Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

ޝާލްކާ ބަލިކޮށް ޑޯޓްމަންޑުން ނުވަ ޕޮއިންޓްގެ ލީޑެއްނެގިއިރު، ބަޔާން މޮޅުވެ ދެވަނަ އަށް

ޝާލްކާ އާ ދެކޮޅަށް ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުގައި އެ ޓީމު މޮޅުވި ލަނޑު، ޖޭޑަން ސަންޗޯ (ވ) ފޮނުވާލަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޖަރުމަން ބުންޑަސްލީގާގައި ރޭ ޝާލްކާ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ބޮރޫޝިއާ ޑޯޓްމަންޑް އިން ތާވަލްގެ ކުރީގައި ނުވަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. މި މެޗުން ޑޯޓްމަންޑް މޮޅުވީ 2-1 އިންނެވެ.

މިއީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ލީގުގައި ޝާލްކާގެ މައްޗަށް ޑޯޓްމަންޑް އަށް ހޯދުނު ފުރަތަމަ މޮޅެވެ. މިއީ ލީގުގައި އެ ޓީމުން ބަލިނުވެ ހަމަކުރި 14 ވަނަ މެޗެވެ. މީގެއިތުރުން، އެ ޓީމު ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައެވެ.

ރޭގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ 14 މެޗުން 36 ޕޮއިންޓް ހަމަކޮށްގެން ޑޯޓްމަންޑް އެވެ. ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އެވެ. އެ ޓީމަށް ލިބިފައިވަނީ 27 ޕޮއިންޓެވެ. މިވަގުތު ތިންވަނައިގައި އޮތީ 26 ޕޮއިންޓާއެކު ބޮރޫޝިއާ މޮންޗެންގްލަޑްބަކް އެވެ. އެ ޓީމަށް ލީގުގައި މިރޭ ކުޅޭ މެޗުން ވީއެފްބީ ޝްޓުޓްގާޓް ބަލިކުރެވިއްޖެނަމަ އަލުން ދެވަނަ އަށް އެރޭނެ އެވެ. ހަތަރުވަނައިގައި އޮތީ ރެޑްބުލް ލިޕްޒީގު އެވެ. އެ ޓީމަށް ލިބިފައިވަނީ 25 ޕޮއިންޓެވެ.

ޝާލްކާގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ކުރީން ލީޑްނެގީ ޑޯޓްމަންޑް އިންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ކެޕްޓަން މާކޯ ރޮއިސް ނަގައިދިން ހިލޭޖެހުމަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ތޯމަސް ޑެލައިނީ އެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ އިތުރު ފުރުޞަތުތައް ލިބުނު ނަމަވެސް އިތުރު ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. މި ހާފު ނިމުނީ 1-0 އިން ޑޯޓްމަންޑް ކުރީގައިއޮވެގެންނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޝާލްކާ އަށް އެއްވަރުކޮށްދިނީ ޑެނިއެލް ކަލިޖިއުރީ އެވެ. މިއީ އެ ޓީމުގެ އަމީން ހަރިޓް އަށް ޑޯޓްމަންޑްގެ ރޮއިސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ދިނުމުގެ ކުރީން ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދައިފައެވެ.

މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށް، ޑޯޓްމަންޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 18 އަހަރުގެ ޖޭޑަން ސަންޗޯ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ޕޯޗުގަލް ފުލްބެކް ރަފައެލް ގުރޭރޯ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ގޯލެވެ.

ނިއުރެންބާގް ކޮޅަށް ލަނޑުޖެހުމަށްފަހު ބަޔާން މިއުނިކްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. –ފޮޓޯ: ގެޓީ އިމޭޖަސް

މި ސީޒަނުގެ ޖަރުމަން ލީގުގައި ޑޯޓްމަންޑް ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް އައިއިރު އެ ޓީމު ބަލިވެފައިނުވާއިރު އެ ޓީމުން ވަނީ 39 ލަނޑު ޖަހާފައެވެ. މި މެޗުން ބަލިވި ޝާލްކާ އަށް 14 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމު އޮތީ 13 ވަނައިގައެވެ.

ލީގުގައި ރޭ ކުޅުނު މެޗުގައި ނުރެންބާގް އަތުން 3-0 އިން ބަޔާން މޮޅުވިއިރު މިއީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ.

މި މެޗުގައި ބަޔާން ކާމިޔާބުކުރި ތިން ލަނޑުގެތެރެއިން ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެލަނޑުޖަހާފައެވެ. މިހާފުގައި އެ ޓީމުން ކާމިޔާބުކުރި ދެލަނޑުވެސް ޖަހައިދިނީ ރޮބަޓް ލެވަންޑޯސްކީ އެވެ. މި މެޗުގައި ނުރެންބާގް ކޮޅަށް ވައްދާލި ދެލަނޑާއެކު ލެވަންޑޯސްކީ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 20 މެޗުގައި ޖުމްލަ 19 ގޯލް ހަމަކޮށް ޔޫރަޕްގެ ގަދަ ފަސް ލީގުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

ދެވަނަ ހާފުގައި އެ ޓީމުން އިތުރު ލަނޑެއް ކާމިޔާބުކުރިއިރު މިލަނޑުޖަހައިދިނީ ފްރޭންކް ރިބެރީ އެވެ. މި މެޗުގައި ކާމިޔާބުކުރި ގޯލާއެކު ރިބެރީ ވަނީ ބަޔާން އަށް ލީގުގައި ވިދިވިދިގެން 12 ސީޒަނުގައި ގޯލްޖަހައިދީ އެ ކްލަބުގެ ތާރީޚުން ޖާގަ ހޯދައިފައެވެ.

އެ ޓީމަށް ވިދިވިދިގެން އެންމެ ގިނަ ސީޒަނުގައި ގޯލްޖެހުމުގެ ރެކޯޑް އޮންނަނީ ކްލައުސް އައުގެންތަލާ އާއި ގާޑް މުލާގެ އަތުގައެވެ. މި ދެ ކުޅުންތެރިންވެސް ވަނީ ވިދިވިދިގެން 14 ސީޒަނުގައި އެ ޓީމަށް ލީގުގައި ލަނޑުޖަހައިދީފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބަޔާންގެ ކޯޗު ނިކޯ ކޮވަޗް ބުނީ ބައިކޮޅަށް ލަނޑެއްވަނަނުދީ މި މެޗުން މޮޅުވުމުން ހިތްހަމަޖެހޭކަމަށާއި މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވުމުން ކުރިއަށް ދިއުމަށް އިތުބާރު ލިބިފައިވާކަމަށެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެއިންޓްރަކް ފްރެންކްފާޓް އަތުން 1-0 އިން ހާތާ ބާލިން މޮޅުވިއިރު އޮގްސްބާގް އަތުން ބަޔާ ލެވަކޫސަން މޮޅުވީވެސް ހަމަ މިނަތީޖާއިންނެވެ. ލިޕްޒީގު އަތުން 3-0 އިން ފްރެއިބާގް މޮޅުވިއިރު ހޮފެންހައިމް އާ ދެކޮޅަށް ވުލްފްސްބާގް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.