Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ގޭންގް ހަރަކާތް ހުއްޓުވަން ޓާސްކް ފޯހެއް

އެސްްއޯ ފުލުހުންނާ ދެކޮޅަށް ހުކުރު ދުވަހު އައްޑޫގައި އަޑު އުފުލަނީ. ފޮޓޯ/ އައްޑޫ ލައިވް

މާލެ އާއި އަތޮޅުތަކުގައި އެކި ނަމުގައި ހިންގާ ގޭންގުތަކުގެ ޙަރަކާތްތައް ހުއްޓުވައި އެ ގޭންގްތަކުން ހިންގަމުންދާ ޖިނާޢީ ކުށްތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް ޚާއްޞަ ޓާސްކް ފޯސްއެއް މޯލްޑިވްސް ޕޮލިސް ސަވިސްގައި ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް އުފައްދަވައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސަވިސްގެ ސްޕެޝަލިސްޓް ކްރައިމް ކޮމާންޑުގެ ދަށުން އުފެއްދެވި މި ޓާސްކްފޯސްގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ގޭންގުތަކުން ހިންގާ ޙަރަކާތްތައް ބަލައި އެ ގްރޫޕްތަކުން ކުރާ ޖިނާޢީ ކުށްތައް ހޯދައި ތަޙުޤީޤުކޮށް އެފަދަ މައްސަލަތައް ޝަރީޢަތަށް ހުށަހެޅުން އަވަސް ކުރުމެވެ.
އަދި އެފަދަ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމެވެ. ހަމަ އެއާ އެކު ގޭންތަކުގެ ހަރަކާތްތައް ހުއްޓުވުމަކަށް ގެނެސް ރައްޔިތުންނަށް އަމާން މާޙައުލެއް ޤާއިމްކޮށް ދިނުމަށް މަސައްކަތް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން ވެސް ވަނީ މި ޓާސްކް ފޯސް އާ ޙަވާލުކޮށްފަ އެވެ.

ޓާސްކް ފޯހުގެ މަސައްކަތް މިހާރު ފެށިފައި ވުމާ އެކު މާލޭގައި ގޭންގްތައް ޢާއްމު ގޮތެއްގައި ޙަރަކާތްތެރިވާ ތަންތަނަށް ޚާއްޞަ އިސްކަމެއް ދީގެން އެ ސަރަޙައްދުތައް ބަލައި ގޭންގުތަކަށް ނިސްބަތްވާ ފަރާތްތައް ހުއްޓުވައި ބަލައި ފާސްކޮށް އެފަދަ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ އެވެ. މިއާ އެކު ގޭންގުތައް ޙަރަކާތްތެރިވާ ސަރަޙައްދުތަކުގައި ޕެޓްރޯލް ކުރުން އިތުރުކޮށް އެ ސަރަޙައްދުތައް ބަލައިފާސްކުރުން އިތުރު ކުރެވިގެން ދާނެ އެވެ.

މީގެ އިތުރުން ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކާ ގުޅޭ ގޮތުން މީގެ ކުރިން ހުށަހެޅިފައިވާ މައްސަލަތައް ބަލައި އެފަދަ މައްސަލަތައް އަވަސް ކުރުމަށް ފުލުހުން އިސް ނަގައިގެން ކަމާ ގުޅޭ ފަރާތްތަކާ އެކު މަސައްކަތްކޮށް އެފަދަ މައްސަލަތައް އަވަހަށް ނިންމައި އެ ފަރާތްތަކަށް ލިބެން ޖެހޭ އަދަބުތައް ދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުން ގެންދާނެ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަޙުޤީޤު ކުރާ ފަރާތްތަކާއި ފޮރެންސިކް ޑައިރެކްޓްރޭޓާއި އިންޓެލިޖެންސް އެންޑް ކޯވަޓް ޕޮލިސިން އާއި އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓްރޭޓާއި ސެންޓްރަލް އޮޕްރޭޝަން ކޮމާންޑާއި ޑިވިޝަނަލް އޮޕަރޭޝަން ކޮމާންޑުން ޓެކްނިކަލް ފުލުހުން ހިމެނޭ ގޮތަށް އެކުލަވައިލި މިޓާސްކް ފޯސް މަސައްކަތް މިހާރު ވަނީ ފެށިފަ އެވެ.