ޚަބަރު

ސިޔާސީ ހުކުމްތަކުގައި ތިބި މީހުން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

1 ފެބްރުއަރީ 2012 ގެ ފަހުން، ސިޔާސީ މަޤުޞަދެއް ހާސިލުކުރުމަށްޓަކައި ބަންދުކުރެވި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އަޅާފައިވާ ފަރާތްތަކާއި، ޙުކުމްތައް ކުރެވި އެ ޙުކުމްތައް ތަންފީޛުކުރަމުންދާ ފަރާތްތަކުން، ޝަކުވާ ހުށައެޅުމަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ އެފަދަ ފަރާތްތަކުން މައްސަލައާއި ގުޅޭ އެންމެހައި ލިޔެކިޔުންތަކާއެކު، 6 ޑިސެމްބަރު 2018 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ އޮފީހަށް ޝަކުވާ ހުށައެޅުއްވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ސިޔާސީ ހައްޔަރީންގެ މައްސަލަތައް ބަލައި، ނުޙައްޤުން ބަންދުކޮށްފައިވާ ފަރާތްތައް މިނިވަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، "ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ" އުފައްދަވައި، އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ވަނީ އެ މަސައްކަތްޕުޅު ފައްޓަވައިފައެވެ.