Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

މާލޭގައި ފެންބޮޑުވެ ގެއްލުންވި ފަރާތްތަކަށް ޔުނިވާސަލްއިން ތިންލައްކަ ރުފިޔާ ހަދިޔާކޮށްފި

މާލެއަށް އިއްޔެ ކުރި ވިއްސާރާގައި ގެއްްލުން ލިބުނު އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒަސް ޕްރައިވެޓްގެ ފަރާތުން ތިން ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ޔުނިވާސަލްއިން ދެއްވި ފައިސާގެ އެހީ ހަވާލުކޮށްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި އެ ސެންޓަރުގެ ޕްރޮޖެކްޓް ކޯޑިނޭޓާ ހިސާން ހަސަން އާއި އެވެ.

ފައިސާ އާއި ހަވާލުވެވަޑައިގަތުމަށްފަހު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ފެންބޮޑުމުގެ ހާދިސާ އާއި ގުޅިގެން އެހީތެރިވާ ފަރާތްތަކާއި އެފަރާތްތަކުން ދޭ އެހީގެ މައުލޫމާތު މީޑިއާ އާއި ހިއްސާ ކުރައްވާނެކަމަށެވެ.

ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކަށް ދިރާގުން ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފައިވާ އިރު ފެން ހިންދުމުގެ މަސައްކަތަށް ބޭނުން ކުރުމަށް 9 ޕަމްޕު ވަނީ ސިފައިންނަށް ހަދިޔާ ކޮށްފައެވެ. އަދި އުރީދޫން ވަނީ ސިފައިންނަށް 50 ގަންބޫޓު ހަދިޔާ ކޮށްފައެވެ.

އިއްޔެ ހެނދުނުން ފެށިގެން މާލެއަށް ވެހުނު ވާރޭގައި ފެންބޮޑުވެ ހާލުގައި ޖެހުނު 18 ފަރާތެއް ގެސްޓު ހައުސްއަށް ބަދަލުކޮށްފައިވާ އިރު މިހާލަތުން އަރައިގަތުމަށް ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތް ކުރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.