Last Updated: April 26, 22:09
Friday, April 26, 2024
ކުޅިވަރު

ހަޑަސްފީލްޑް އަތުން އާސެނަލް އުނދަގުލުން މޮޅުވިއިރު ޔުނައިޓެޑަށް ފަސޭހަ މޮޅެއް

ހަޑަސްފީލްޑް ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ހަޑަސްފީލްޑް ޓައުން އަތުން އާސެނަލް އުނދަގުލުން މޮޅުވިއިރު މެންޗެސްޓާ ޔުނައިޓެޑުން ފަސޭހަކަމާއެކު ފުލަމް ބަލިކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ހަޑަސްފީލްޑް އަތުން 1-0 އިން އެ ޓީމު މޮޅުވިއިރު ޔުނައިޓެޑް ވަނީ އޯލްޑް ޓްރެފޯޑްގައި 4-1 އިން ފުލަމް އަތުން މޮޅުވެފައެވެ.

މިނަތީޖާއާއެކު އާސެނަލް ވަނީ 16 މެޗުން 34 ޕޮއިންޓް ހަމަކޮށް ތާވަލްގެ ތިންވަނަ އަށް ޖެހިލާފައެވެ. މިވަގުތު ތާވަލްގެ އެންމެ ކުރީގައި އޮތީ ލިވަޕޫލެވެ. އެ ޓީމަށް 42 ޕޮއިންޓް ލިބިފައިވާއިރު އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. ހަތަރުވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް 33 ޕޮއިންޓް ލިބިފައިވާއިރު ފަސްވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. ޔުނައިޓެޑް ވަނީ 26 ޕޮއިންޓާއެކު ހަވަނައަށް ޖެހިލާފައެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންދިޔައިރު ހަޑަސްފީލްޑްގެ ގޯލަށް އަމާޒުކޮށް އެ ޓީމަށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި، ޕެނަލްޓީއޭރިޔާ ބޭރުން އާސެނަލްގެ އުރުގުއޭ މިޑްފީލްޑަރު ލޫކަސް ޓޮރޭރާ ފޮނުވާލި ބޯޅަ، ހަޑަސްފީލްޑްގެ ގޯލްކީޕަރު ޖޯނަސް ލޮއެސެލް މަތަކުރިއެވެ. މިހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފަށް އާސެނަލް ނިކުތްއިރު ކޯޗު އުނާއި އެމެރީ ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން، އެ ޓީމުގެ އަލެކްސެންޑަ ލަކަޒޭ އާއި ސްޓެފަން ލީޗްސްޓެއިނާގެ ބަދަލުގައި އަލެކްސް އިވޯބީ އާއި ހެންރިކް މިކިތާރްޔަން ވަނީ ކުޅެން ނެރެފައެވެ.

ފުލަމް ކޮޅަށް މެންޗެސްޓާ ޔުނައިޓެޑްގެ ހަތަރުވަނަ ލަނޑު، މާކަސް ރަޝްފޯޑް (ކ) ފޮނުވާލަނީ. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ޓޮރޭރާ އެވެ، މިއީ އެ ޓީމުގެ ފޯވާޑް ޕިއޭރް-އެމެރިކް އޯބާމަޔަން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ޓޮރޭރާ އޯވަހެޑަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ދެވަނަ ގޯލެވެ.

މި މެޗުން މޮޅުވެ އާސެނަލް ވަނީ ލީގުގައި ބަލިނުވެ ވިދިވިދިގެން 14 މެޗު ހަމަކޮށްފައެވެ. މީގެއިތުރުން، މިއީ މިސީޒަނުގައި އެ ޓީމުން ބަލިނުވެ ވިދިވިދިގެން ހަމަކުރި 21 ވަނަ މެޗެވެ.

ޔުނައިޓެޑްގެ ދަނޑުގައި ފުލަމް އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މި މެޗުގެ 13 ވަނަ މިނެޓުގައި އޭޝްލީ ޔަންގް އެ ޓީމަށް ލީޑް ނަގައިދިންއިރު، 28 ވަނަ މިނެޓުގައި ހުއާން މަޓާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ އޭނާގެ ލީގު ކެރިއަރުގައި ކާމިޔާބުކުރި 50 ވަނަ ގޯލެވެ.

ޔުނައިޓެޑްގެ ތިންވަނަ ލަނޑު، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް މަޓާ ދިން ބޯޅައަކުން ޖަހައިދިނީ ރޮމެލޫ ލުކާކޫ އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ. މިހާފު ނިމުނީ 3-0 އިން ޔުނައިޓެޑް ކުރީގައިއޮވެގެންނެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ފުލަމް އަށް ލިބުނު ޕެނަލްޓީއަކުން އަބޫބަކަރް ކަމަރާ ފަރަގު ކުޑަކުރިނަމަވެސް، މެޗުގެ ތެރެއަށް އައުމަށް އެ ޓީމުން ކުރި މަސައްކަތް ނާކާމިޔާބުވީ އޭގެ މިނެޓެއްފަހުން އެ ޓީމުގެ އަންދްރޭ އަނގުއިސާ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ވެސްޓްހޭމް ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޕްރމިއާ ލީގު.ކޮމް

ޔުނައިޓެޑްގެ ފަހު ލަނޑު، މެޗުގެ 82 ވަނަ މިނެޓުގައި ޖަހައިދިނީ މުޅި މެޗުގައި މޮޅުކުޅުމެއް ދެއްކި އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ. މިއީ ފުލަމްގެ ޕެނަލްޓީއޭރިޔާބޭރުން ވަރަށް ހަނި އޭންގަލަކުން ފޮނުވާލި ބާރު ހަމަލާއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުން ހޯދީ މޮޅާއެކު ޔުނައިޓެޑް ވަނީ ލީގުގައި މޮޅުނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފައެވެ. މިއީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެެޗެވެ. ތިން މެޗުން އެއްވަރުވެފައިވާއިރު އެއް މެޗުން ބަލިވެފައިވެއެވެ. ޔުނައިޓެޑް އަތުން ބަލިވި ފުލަމް އަދިވެސް އުޅެނީ ތާވަލްގެ އެންމެ ފުލުގައެވެ. އެ ޓީމަށް 16 މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ.

ލީގުގައި މިރޭ ކުޅުނު މެޗުގައި ވެސްޓްހޭމް ޔުނައިޓެޑް ވަނީ ކްރިސްޓަލް ޕެލަސް ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 3-2 އިން މޮޅުވެފައެވެ. މި މެޗުގައި ވެސްޓްހޭމުން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ ރޮބަޓް ސްނޮޑްގްރާސް އާއި ހަވިއާ ހެނާންޑޭޒް އަދި ފެލިއްޕޭ އެންޑަސަން އެވެ. ޕެލަސް އަށް ލަނޑުޖަހައިދިނީ ޖޭމްސް މެކް އާތަރ އާއި ޖެފްރީ ޝްލުޕް އެވެ.

މި މުބާރާތުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބްރައިޓަން ހޯވް އެންޑް އެލްބިއަން އަތުން 1-0 އިން ބާންލޭ މޮޅުވިއިރު ސައުތުހެމްޕްޓަން އަތުން ކާޑިފް ސިޓީ މޮޅުވީވެސް ހަމަ މިނަތީޖާއިންނެވެ.