިވާ ޕަމްޕު ސްޓޭޝަން ތަކަށް ބަޔަކު ގެއްލުން ދިނުމުގެ ސަބަބުންކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.