Last Updated: April 16, 20:04
Tuesday, April 16, 2024
މުނިފޫހިފިލުވުން

"އެވެންޖާސް: އެންޑްގޭމް"ގެ ޓްރެއިލާ ދައްކާލައިފި

އަންނަ އަހަރުގެ އެންމެ އުއްމީދީ އެއް ފިލްމް ކަމުގައިވާ މާވެލް ސްޓޫޑިއޯސް އިން އުފައްދާ "އެވެންޖާސް"ގެ ހަތަރު ވަނަ ބައިގެ ޓައިޓަލް އާއި ޓްރެއިލާ އިއްޔެ ދައްކާލައިފި އެވެ.

"އެވެންޖާސް: އެންޑްގޭމް"ގެ ނަމުން ނަން ދީފައިވާ އެ ފިލްމްގެ ޓްރެއިލާ އިއްޔެ ރިލީޒްކޮށްފައިވާއިރު، އެ ޓްރެއިލާ އަށް ދަނީ ފޭނުންގެ ބޮޑު ތަރުޙީބެއް ލިބެމުންނެވެ. ގިނަ ފޭނުންގެ ހިތްތައް ކަތިލާލި މަންޒަރަކީ އަޔަން މޭން ނުވަތަ ޓޯނީ ސްޓާކް، އެއްވެސް ކާބޯއެއްޗެއް ނެތި، ޖައްވުގައި އެކަނި ތާށިވެފައިވާ މަންޒަރެވެ. އެގޮތުން ފިލްމް ނިމިގެންދާއިރު ޓޯނީގެ ދިރިއުޅުމަށް އުފާވެރި ނިމުމެއް ގެނެސްދިނުމަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ.

އާ ފިލްމްގައި މުހިންމު ރޯލެއް އަދާކުރާނެ ކަމަށް ފޭނުން ލަފާކުރި ކެޕްޓަން މާވެލް ޓްރެއިލާ އިން ފެނިގެނެއް ނުދެއެވެ. އެހެންނަމަވެސް ފޭނުން ހީކުރަމުން އައި ގޮތަށް އޭންޓް މޭން ޓްރެއިލާ އިން ފެނިގެންދެއެވެ. އެހެންކަމުން ކުރިއަށް އޮތް ފިލްމްގައި އޭންޓް މޭން މުހިންމު ރޯލެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރި ތިންވަނަ އެވެންޖާސް ފިލްމް ކަމަށްވާ "އެވެންޖާސް: އިންފިނިޓީ ވޯ" ވެގެންދިޔައީ މިހާތަނަށް ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމަށެވެ. ބޮކްސް އޮފީހުގެ ގިނަ ރެކޯޑްތަކެއް މުގުރާލުމަށްފަހު އިންފިނިޓީ ވޯ ވެގެންދިޔައީ މި އަހަރުގެ މިހާތަނަށް ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމަށެވެ. އެ ފިލްމްގައި މުޅި ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީ ތޭނޯސް ފޮހެލާފައިވާއިރު، ފޭނުން ތިބީ ހަތަރު ވަނަ ފިލްމަށް ކެތްމަދުވެފަ އެވެ.

"އެވެންޖާސް: އެންޑްގޭމް" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ 26 އޭޕްރީލް 2019 ގައެވެ.