Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ރައީސް ސޯލިހު، "ސާކް ޗާޓަރ ޑޭ"ގެ ތަހުނިޔާ ސާކްގެ ސެކްރެޓަރީ ޖެނެރަލް އަށް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސެލެންސީ މިސްޓަރ އަމްޖަދް ބީ. ސިއާލްއަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި ސިޓީފުޅުގައި، ސާކް އުފެދުނުތާ 34 ވަނަ އަހަރު މިއަދު ފާހަގަކުރަމުންދާއިރު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސާކް ސެކްރެޓަރީ ޖެނެރަލަށާއި، ސާކް ގެ މެންބަރު ޤައުމުތަކާއި، ސާކްގެ މުވައްޒަފުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

އަދި 1985 ވަނަ އަހަރުގައި ސާކް އުފެދި ހަރަކާތްތެރިވާން ފެށިފަހުން، މި ޞަރަޙައްދުގެ ޤައުމުތަކުގައި ތަފާތު އެކި ދާއިރާތަކުން، ޚާއްޞަކޮށް އިޖްތިމާޢީ އަދި އިޤްތިޞާދީ ރޮނގުން ޤައުމުތަކަށް ކުރިއެރުން ހޯދައިދިނުމުގައި އެޖަމްޢިއްޔާއިން ވަރަށް މުހިންމު ރޯލެއް އަދާކުރަމުން އަންނަކަން ފާހަގަކުރައްވައި، އެއްޤައުމު އަނެއް ޤައުމާ ގުޅުން ބަދަހިކުރުމުގައިވެސް ސާކުން މިހާރުވެސް އިސް ރޯލެއް އަދާކުރަމުން އަންނަކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ދެކުނު އޭޝިޔާއަކީ މުއްސަނދި ސަޤާފަތެއް ހިމެނޭ ޞަރަޙައްދެއްކަން ފާހަގަކުރައްވަމުން ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އެކި ޤައުމުތައް ތަފާތުވީ ނަމަވެސް ހުރިހާ ޤައުމެއްވެސް އެއްގަލަކަށް އަރައިގެން މަސައްކަތް ފެށީ އޭޝިޔާ ބައްރަކީ ޞުލްޙަވެރި ތަނަވަސް ސަރަހައްދަކަށް ހެދުމަށް ކުރާ އުއްމީދުގެ ސަބަބުން ކަމަށެވެ. މިގޮތުން، ސާކުގެ މެންބަރު ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެކަން ރައީސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މީގެ އިތުރުން ރައީސްގެ ސިޓީފުޅުގައި މި ޞަރަޙައްދުގައި ޞުލްޙަ ޤާއިމުކޮށް، އިޖްތިމާޢީ އަދި އިޤްތިޞާދީ ހަމަޖެހުން ޤާއިމްކުރުމަށް ދިވެހިރާއްޖެ އަބަދުވެސް އެއްބާރުލުންދެއްވާނެކަން ހާމަކުރައްވާފައިވެއެވެ. އަދި، ޤައުމުތަކުގެ ތަފާތު އެއްކައިރިކޮށް މި ޞަރަޙައްދުގައި ދިރިއުޅޭ މީހުންގެ ލާބައާއި މަންފާއަށް އެންމެން އެކުގައި މަސައްކަތްކުރާނެކަމަށް އުއްމީދުކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.