Last Updated: April 26, 23:00
Friday, April 26, 2024
ކުޅިވަރު

ސަލާހްގެ ހެޓްރިކުން ލިވަޕޫލް އެއްވަނަ އަށް

ބޯންމައުތު ކޮޅަށް ލަނޑުޖެހުމަށްފަހު ލިވަޕޫލްގެ މުހައްމަދު ސަލާހް އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މިސްރުގެ މުހައްމަދު ސަލާހް ކާމިޔާބުކުރި ހެޓްރިކާއެކު ބޯންމައުތު އަތުން 4-0 އިން މޮޅުވެ ލިވަޕޫލް ލީގު ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މި މެޗަށްފަހު ލިވަޕޫލަށް އެއްވަނަ ލިބެނީ 16 މެޗުން 42 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 15 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ކުޅޭ މެޗުގައި ޗެލްސީ އަތުން މޮޅުވެގެން އެ ޓީމަށް އަލުން އެއްވަނަ އަށް އެރޭނެއެވެ. ތިންވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް 33 ޕޮއިންޓް ލިބިފައިވާއިރު ހަތަރުވަނައިގައި އޮތީ ޗެލްސީ އެވެ. އެ ޓީމަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.

ބޯންމައުތުގެ ދަނޑުގައި ކުޅުނު މި މެޗުގެ 25 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑްނަގައިދިނީ ސަލާހް އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ރޮބާޓޯ ފިރްމީނޯ ފޮނުވާލި ހަމަލާއެއް ބޯންމައުތުގެ ގޯލްކީޕަރު އަސްމިރް ބެގޮވިޗް މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ސަލާހް އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ލިވަޕޫލް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިން މިނެޓުގެ ތެރޭގައި ސަލާހް ވަނީ ލިވަޕޫލަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ. އޭގެފަހުން، މެޗުގެ 68 ވަނަ މިނެޓުގައި ބޯންމައުތުގެ ސްޓީވް ކުކް އަތުން ބައިކޮޅަށް ވަން ގޯލަކުން ލިވަޕޫލުން ވަނީ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް، ސަލާހް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ލިވަޕޫލްގެ ހަތަރުވަނަ ލަނޑުޖަހައިދީފައެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 10 ވަނަ ގޯލެެވެ.

މި މެޗުން ބަލިވި ބޯންމައުތު މިވަގުތު އޮތީ 16 މެޗުން 23 ޕޮއިންޓާއެކު ލީގު ތާވަލްގެ ހަތްވަނައިގައެވެ.

ލީގުގައި ދެން ކުޅޭ މެޗުގައި މިމަހުގެ 16 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލް ނިކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.