Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ޕްރޮގްރާމް ރައީސް އިފްތިތާޙްކޮށްދެއްވައިފި

ރާއްޖެ ސާފުކުރުމުގެ ޤައުމީ ޕްރޮގްރާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިފްތިތާޙުކޮށްދެއްވައިފި އެވެ.

މާފަންނު ސްޓޭޑިއަމްގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ ދިވެހިންގެ ކިބައިގައި ކުރިއްސުރެ ހުރި ސާފުތާހިރުކަމުގެ ސިފަ އަލުން އަށަގަނުވައި، މި ރާއްޖެ ސާފުތާހިރު ހިތްގައިމު ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތް އެންމެން އެކުގައި ފެށުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

އަދި ރާއްޖެ މަޝްހޫރުވެފައިވަނީ ސާފުތާހިރުކަމަށް ލޯބިކުރާ، ގޮތްހުރި ބަޔަކު ދިރިއުޅޭ ޖަޒީރާރަށްތަކެއްގެ ގޮތުގައިކަމަށާއި، ތަރައްޤީގައި ކިތަންމެ ކުރިއަށްދިޔަޔަސް، ޖަޒީރާވަންތަ ސިފަ ދެމެހެއްޓޭނީ، ދިވެހިންގެ މި ޗާލު ވެށި ސާފުތާހިރުކޮށް ބަލަހައްޓައިގެންކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި، މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމާފައިވަނީވެސް މި ރާއްޖޭގެ ހިތްގައިމުކަމާއި ނަލަކަން، އެގޮތުގައި ދަމަހައްޓައިގެން މެނުވީ، ރާއްޖޭގެ ޤުދްރަތީ މުއްސަނދި ކަމުގެ ނަފާ، ހެޔޮގޮތުގައި ނުލިބޭނެކަމަށް ގަބޫލުކުރެވޭތީ ކަމުގައި ވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

އަދި ކުނި ނައްތާލުމަކީ، މި ރާއްޖޭގެ ކޮންމެ ރަށަކަށްމެ ދިމާވެފައިވާ ވަރަށް ބޮޑު އިޖުތިމާޢީ މައްސަލައެއްކަމަށާއި، މިފަދަ ކޮންމެ މައްސަލައެއްގެ ޙައްލު ފެށެނީ، ފަރުދުންގެ ކިބައިން ކަމުގައިވާތީ، މިކަމުގައިވެސް ފަރުދީ ޒިންމާގެ ދައުރު ވަރަށްބޮޑު ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮންމެ ރަށަކަށް ކުނި މެނޭޖްކުރެވޭނެ ނިޒާމަކަށް ބޭނުންވާކަން އެމަނިކުފާނު ގަބޫލުފުޅުކުރައްވާކަމަށާއި، ކުނި މެނޭޖް ކުރުމުގެ އެންމެކުރު މަގަކީ، ކުނި އުފެދޭ މިންވަރު މަދުކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ސަރުކާރުގެ އަމާޒަކީ ތިމާވެށްޓާ ރަޙްމަތްތެރި ގޮތެއްގައި ކުނި ނައްތައިލެވޭނެ އިންތިޒާމުތައް ހަމަޖެއްސުންކަމުގައި ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހު އިތުރަށް ދެއްކެވި ވާހަކަފުޅުގައި މިއަދު މި ފެށިގެންދާ ސާފުކުރުމުގެ ހަރަކާތަކީ އަންނަން އޮތް ޖީލުތަކަށް މިމުއްސަނދި ވެށި ފުރިހަމަކަމާއެކު ފޯރުކޮށްދިނުމުގެ މުހިއްމު މަސައްކަތެއްކަމަށާއި، ތިމާވެށީގެ ނުރައްކާތަކުން މި ދުނިޔެ ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި، ޖަޒީރާ ޤައުމެއްގެ ލީޑަރެއްގެ ގޮތުގައި، މި ރާއްޖެއަށް ދެމިއޮވެވޭނީވެސް ސާފުތާހިރުކަންމަތީ މި ރާއްޖެ ބާއްވައިގެންކަމުގައި ފާހަގަކުރެއްވިއެވެ.

ރާއްޖެ ސާފުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފުތިތާޙުކޮށްދެއްވުމުގެ ގޮތުން މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ފިހިގަނޑަކާއި އަންގިއެއް ހަދިޔާކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ނައިބު ރައީސް ފައިޞަލް ނަސީމާއި، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ދައުލަތުގެ ވަޒީރުންނާއި، މާލޭ ސިޓީގެ މޭޔަރާއި، ޑަބްލިޔޫ.އެޗް.އޯ. ރެޕްރެޒެންޓެޓިވް ޑޮކްޓަރ އަރްވިންދް މާތުރްގެ އަރިހުގައި ސާފުކުރުމުގެ މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.