Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

މަޖްލިސް އިންތިހާބަށް ކެންޑިޑޭޓުން ނެރޭނަން: ހަސީން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން ކެންޑިޑޭޓުން ނެރޭނެކަމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވެއްޖެއެވެ.

އެމްއެލްއެސްޑީޕީ ރަޖިސްޓްރީ ކުރުމަށް ތިން ހާސް މެމްބަރުންގެ ފޯމު އިލެކްޝަނަށް ހުށަހެޅުމަށް ފަހު މިއަދު "އައްޑޫލައިވް"އަށް ދެއްވި އިންޓަވިއުއެއްގައި ހަސީން ވިދާޅުވީ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ފުރަތަމަ ޖަލްސާގެ ހުއްދައަށް ހުށަހަޅާފައިވާ ކަމަށެވެ.

ހަސީން ވިދާޅުވީ ހުއްދަ ލިބުމާއި އެކު ޖަލްސާ ބާއްވައި އަންނަ މަޖްލިސް އިންތިހާބަށް ޕާޓީން ކެންޑިޑޭޓުން ނެރުމުގެ މަސައްކަތް ފަށާނެކަމަށެވެ. ނަމަވެސް އެޕާޓީން ނެރޭނީ ކިތައް ކެންޑިޑޭޓުން ކަމެއް ހަސީން ވިދާޅެއް ނުވެއެވެ.

އިލެކްޝަން ކަމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ އެމްއެލްއެސްޑީޕީ ރަޖިސްޓްރީކޮށްދިނުމަށް އެދި 3020 މެމްބަރުންގެ ފޯމު އިލެކްޝަން ކަމިޝަނަށް ހުށަހަޅާފައެވެ.

އަކުރަމް ވިދާޅުވީ އެފޯމުތަކުގެ ސައްހަކަން އިލެކްޝަނުން ބެލުމަށް ފަހު ޕާޓީގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހުއްދަ ދެއްވާނެކަމަށެވެ.

އިލެކްޝަން ކަމިޝަނުން ވަނީ ދާދި ފަހުން މޯލްޑިވްސް ތާޑްވޭ ޑިމްކޮރަޓެސްގެ ނަމުގައި ޕާޓީއެެއް އުފެއްދުމަށް ހުއްދަ ދީފައެވެ. އަދި މިއަދު "ގައުމީ ވިންދު" ނަމުގައި ޕާޓީއެއް ހެދުމަށް އޮގަރު ޒަމީރަށް ވަނީ ހުއްދަ ދީފައެވެ.

އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ 6 ޕާޓީއެއް އެބަ އޮތެވެ. އެއީ އެމްޑީޕީއާއި، އަދާލަތު ޕާޓީއާއި، ޖުމްހޫރީޕާޓީއާއި، ޑީއާރުޕީއާއި،
އެމްޑީއޭގެ އިތުރުން ޕީޕީއެމް އެވެ.