Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

ގެއްލުން ތަކުން އަރައިގަތުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރާނަން: ރައީސް

މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާ ގުޅިގެން އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމުގައާއި، ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާ ގުޅިގެން، ކަލާފާނު ސްކޫލްގައި ޤާއިމު ކޮށްފައިވާ ކްރައިސިސް ރިލީފް ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަރުކާރުން ވަނީ ވިއްސާރައިގެ ސަބަބުން ގެއްލުންވި ފަރާތްތަކަށް ހިދްމަތް ދިނުމަށް ކަލާފާނު ސްކޫލްގައި ޑިޒާސްޓާ މެނޭޖްމަންޓް ރެސްކިއު ސެންޓަރެއް ގާއިމް ކޮށްފައެވެ.

މި ސެންޓަރުގައި ސިފައިންނާއި، ފުލުހުން، އަދި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި، މޯލްޑިވިއަން ރެޑް ކްރެސެންޓް، އަދި އާންމު ފަރުދުން ހަރަކާތްތެރިވަމުންދާ އިރު ރޭ ވަނީ 18 ފަރާތަކަށް ބޯހިޔާވަހިކަން ސަރުކާރުން ފޯރުކޮށްދީފައެވެ.

ވިއްސާރައިގައި ގެއްލުން ލިބުނު ބައެއް ފަރާތްތަކާއި ރައީސް ސޯލިހު ބައްދަލު ކުރައްވާފައިވާ އިރު މިހާދިސާގެ ކަންކަން ރައީސް ވަނީ ގާތުން ބައްލަވާ ލައްވާފައެވެ. އަދި ސަރުކާރުން މާލޭގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.