ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން އަހްމަދު އަމީލް އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެލައިޑްގެ އެމްޑީކަމުން އިސްތިއުފާދެއްވަން ނިންމެވިކަމުގެ ނޯޓިސް އަމީލް ވަނީ އެސްޓީއޯގެ ބޯޑަށް އިއްޔެ ފޮނުއްވާފަ އެވެ.
އަމީލް އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި އޭނާ ވަނީ އިސްތިއުފާދެއްވަން ނިންމަވައި، ތިން މަސް ދުވަހުގެ ނޯޓިސްއެއް ފޮނުއްވާފައި ކަމަށާއި، އާ އެމްޑީއަކު އައްޔަން ކުރާ ހިސާބުން އޭނާ މަޤާމުން ވަކިވާނެ ކަމަށެވެ.
އެލައިޑް ކުންފުނީގައި 24 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވާ އަމީލް ވިދާޅުވާގޮތުގައި އޭނާ މިހާރު ބޭނުންވަނީ ޢާއިލާއަށް ވަގުތު ދެއްވަން ކަމަށެވެ.
އެލައިޑްގެ އެމްޑީ އަކަށް އަމީލް ހުންނަވާތާ މިހާރު ފަސް އަހަރު ވެފައިވާއިރު، ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ ކުންފުނީގެ ވިޔަފާރި 112 ޕަސެންޓް ކުރިއަރާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.