Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ތުހުމަތު ކުރެވިދާނެ، ސާބިތުކޮށެއް ނުދެވޭނެ: ޔާމީން

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މީގެ ކުރިންވެސް ތަފާތު ތުހުމަތުތަކެއް ކޮށްފައިވާ ކަމަށާއި އޭރުވެސް އެކަން ސާބިތު ނުކޮށްދެވުނު އިރު މިހާރުވެސް ކުރާ ތުހުމަތުތައް ސާބިތުކޮށް ނުދެވޭނެކަމަށް އެެމަނިކުފާން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މަޖްލިސް އިންތިހާބުގައި ވާދަކުރާ ޕީޕީއެމް މެމްބަރުންނަށް ޕާޓީ ޓިކެޓު ދިނުމަށް ބޭއްވި ހަފްލާއަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި ގުޅޭ ގޮތުން އަބަދުވެސް ވަރަށް ގިނަ ތުހުމަތު ކުރައްވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ތުހުމަތެއް އަދި މިހާތަނަށް ސާބިިތުކޮށްދެވިފައި ނުވާކަމަށެވެ.

"އަބަދުވެސް ސަރުކާރެއް ބަދަލުވެގެންދާއިރު ކަތިލެވިގެންދާނެ ކިތަންމެ ބަޔަކު ތިބޭނެ. ބޮޑަށް އަންނާނީ ތުހުމަތު. އެތުހުމަތުތައް ކުރާނެ އަބަދުވެސް. އަޅުގަނޑުވެސް މިއީ ވަރަށް ގިނައިން ތުހުމަތުތަކުގެ ތެރޭގައި އުޅުނު މީހެއް ދެއްތޯ. ކޮން ކަމެއްތޯ ސާބިތު ކުރެވުނީ. އަޅުގަނޑު މިއަދުވެސް ޗެލެންޖު ކޮށްލާފައި މި ދަންނަވަނީ. އެއް ކަމެއްވެސް ސާބިތެއް ނުކުރެވޭނެ."

ޔާމީން ވިދާޅުވީ އަބަދުވެސް އެމަނިކުފާނާއި ދިމާލަށް އިނގިލި ދިއްކުރާ ކަމަށާއި، އެމަނިކުފާނާއި ޒާތީވާކަމަށެވެ. އަދި ނޫސްވެރިންވެސް އަބަދު ސުވާލު ކުރައްވަނީ އެމަނިކުފާނާއި ކަމަށާއި މީގެ ކުރީގެ އެހެން ސަރުކާރުތަކުގައި ހިންގާފައިވާ ކަރަޕްޝަންގެ ވާހަކަ ނުދައްކާ ކަމަށެވެ. އަދި ކަމިޝަން ހަދައިގެން ވަކި ތާރީހަކުން ފެށިގެން ކަންކަން ބަލަން އުޅެންވީ ކީއްވެތޯ ސުވާލު އުފެއްދެވިއެވެ.

"ކީއްވެގެންތޯ ވަކި ތާރީޚަކުން ފެށިގެން މައްސަލަ ބަލަންވީ. ދިވެހި ރައްޔިތުންގެ ޚަޒާނާ އަށް ވަންނަންވާ ފައިސާ ވަންނަން ވާނީ ވަކި ތާރީޚަުން ފެށިގެންތޯ. އެއަށްވުރެ މާ ކުރިން ހުރި މައްސަލަތައް ބަލަންވީ ނޫންތޯ. ފަޅުތަކާއި ރަށްތަކާ ދެވިފައި ހުރި ގޮތްތައް ބަލަންވީ ނޫންތޯ. އަދި މީގެ ކުރީގައި ހިނގާފައި ހުރި އެފްޕީއައިޑީގެ ކޮރަޕްޝަނާ އަދި އެފްޕީއައިޑީގެ ކޮރަޕްޝަނުގެ ތެރޭގައޮ އޭގެން ކޮން ބަޔަކަށްތޯ ފައިދާވީވެސް ކޮން ބަޔަކަށްތޯ ބަލަންވީނުންތޯ."

ޔާމީން ވިދާޅުވީ ކަމިޝަން ހަދައިގެން ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް ކަންކަން ކުރާ ނަމަ އެކަމާއި ދެކޮޅަށް ކޯޓަށް ވަޑައިގަންނަވާނެކަމަށެވެ. އަދި އެއީ އެކަން ކުރެވެން ޖެހޭ ގޮތް ނޫންކަމަށް ޔާމީން ވިދާޅުވިއެވެ.