Last Updated: April 23, 13:19
Tuesday, April 23, 2024
ޚަބަރު

ގެއްލުން ލިބުނު ގެތަކުގެ މަޢުލޫމާތު އެއްކުރުމުގައި އެމްއެންޑީއެފް އިން އެހީތެރިވަނީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވެރިރަށް މާލޭ އަށް އިއްޔެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގެއްލުން ލިބުނު ގެތަކުގެ މަޢުލޫމާތު އެއްކުރުމުގައި އެމްއެންޑީއެފް މާލެ އޭރިއާގެ ސިފައިން މިއަދު ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި މަސައްކަތުގައި މިއަދު މެންދުރު 13:00 އިން ފެށިގެން ސިފައިން ހަރަކާތްތެރިވަމުންދަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލް ނެގުމުގައި ބަލަމުންދާ މަޢުލޫމާތު ތަކުގެތެރޭގައި މުދަލަށް ލިބިފައިވާ ގެއްލުންތަކާ ކެއިންބުއިމަށް ބޭނުންކުރާ ސާމާނަށް ލިބިފައިވާ ގެއްލުންތަކާ ކެއްކުމަށް ބޭނުންކުރާ ސާމާނަށް ލިބިފައިވާ ގެއްލުންތަކާ ފަރުނީޗަރުތަކަށް ލިބިފައިވާ ގެއްލުންތަކާ ކަރަންޓު ސާމާނަށް ލިބިފައިވާ ގެއްލުންތަކުގެ އިތުރުން އިމާރާތަށް ލިބިފައިވާ ގެއްލުންތައް ހިމެނޭ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ މި މަސައްކަތަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ ގެ އެދިލެއްވުމުގެ މަތިން ފޯރުކޮށްދެމުންދާ އެހީތެރިކަމެއް ކަމަށެވެ.

އިއްޔެ މާލޭގެ މަގުތަކުގައި ފެންބޮޑުވެ، އާންމު ދިރިއުޅުމަށް ބުރޫއެރުމާއި ގުޅިގެން އެމްއެންޑީއެފްގެ ސިފައިން ވަނީ މާލޭގެ މަގުތަކުން ފެން ހިއްކުމުގަޔާ ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމާ ވެލިބަސްތާ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެފައެވެ.