Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ޅަ ދަރިންނަށް އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި

ދިވެހި ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ހަރުލައްވައިދިނުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ތަރުބަވީ މުއައްސަސާތަކާއި މުދައްރިސުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

އެގޮތުން ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވެފައި ވަނީ އިސްލާމްދީނުގެ ސާފު ޢަޤީދާއިން ބޭރުވެގެންދަނީވެސް އަދި ދީނީގޮތުން ހައްދުފަހަނައަޅައި، ލާއިންސާނީ ހަރުކަށި ޢަމަލުތަކަށް އަރައިގަންނަނީވެސް އިސްލާމްދީނުގެ ލުއިފަސޭހަކަމާއި، އިސްލާމްދީނުގައިވާ ރަޙްމާއި އޯގާތެރިކަމާއި، ހަމްދަރުދީގެ މަތިވެރި އުސޫލުތަކާއި ހަމަތައް ނޭނގޭތީ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ތެރޭގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އަސާސަކީ، އިސްލާމީ ޢަޤީދާގެ އެއްބައިވަންތަކަންކަމަށާއި، ދިވެހިންނާ ކުރިމަތިވާ ބޭރުގެ ލާދީނީ އޮއިވަރުތަކުން، މި ރާއްޖެ ޙިމާޔަތްކޮށް ދިފާޢުކޮށްދޭ އެންމެ ވަރުގަދަ އައްޑަނައަކީ ވެސް އިސްލާމީ ޢަޤީދާގެ ސާބިތުކަމާއި ހަރުދަނާކަން ކަމަށެވެ.

މީގެ އިތުރުން، އިސްލާމްދީނުގެ ނަމުގައި ފަތުރަމުންދާ ނުރަނގަޅު މަޢުލޫމާތުގެ ސަބަބުން، އެތައް ދިވެހީންނެއް މަގުއޮޅި، ލޯބިވާ ޢާއިލާތަކާ ވަކިވެ، މި ދުނިޔެ ދޫކުރަމުންދާކަމީ، ދިވެހިން ނުހަނު ހިތާމަކުރާ ކަމެއްކަމަށާޢި، ލާދީނީ ފިކުރުތައް ދިވެހި ޒުވާން ހިތްތަކަށް ނުފޫޒު ފޯރުވަމުންދާ ފަދައިން، ދީނުގެ ހަރުކަށި ފިކުރުތަކުގެ ސަބަބުންވެސް އެތައް ޒުވާނުންނެއް މަގުއޮޅެމުންދާކަން މިއަދު ހަނދާނުގައި ބަހައްޓަންޖެހޭކަމުގައި ވެސް ރައީސްގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.