Last Updated: April 18, 11:23
Thursday, April 18, 2024
ޚަބަރު

ކުންފުނިތަކުގެ ހިޔާނާތުގެ ޒިއްމާ ނަގަން ޖެހޭނީ ކުންފުނިތަކުގެ ވެރިން: ޔާމީން

ނިމިގެންދިޔަ ސަރުކާރުގައި ކުންފުނިތަކުން ހިޔާނާތުގެ އެއްވެސް ކަމެއް ހިންގާފައިވާނަމަ އެކަމުގެ ޒިއްމާ ރައީސް ޔާމީންގެ ބޮލުގައި ނޭޅުވޭނެކަމަށާއި އެ ޒިއްމާ ނަންގަވަން ޖެހޭނީ ކުންފުނި ތަކުގެ ވެރިންކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައި ރައީސް ޔާމީން ސަރުކާރުގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ކެމްޕެއިނަށް ކުންފުނިން ނަމަހަމަ ގޮތުގައި ފައިސާ ބޭނުންކުރެއްވިކަމަށް ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ ކުންފުނިތަކުން ކުރާ ހަރަދުތަކުގެ ޒިއްމާ ނަގަން ޖެހޭނީ ކުންފުނީގެ ބޯޑާއި ކުންފުނީގެ އިސްވެރިން ކަމަށެވެ.

ޔާމީން ވިދާޅުވީ ކުންފުނިތަކުން ކުރާ ކަންކަން ރައީސަކަށް ހުންނަ މީހަކު ޒިއްމާވާކަށް ނުޖެހޭނެކަމަށެވެ. މިސާލެއްގެ ގޮތުން ޔާމީން ވިދާޅުވީ މި ސަރުކާރުގައި ކުންފުނިތަކުން ކުރާ ކަންކަމުގެ ޒިއްމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވަން ޖެހޭތޯއެވެ.

ޔާމީން ވިދާޅުވީ ކުންފުނި ތަކުން ހަރަދު ކުރެވޭނެ ގޮތް ކުންފުނިތަކުގެ ގަވާއިދު ތަކުގައި ހުންނާނެކަމަށާއި ކުންފުންޏަކުން ގަންނަ އެއްޗަކަށް ރައީސް ޒިއްމާވާކަށް ނުޖެހޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެޗްޑީސީން ތަފާތު ކަރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާފައިވާ ކަމަށާއި އެކަމުގެ ތަހްގީގުތައް އޮޑިޓަރ ޖެނެރަލް އޮފީހުން ކުރަމުންދާ ކަމަށް ދެންނެވުންވެސް ޔާމީން ވިދާޅުވީ ކުންފުނިތަކުން ހިންގާފައިވާ ކަންކަމުގެ ޒިއްމާ ރައީސްގެ ބޮލުގައި ނޭޅުވޭނެކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ކުންފުނިތަކުން ކެމްޕެއިން ތަކަށް ހަރަދުކޮށްފައިވޭތޯ ބަލަން ތަހްގީގު ކުރުމަށް ޔާމީން ވިދާޅުވިއެވެ.