Last Updated: April 26, 06:56
Friday, April 26, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ހަތަރުވަނަބައި)

އިމާދު މާލެދިޔަފަހުން ދެދުވަސްވީ އިރުވެސް އޭނާގެ ޚަބަރެއްނުވުމުން އެންމެފަހުން އާއިން ގުޅިއެވެ. އިމާދުގެ ވާހަކަތައް އަޑުއަހާފައި އާއިންއަށް ލިބުނީ ހައިރާންކަމެކެވެ. އޭނާ ހީކުރިވަރަށްވުރެވެސް ބޮޑަށް އިމާދުވަނީ ޝާލީގެ މަޅީގައި ބެދިފައެވެ. އިމާދުހުރީ ޝާލީއާ ބައްދަލުވީތީ އިންތިހާއަށް އުފާވެފައެވެ. ޝާލީގެ ހަޤީޤަތް ނޭނގޭހާލު އިމާދުހުރީ އެއަންހެން ކުއްޖާއަށްޓަކައި ފިދާވާން ތައްޔާރަށެވެ. އެކުއްޖާއާއެކުގައި ހޭދަކުރާ އުފާވެރި ވަގުތުތަކުގެ ވާހަކަތައް އަޑުއަހާފައި އާއިންހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މިފަދަ ޒަމާނެއްގައިވެސް އެހާފަސޭހައިން މީސްމީހުން މަޅީގައި ޖެހޭތީއެވެ.

ހަފްތާއެއްހައި ދުވަހު މާލެގައި ހޭދަކުރުމަށްފަހު އިމާދު އެނބުރި އައިއިރުހުރީ ފަރަހަނާޒްނާޒްގެ މަތިން މުޅިންހެން ހަނދާންނެތިފައެވެ. އޭނާގެ ޚިޔާލުތަކުގައި ރަނިކަން ކުރަމުންދަނީ ޝާލީއެވެ. އޭނާ ގަބޫލުކުރާ ގޮތުގައިނަމަ ލިޝާއެވެ. އެހާކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިޝާއޭނާގެ ހިތާކުޅެލައިފިއެވެ. އޭނާގެ ހިތުން ދުވަހަކުވެސް އެހެން އަންހެން ކުއްޖަކަށް ޖާގަ ނުދެވޭހައިބޮޑަށް ލިޝާއަށްޓަކައި އޭނާގެ ހިތުން ޖާގަދެވިއްޖެއެވެ. މިހާރު އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ލިޝާ އޭނާގެ މީހަކަށް ހެދުމަށެވެ. ރަށަށް އައުމަށްފަހު އޭނާ އެންމެ އަވަހަށްވެސް ކުރިކަމަކީ ފަރަހަނާޒްނާޒްގެ ބައްޕައާއި ބައްދަލުކޮށްފައި އޭނާއަށް ފަހަރައާއި ކައިވެނިކުރެވެން ނެތްވާހަކަ ހާމަކުރުމެވެ. އެވާހަކަ އަޑުއަހާފައި ފަރަހަނާޒްނާޒްގެ ބައްޕަ ހާދީއަށް ހައިރާންކަން ލިބުނު ނަމަވެސް އޭނާގެ ދަރިފުޅު އިމާދުގެ ކިބައިން ސަލާމާތްވީ ހިތާހިތުން ޝުކުރުވެރިވިއެވެ. ފަރަހަނާޒަށް އެޚަބަރު ލިބުމުން އޭނާއަށްވެސް ނުހަނުބޮޑު ހައިރާންކަމެއް ލިބުނެވެ. އެހިތަށް ބުނެދޭން ނޭނގޭފަދަ ހަމަޖެހުމެއް ލިބުނުނަމަވެސް ބައްޕައާއިމެދު ވިސްނާލާފައި މޮޅިވެރިކަމެއްވެސް ހިތަށްވެރިވިއެވެ. އިމާދު އޭނާއާއި ކައިވެނިކުރުމު ޚިޔާލު ދޫކޮށްލީ ކީއްވެގެންކަން ނޭނގުނު ނަމަވެސް، އިމާދުއަށް ބަދަލެއް އައިކަން އޭނާއަށްވެސް އެނގެއެވެ. އޭނާ އެންމެފުރަތަމަވެސް އެއުފާވެރި ޚަބަރުދޭން ބޭނުންވީ ނޫރާއަށެވެ. ނަމަވެސް އޭނާގެ ފޯނުގައި ގުޅޭވަރަށް ރުފިޔާނެތުމުން ކޯލްމީ ބެކެއްޖަހާފައި ނޫރާ ގުޅާނެއިރަކަށް އިންތިޒާރު ކުރިއެވެ.

އިމާދުގެ ނިންމުމާއިމެދު އާއިލާއާއި ރައްޓެހިން ހައިރާންވެ ސުވާލުކުރަމުން ދިޔައިރު އާއިން ހިތާހިތުން އެކަމާއި އުފާކުރަމުން ދިޔައެވެ. އޭނާ ދޫކޮށްލި ތީރުހެރުނީ ސީދާ އޭގެ އަމާޒުފަތްގަނޑަށެވެ. ނަމަވެސް އަދިވެސް އޭނާގެ ހިތަކަށް ފުރިހަމަ ހަމަޖެހުމެއްނުލިބެއެވެ. އިމާދުއަށް ޝާލީގެ ހަޤީޤަތް އެނގޭ ދުވަހަކުން އެނބުރި ފަރަހަނާޒްއާއި ދިމާއަށް އަންނާނެއޭ އޭނާގެ ހިތްބުނަމުން ދިޔައެވެ. އެހެންކަމުން ދެން އޭނާ ވިސްނީ ފަރަހަނާޒްއާއި އޭނާގެ ބައްޕަ އިމާދުއާއި ދުރަށް ގެންދެވޭނެ ގޮތެއް ހެދުމަށެވެ. އެކަމަށްޓަކައިވެސް އޭނާގޮތެއް ރޭވިއެވެ. އެހެންކަމުން އޭނާ އަނެއްކާވެސް އިޒްޔަންގެ އެހީއަށް އެދުނެވެ.

" އާން…ކަލޭ ތިއުޅެނީ އެމަންޖެއާ ހިތާވެގެންދޯ….އެމަންޖެ އިންނަން އުޅުނުމީހާ މަޅިއެއްގަ ފައްތައިފި…މިހާރު ތިއުޅެނީ އޭނަގެ ބައްޕައަށް އެހީވާން….އެކަމަކުވެސް ތިމާގެ ފިނޑިކަމުން އެމަންޖެއާ ފިލާހުރެގެން މަގޭލައްވާ ހުރިހާކަމެއް ތިކުރުވަނީ…މިމީ އަޅެފަހެ މީނަގެ ޕީއޭތަ؟" އާއިން ގުޅާފައި އޭނާބޭނުންވާ ގޮތް ކިޔައި ދިނުމުން އިޒްޔަން ޝަކުވާގެ ފަތިވަރެއް އަމުނާލިއެވެ.

" ކޮންހާ ބަނދިވަރެއްތަ ތިކިޔަނީ؟..ވަންޏާވާނެއޭ ނުވަންޏާ ނުވާނެ ވާހަކަވެސް ބުނީމަދޯ އެނގޭނީ އެހެންދިމާއަކަށްދާންވެސް.." އާއިން ރުޅިއައިކަމަށް ހެދެމުން ބުނެލިއެވެ.

" އައްދެ ހާދަހާވަރެއް ތިއަރުވާލީ….މައެބައުޅޭތަ ނުކޮށްދޭން….މިހާތަނަށްވެސް ބުނިކަމެއް ވިއްޔާ އޮންނާނީ ކޮށްދީފަ….އެކަމު މަށަށް ހަމަ ވަރަށްޔަޤީން އެކުއްޖާއަށް ހިތްކިޔައިގެންކަން ތިއުޅެނީ…ނުބުންޏަސް ހެޔޮ…ތިއުޅެނީ ހަމަ ހިތާވެގެން" އިޒްޔަން އަނެއްކާވެސް ދިމާކޮށްލިއެވެ.

" ނިކަމެއްޗަކަށް އެހީއެއްވާން އުޅުނަސް ތިއަޅުވަނީ އިލްޒާމް….މަށަށްވެސް ކެރިދާނެ އެނގެއަށްދާން…އަދި މަބޭނުންވާގޮތް ހާމަކުރަންވެސް….އެކަމު އޭރުންވެސް ބަދުނާމުވާނީ އެކުއްޖާ…މީހުން އިލްޒާމްއަޅުވާނީ އޭނަގެބޮލުގަ…ބުނާނެ މާލެއިން އައިމީހަކާ ހިތާވީމައޭ އޭނަގެ ކައިވެނި ރޫޅުނީ….އެހެންވީމަ މަބޭނުން ނުވަނީ އޭނާ ރަށުތެރެއަށް ބަދުނާމުކުރަން….ރަނގަޅު ނިޔަތެއްގަ އަހަރެން އެގެޔަށް ގޮސް އޭނާގެ ބައްޕައަށް އެހީވާން އުޅުނު ނަމަވެސް މީހުން އެކަން ބަލައިގަންނާނީ އެގޮތަކަށްނޫން…." އާއިން ހާމަކުރީ ހަޤީޤަތެވެ.

" އެކަމު އާން…އާން އުޝާއަށް ގުޅާފަ ތިހެން ކިޔާދީބަ….އޭނާލައްވާ ގުޅަން އުޅޭއިރު އާން ކިޔައިދިނުމެއް ރަނގަޅުވާނީ…" އިޒްޔަން ލަފާދިނެވެ.

" ބުނެފީމެއްނު އުޝްފޯނު ނުނެގީމައޭ މިގުޅީ…." އާއިން ޖަވާބުދިނެވެ.

" ޑިއުޓީގަޑީގަ ގުޅީމަ ފޯނު ނުނެގޭނެއްނު….ދެން އޯކޭ…މިރޭ ޑިއުޓީ ނިންމާފަ އޭނައައީމަ މަ ބުނާނާން ގުޅާށޭ" އިޒްޔަން އެހެންބުނުމަށްފަހު ފޯނުބޭއްވިއެވެ.

އުޝް ގުޅާނެ އިރެއްގެ އިންތިޒާރުގައި އާއިން އިންދައި މެންދަމު ބާރަޖަހަން ގާތްވެފައި ހުއްޓައި އުޝާގުޅިއެވެ. އާއިން އޭނަ ވިސްނާފައިވާ ގޮތް އުޝާއަށް ކިޔައިދިނެވެ.

" އާން….އަހަރެން އޭނާއަށް ގުޅާފާނަން….އެކަމު ސުވާލަކީ އޭނަ އަހަރެންގެ ވާހަކަ ގަބޫލުކޮށްފާނެހޭ؟…އޭނާ ބައްޕަގޮވައިގެން މާލެ އަންނަން އެއްބަސް ވެދާނެހޭ؟…ތިބުނީ އެއީ އާއްމުކޮށް މީހުނާ ވާހަކަވެސް ދައްކާއުޅޭ ކުއްޖެއްނޫނޭ….ދެން ކިހިނެއް އެނގެނީ އަހަރެން ގުޅީމަ ފޯނުނަގާނެ ކަމެއްވެސް…." އުޝާ އޭނާގެ ކަންބޮޑުން ހާމަކުރިއެވެ.

" ދެން މަސައްކަތްކޮށްލީމަ އެނގިދާނެއެއްނު…އުޝާގުޅީމަ ފޯނު ނުނަގައިފިނަމަ އަހަރެން އަމިއްލައަށް އެގެޔަށްދާނަން….އޯކޭ…" އާއިން ޔަޤީންކަން ދިނެވެ.

ޖެހިގެން އައިދުވަހު އާއިން ދިން ނަމްބަރަށް އުޝާގުޅިއެވެ. ދެފަހަރު ރިންގްވެފައި ކެނޑުނުއިރުވެސް އެކޮޅުން ފޯނެއްނުނެގިއެވެ. ގިފިލީގައި އެއްޗެހި ދޮންނަން އުޅެފައި ގޭތެރެއަށް ވަތްވަގުތު ފަރަހަނާޒްގެ ފޯނުރިންގްވަނީއެވެ. ނަމަވެސް އޭނާ ނަގަންވާއިރު ފޯނު ކެނޑިއްޖެއެވެ. އޭނާ ބަލާލިއިރު ނުދަންނަ ނަމްބަރަކުން ދެފަހަރު ގުޅާފައި އޮތެވެ.

" އެވާނީ ނޫރުކަމަށް….އޭނާގެ ފޯނުގަވެސް ރުފިޔާނެތީކަމަށްވާނީ…" ފަރަހަނާޒް އޭނާގެ އަމިއްލަ ނަފްސާ މުޚާތަބުކުރަމުން ފޯނުހިފައިގެން ބޭރަށްނުކުތެވެ. ބަނބުކެޔޮގަހުގައި އެލުވާފައިވާ ޖޯލި އުނދޯލީގައި އޭނާ ޖައްސާލީ ނޫރާ ގުޅާނެ ކަމުގެ އުއްމީދުގައެވެ. އެހެންއޮންނަތާ އިރުކޮޅއްފަހުން އޭނާގެ ފޯނުރިންގްވިއެވެ.

" ހެލޯ ނޫރު…ވަރަށްބޮޑު ވާހަކައެއް ބުނަންވެގެންނޭ އޭރުމަގުޅީ…" އެކޮޅުން ކާކުތޯވެސް ބަލާނުލައި އަވަސްއަވަހަށް ފަރަހަނާޒް ބުނެލިއެވެ.
" ސޮރީ…މިއީ ނޫރެއްނޫން އިނގޭތޯ…އުޝާ…….ތިއީ ފަރަހަނާޒްތޯ؟.." ޖެހިލުންވެ އިނދެ އުޝާ ސުވާލުކޮށްލިއެވެ.

" ލައްބަ އަޅުގަނޑުމީ ފަރަހަނާޒް…" ފަރަހަނާޒްނާޒްވެސް ޖެހިލުންވުމާއި އެކު ޖަވާބުދިނެވެ.

"އަޅުގަނޑު މިގުޅާލީ ނުކުޅެދުންތެރިކަން ހުންނަމީހުންނަށް ހިލޭސާބަހަށް އެހީވާ ޖަމްއިއްޔާއެއްކަމަށްވާ "ހެލްޕް އަދާސްގެ ފަރާތުން"…" އުޝާ ޖެހިލުންވެހުރެ ތަޢާރަފުވެލިއެވެ.

" އޯހ ތިބޭފުޅާ ތިގުޅުއްވީ ކޮންބޭނުމަކުތޯ؟…" ފަރަހަނާޒްނާޒް މަޑުމައިތިރިކަމާއެކު ސުވާލުކުރިއެވެ.

" އަޅުގަނޑުމެން ކޮންމެ އަހަރަކުވެސް ގުރުއަތުން ހޮވޭ ދެފަރާތަކަށް ވަރަށް ޚާއްސަ އެހީތެރިކަން ފޯރުކޮށްދޭން….އެގޮތުން ތިބޭފުޅާގެ ބައްޕައަކީ މިއަހަރުގެ ގުރުއަތުން ހޮވުނު އެއްފަރާތް…އެހެންވީމަ އެކަން އެންގުމަށްޓަކާ މިގުޅާލީ…." އުޝާ އޮޅުންފިލުވައިދިނެވެ.

" އެކަމު އަޅުގަނޑަށް ކިހިނެއްތޯ އެނގޭނީ ތިބުނަނީ ތެދެއްކަން…" ޔަޤީންނުވެފައި ފަރަހަނާޒް ބުނެލިއެވެ.

އުޝާވެސްހުރީ އެފަދަ ދަނޑިވަޅަކަށް ވިސްނައިގެންނެވެ. އެހެންކަމުން އުޝާ ވަރަށް ތަފްސީލުކޮށް ހާދީގެ ބަލިހާލުހުރިގޮތާއި އެމީހުންގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތް ކިޔައިދީ އޭނާއަށް އެކަންކަން އެނގޭކަން ސާބިތުކޮށްދިނެވެ. އެވާހަކަތައް އަޑުއަހާފައި ފަރަހަނާޒް އިނީ ހައިރާންވެފައެވެ. ނަމަވެސް އޭނާއަށް އަދިވެސް އެވާހަކަތައް ގަބޫލުކުރަން އުނގަދޫވަނީއެވެ.

" ތިއީ މިރަށުގަ އުޅޭކޮންމެ މީހަކަށްވެސް އެނގޭނެ މައުލޫމާތެއް….އެހެންނޫނަސް ތިބުނާ އެންޖީއޯއެއްގަ އަޅުގަނޑު ބައްޕަ ރެޖިސްޓްރީއެއްވެސް ނުކުރަން…" ފަރަހަނާޒް ހުރީ އެހާފަސޭހައިން ގަބޫލުކުރާގޮތަކަށް ނޫނެވެ.
މިޒަމާނުގައި މީހަކު ބުނާހައި އެއްޗެއް އެހާފަސޭހައިން ގަބޫލުކުރަންވެސް ނުވާނެކަން އޭނާއަށް އެނގެއެވެ.

އެހެންކަމުން އުޝާ، ފަރަހަނާޒްއާއި ހާދީގެ ދިވެހިރަތްޔިތެއްކަން އަންގައިދޭކާރޑްގެ ނަމްބަރަށްދާންދެން ކިޔައިދިނެވެ. އަދި އޭނާއަށް ހާދީއާބެހޭ މައުލޫމާތު ލިބުނީ އެމީހުން ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ގުޅައިގެން ކުރި ދިރާސާއަކުން ކަމަށްވެސް ބުންޏެވެ. އުޝާ އޭނާއަށް ދެއްކުނުހައި ރަނގަޅަކަށް ވާހަކަދައްކައި ފަރަހަނާޒް އެކަން ގަބޫލުކުރާވަރު ކުރުވިއެވެ.

" ދެން އަޅުގަނޑުމެން ކިހިނެއް ހަދަންޖެހޭނީ އެހީހޯދަން…" އެންމެފަހުން ފަރަހަނާޒް އެހިއެވެ.

" އަޅުގަނޑުމެން އެހީދެނީ ފައިސާގެ ގޮތުގައެއްނޫން….އަޅުގަނޑުމެން ބަލިމީހާ ޑޮކްޓަރަށް ދައްކާފަ ކުރަންޖެހޭ ޚަރަދުތައް ކޮށްދެނީ…އެހެންވީމަ ތިބޭފުޅުން ޖެހޭނީ މާލެއަންނަން….ޑޮކްޓަރަށް ދެއްކީމަ އިތުރަށް ކުރިޔަށްދާނެގޮތެއް އެނގޭނީ…" އުޝާ ބުނެލިއެވެ.
" އެކަމު އަޅުގަނޑު މާލެގޮސް ހުންނާނެ ތަނެއްވެސްނެތް…އޮޕަރޭޝަން ކުރެވޭނެކަމުގެ ޔަޤީންކަމެއްނެތްއިރު މާލެގޮސްގެން ގަނަތެޅެންވެސް ޖެހިދާނެ…" ފަރަހަނާޒް އޭނާއަށް ފެންނަގޮތް ހާމަކުރިއެވެ.

" ތިކަމާ ހާސްނުވޭ….ދަތުރު ޚަރަދާ ޑޮކްޓަރަށް ދައްކާ ނިމޭންދެން މިކޮޅުގަ ތިބުމުގެ ޚަރަދުވެސް އަޅުގަނޑުމެން ދޭނަން…..ހުޅުމާލޭގަ އަލަށް ހުޅުވި ހޮސްޕިޓަލްގަ ވަރަށް ބޮޑެތި އޮޕަރޭޝަންތައް ކުރެވި ކިތަންމެ ބަޔަކު ފަސޭހަވެފަ އެބަތިބި….ނުކުޅެދުންތެރިކަން ހުރިމީހުން ކުޅެދޭމީހުންނަށް ބަދަލުވެފަ އެބަހުރި….ވީމަ އެކަމާ ހާސްނުވޭ….އިންޝާﷲ ހުރިހާކަމެއްވެސް ރަނގަޅުވާނެ…" އުޝާ ފަރަހަނާޒަށް ހިތްވަރުދިނެވެ.

ފޯނުކޯލް ނިންމާލިއިރު އުޝާގެ އަތްފައިހުރީ ރަނގަޅަށްވެސް ފިނިވެފައެވެ. އޭނަ މިދެއްކި ވާހަކަތަކާއި އެއްގޮތަށް އަމަލު ނުކުރެވިއްޖެނަމަ ނިކަމެތި ބަޔެއްގެ ހުރިހާ އުއްމީދެއް ފެނަށްދާނެއެވެ. އޭނާ އާއިންއަށް ކިތަންމެ ބޮޑަކަށް އިތުބާރުކުރި ނަމަވެސް އެފަދަބޮޑު ނިންމުމެއް އާއިން ނިންމީތީ އިންތިހާއަށް ކަންބޮޑުވެސްވިއެވެ. އާއިން އަމިއްލައަށް އޭނާގެ ބޮލުގައި އެ އެޅުވީ ހާދަބޮޑު ޒިންމާއެކޭ ހިތަށްއެރިއެވެ. އުޝާ އިރުކޮޅެއްވާންދެން ވިސްނަން އިނުމަށްފަހު އާއިންއަށް ގުޅާލިއެވެ. އަދި ފަރަހަނާޒާ ދެކެވުނު ވާހަކަތައް ކިޔައިދިނެވެ.

" ވަރަށް ބޮޑަށް ޝުކުރިއްޔާ….މަގޭ ލޯބި ފަހަރީ…" އާއިން އުފާވެލާފައި ބުންޏެވެ.

" އާން…އަހަރެން ވަރަށްބިރުގަނޭ އެކަމު….އާންއަށް ޔަޤީންތަ އެކަން އެގޮތަށް ކޮށްދެވޭނެކަމަށް….ހާދަބޮޑު ޚަރަދެކޭ އެއީ….އާން ބައްޕަގެ ގާތުގަވެސް އަހާނުލައި ތިހާބޮޑު ނިންމުމެއް ތި ނިންމީ ކީއްވެ؟…ތިކަން ކޮން ނުދެވިއްޖެއްޔާ އެނގޭތަ އެދެބަފައިންނަށް ވާނެގޮތް…އެމީހުންގެ ހުރިހާ އުއްމީދެއް ފެނަށްވާނެ…." އުޝާ އަސަރާއެކު ވާހަކަދެއްކިއެވެ.

" އުޝް….އެކަމާ ކަންބޮޑުނުވެބަލަ….އަހަރެންނަށް ވާނެ އެކަން…މިހާރުވެސް ފަންޑްރައިޒް ކުރުމުގެ ޕްރޮގްރާމެއް އޮންލައިންކޮށް ފަށައިގެން މިއުޅެނީ….ސިންގަޕޫރުގައުޅޭ އަހަރެންގެ ވަރަށްގިނަ ރަށްޓެހިން އަހަރެންނަށް އެހީވަމުން އެބަދޭ…އެމީހުން އެހީދެނީ ޑޮލަރުން…އެހެންވީމަ އޮޕަރޭޝަންގެ ހުރިހާ ޚަރަދެއް ކަވާނުވިޔަސް ބޮޑުބައިވާނެ…އަނެއްކޮޅުން އާސަންދަވެސް ލިބޭނެއްނު…ދެންކީއްވެނުވާނީ؟…" އާއިން ޔަޤީންކަމާއެކު ސުވާލުކޮށްލިއެވެ.

" ދެން އެމީހުން މާލެގެނެސް ކޮންތާކު ބައިތިއްބާނީ؟ އާންގެ ގެޔަކަށް ގައިމު ނުގެންދެވޭނެ…ހުޅުމާލެގެވެސް އަދިނުނިމެއެއްނު….ތަނެއް ހިފަންވެއްޖެއްޔާ އެވެސް ކުޑަޚަރަދަކަށް ނުވާނެ…" އުޝާ އަދިވެސްހުރީ ކަންބޮޑުވެފައެވެ.
" ކޮބާތަ ތިގޭގަހުރި އެޕާރޓްމަންޓް….ބުނީމެއްނު އެތާ އުޅުނުމީހުން މިސްރަށް ބަދަލުވި ވާހަކަ….އެތަނު ތިބެވޭނެ ގޮތް ހަދާދޭންވީނު….އަހަރެން ކުލިދޭނަން…" އާއިން ބުނެލިއެވެ.

" އެތަން އެއްކޮށް ހުހެއްނުވޭ….އެތާއުޅުނު އެދެމަފިރިން ދިޔައީ…އެކަމު އެމީހުންގެ ކޮއްކޮއަކު ހުރޭ އަދިވެސް…އެކަނިހުރި އަންހެން ކުއްޖެ އެވެސް…" އުޝާ އޮޅުންފިލުވައިދިނެވެ.

" އެހެންވީމަ އެތާނގަ އެމީހުން ބައިތިއްބަންވީނު….އެކަކު އެކަނި ހުންނަން ބޭނުންވާނީ އެންމެކޮޓަރިއެއްނު….އަދި ބާކީ ދެކޮޓަރި ހުންނާނެއްނު…" އާއިން ލަފާދިނެވެ.

" ހޫމް…ތިކަމާ ވިސްނާލާނަން…އިޒީއާ ވާހަކަދައްކާފަ ޖަވާބެއްދޭނަން…" އުޝާ ބުނެލިއެވެ.

ފަރަހަނާޒްގެ ބައްޕައަށް އެހީތެރިވެވޭނެ މަގެއްފެނުމުން އާއިން ނުހަނު އުފާވިއެވެ. ދެން އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް މާލެދިމުށެވެ. އޭނާ ބޭނުންގޮތަށް ކަންކަން ހަމަޖެއްސަން ފަސޭހަވާނީ އޭރުންނެވެ.
*****
މިއަދަކީ ފަރަހަނާޒާއި އޭނާގެ ބައްޕަ މާލެދާން ފުރާދުވަހެވެ. ހެނދުނު ނުވައެއްގެ ފްލައިޓުން ފުރަންޖެހޭތީ ފަތިހުފަތިހާ އޭނާހުރީ ދަތުރަށް ތައްޔާރުވެގެންނެވެ. އޭނާގެ ބައްޕަގެ އެދުމަށް، އިހަވަންދޫގައިހުރި ބައްޕަގެ ކޮއްކޮއެއް ކަމަށްވާ ނިމާލު އެމީހުނާއެކު މާލެދިއުމަށް އެއްބަސްވިއެވެ. އެހެންކަމުން ދަތުރުމަތީގައި ދިމާވެދާނެ ތަކުލީފަކާއިމެދު އޭނާ ކަންބޮޑުވާކަށް ނުޖެހުނެވެ.
މަތިންދާބޯޓުގައި އިންއިރުވެސް އޭނާއަށް ވިސްނެމުންދިޔައީ ކުއްލިއަކަށް އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔަގޮތާއިމެދުގައެވެ. އޭނާ އަދިވެސް އެހުރީ ހައިރާންކަން މަތީގައެވެ. އަދިވެސް މިއީ ހަޤީޤަތެއްކަން ގަބޫލުކުރަން އޭނާއަށް އުނދަގުލެވެ. އޭނާ އިމާދުގެ ކިބައިން ސަލާމަތްވިތާ ގިނަދުވަހެއްނުވެ ހެޔޮއެދޭފަރާތެއްގެ އެހީތެރިކަންވެސް އޭނާގެ ބައްޕައަށް ލިބުނީއެވެ. އިންސާނެއްގެ ހިޔާލަށްވެސް ނުގެނެވޭފަދަ ގޮތް ގޮތަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންގެ ހާލަތު ބަދަލު ކުރައްވާކަމުގެ ހެއްކެއް މިއަދު އޭނާއަށް ފެނިއްޖެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަމެއްވާކަށް ލަހެއްފަހެއް ނޯވެއެވެ. އިންސާނުންނަށް އޮތީ ކެތްތެރިކަމާއެކު އިންތިޒާރު ކުރުމެވެ.

ފަރަހަނާޒްމެން ހުޅުލޭ ވައިގެ ބަނދަރުން ލަފާމީހުންނަށް ޚާއްސަކުރެވިފައިވާ ދޮރާށިން ނުކުތްއިރު އެމީހުންގެ އިންތިޒާރުގައި އިޒްޔަންގެ ދެމަފިރިން ތިއްބެވެ. ކަޅުހެދުން ލާފައިހުރި ހިމަތޮޅި ދޮން ކުއްޖަކާއި އެކު ފުރޮޅުލީ ގޮނޑީގައި އިން ފިރިހެންމީހާ ފެނުމުން އެއީ ފަރަހަނާޒްމެންކަން އުޝާއަށް އެނގުނެވެ. ފަރަހަނާޒްގެ މޫނުމަތިން ފެންނަމުންދަނީ ހާސްކަމާއި ކަންބޮޑުވުމެވެ.
" ހޭއި…މީއުޝާ…މީ އަޅުގަނޑުގެ ފިރިމީހާ އިޒްޔަން…" އުޝާ އަވަސް އަވަހަށް އަވަހަށް އައިސް އެމީހުންނަށް ތަޢާރަފުވެލިއެވެ. ޖަވާބުގައި ފަރަހަނާޒްއާއި ހާދީ ހިނިތުންވެލިއެވެ.

"ކޮބާދާންވީ ދޯ؟" ދަބަސްތައް ޓްރޯލީއަކަށް ލައިގެން ނިމާލު އައުމުން އިޒްޔަން ބުނެލިއެވެ. އެންމެން އެކުގައި ޓާރމިނަލްއިން ނުކުތުމަށް މިސްރާބުޖެހިއެވެ.
*****
ފަރަހަނާޒްމެން މާލެދިޔަތާ ދެދުވަސްފަހުން އާއިންއާއި މާޒްވެސް މާލެދިޔައެވެ. އޭރު އިމާދުވެސް ތައްޔާރުވަމުންދަނީ ލިޝާއާއި ކައިވެނިކުރުމަށް މާލެދިއުމަށެވެ. ފަރަހަނާޒްމެން މާލެދިޔަކަންވެސް އިމާދުއަށް އެނގުނީ އޭނާގެ ބައްޕަ ފަރާތުންނެވެ. އޭނާގެ އަމިއްލަ ދުނިޔޭގައި އަވަތިނެތި އުޅުނުވަރުން އޭނާއަށް އެހެންމީހުންގެ ދިރިއުޅުމުގައި ވާނުވާއެއް އެނގޭވަރެއް ނޫނެވެ. ޝާލީހުރީ އިމާދުގެ އުނދަގޫބޮޑުވެގެން މޮޔަވާން ގާތްވެފައެވެ. ނަމަވެސް އުޝާ ބުނާ ދުވަހެއްވާންދެން އެގޮތުގައި ކެތްކުރަން ޖެހޭތީ އޭނާ ކެތްތެރިވިއެވެ. މިހާރު އިމާދުގެ ހާލުހުރިގޮތުން ޝާލީ އިމާދާމެދު ހަމްދަރުދީވެއެވެ. އިމާދު އޭނާދެކެ ހަޤީގަތުގައިވެސް ލޯބިވެއްޖެއެވެ. މިހާރު މަޑު މަޑުން އޭނާގެ ހިތްވެސް އިމާދަށް ލެނބޭހެން އޭނާއަށް ހީވާން ފަށައިފިއެވެ. މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އޭނާއަށްވެސް ވަނީ އިމާދުއާ ގާތްވާން ނުޖެހޭވަރަށްވެސް ގާތްވެވިފައެވެ. މިކަންތައް މިއަށްވުރެ ގޯސްނުވަނީސް މިކަމުން ސަލާމަތްވާން އޭނާ ބޭނުމެވެ.
ފަރަހަނާޒްއާއި އޭނާގެ ބައްޕަ ތިބެން ހަމަޖެއްސީ އުޝާމެން އުޅޭ އިމާރާތު ތިރީބައެވެ. އެކަން އެގޮތަށް ހަމަޖެއްސީ އެބައިގައި އުޅޭ ތޫބާއާއި ވާހަކަދައްކައި އޭނާގެވެސް އެދުމުގެމަތިންނެވެ. އޭނާގެ ދޮންބެއާއި ދޮންބެ ދައްތަ މިސްރަށް ދިއުމުން އޭނާހުންނަނީ ވަރަށް އެކަނިވެރިވެ، ފޫހިވެސް ވެފައެވެ. އެހެންކަމުން ފަރަހަނާޒް އައުމުން އޭނާ އުފާވިއެވެ. ދެކުދިންގެ މިޒާޖްވެސް އެއްގޮތްކަމުން އެދެމެދުގައި އެކުވެރިކަން އުފެދޭކަށްވެސް ގިނަވަގުތެއް ނުނެގިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި ދާދިފަހުން މަސައްކަތްކުރަންފެށި ފިޒިޝަންއަކަށް ހާދީ ދެއްކިއެވެ. އޭނާ ބޭނުންވާ ޓެސްޓްތަކާއި އޮބްޒަވޭޝަންތައް ހެދުމަށްފަހު ބުނީ އޮޕަރޭޝަން ކޮށްގެން ހާދީ މުޅިން ރަނގަޅު ކުރެވޭނެ ކަމުގެ ވަރަށްބޮޑު އުއްމީދު އޮތްކަމަށެވެ. އެހެންކަމުން އޮޕަރޭޝަންއަށް ތައްޔާރުވުމަށް ލަފާދިނެވެ. އޮޕަރޭޝަންއާއި ބޭސްފަރުވާއަށް ދާޚަރަދު އެނގުމުން އުޝާއާއި އިޒްޔަންވެސް ކަންބޮޑުވިއެވެ. އާއިންއަށް އެކަން އެގުމުންވެސް އޭނާހުރީ ހަމަޖެހިފައެވެ.

" އަހަރެން ބުނީމެއްނު އެކަމާ ނުވިސްނާށޭ….އަހަރެން ހީކުރިވަރަށްވުރެ ބޮޑުއެހީއެއް އޮންލައިކޮށް ލިބުނު…އަދިވެސްދަނީ ލިބެމުން….އެހެންވީމަ އާސަންދާއެކު އެއްވެސްދަތިކަމެއްނެތި ތިކަންވާނެ….ނުވެއްޖެއްޔާ އަހަރެން ބައްޕަގާތު ބުނެގެންވެސް އެކަން ހަމަޖއްސާނަން…" އާއިން ޔަޤީންކަން ދިނެވެ.

" އުޝް…ފެނޭތަ މީހަކު މޮޔަވެފަހުރިވަރު؟…އެކަމު އަދިވެސް އެއްބަސްވާކަށް ނޫޅޭ…" ތަންވަޅު ބަލާފައި އިޒްޔަން އާއިންއާ ދިމާކޮށްލިއެވެ.

" މިޒަމާނުގޮ ނޯންނާނެ ލިﷲ އަށްޓަކާވެސް ކަމެއްކޮށްދެވޭކަން….ދެންކަލޭމެން ވިސްނާގޮތަކަށް ވިސްނާ…މަނެތިން އިތުރަށް އެއްޗެއް ބުނާކަށް…" އާއިން ހަތިޔާރު ބެހެއްޓިއެވެ.

ވާނީވެސް އެހެންނޫން ހެއްޔެވެ؟ ޚުދު އޭނާއަށްވެސް އޭނާގެ ހިތުގެ ހަޤީޤަތެއް ނޭނގެއެވެ. ނުދަންނަ ކުއްޖަކާއިމެދު މިހާބޮޑަށް އޭނާގެ ހިތުގައި ހަމްދްރުދީ އުފެދެންވީ ސަބަބެއްވެސް ނޭނގުނެވެ. ނިކަމެއްޗަކުން އޭނާއަށް މިފެނުނީ އަލަކަށްވެސް ނޫން ވިއްޔާއެވެ. މީގެކުރިންވެސް ކިތަންމެ ފަހަރަކު އޭނާގެ ބައްޕަގެ ގާތަށް އެހީއަށްއެދި ނިކަމެތިން އާދެއެވެ. އެއިން އެއްވެސް ފަހަރަކު އޭނާ އެއިން މީހަކަށް އެހީވުމަށް ޝައުޤުވެރިއެއް ނުވެއެވެ. ދެން މިހާރު އޭނާއަށް ވެގެން މިއުޅެނީ ކީއްބާއޭ ޚުދުއޭނާގެވެސް ހިތަށްއެރިއެވެ. މާޒްގާތުގައިވެސް އޭނާ އެވާހަކަ ނުބުނީ މާޒްވެސް އޭނާއާމެދުގައި އިޒްޔަން ދުށްފަދަ ގޮތަށް ދެކޭނެތީއެވެ. މިހާރުވެސް އޭނާ އެރަށުން އައިލެއް އަވަސްކަމުން އެތައް ޝަކުވާއެއް ކޮށްފިއެވެ. އަދި އޭނާއަށް ހަޤީޤަތް އެނގުމުން ކިހާވަރެއް ކޮށްލާނެ ހެއްޔެވެ؟
ހަސްފަތާލުގައި އެނދުމަތި ކުރެވުނުތާ، ދެވަނައަށްވީ ދުވަހު ހާދީގެ އޮޕަރޭޝަން ކުރެވުނެވެ. ހާދީއަށް ތެދުވެ އުޅެވޭވަރުވާންދެން ނިމާލުވެސް މަޑުކުރަން ނިންމިއެވެ. ކާމިޔާބު އޮޕަރޭޝަންއަކަށްފަހު ހާދީ ރަނގަޅުވާނެ ކަމުގެ އަލާމާތްތައް ފެންނަންފެށިއެވެ. އޭނާގެ ހަރަކާތް ހުސްވެފައިވާ ދެފަޔަށް ދިރުން ލިބުނު ކަމުގެ އިހުސާސެއް ކުރެވެންފެށިއެވެ. ނަމަވެސް ޑޮކްޓަރުގެ ލަފާގެ މަތިންނޫނީ އެއްވެސް ހަރަކާތެއް ކުރުންވަނީ މަނާކުރެވިފައެވެ. ހޮސްޕިޓަލްގެ ޚިދުމަތް ކިތަންމެ ރަނގަޅުވެފައި ބަލިމީހުންނަށް އަޅާލުމާއި ލޯބި ލިބުނު ނަމަވެސް، ފަރަހަ އެންމެ ހިނދުކޮޅަކަށްވެސް ބައްޕައާއި ދުރަށްދާކަށް ބޭނުމެއްނުވެއެވެ. އުޝާއާއި ތޫބާގެ ފަރާތުން ފަރަހަނާޒް އެހީތެރިކަން ލިބެމުން ދިޔައެވެ. އާއިންވެސް ދުރުދުރުން އެމީހުންގެ ހާލުބަލަމުން، އެމީހުންނަށް ބޭނުންވާ ފައިސާގެ ކަންކަން ހަމަޖައްސަމުން ދިޔައެވެ.

" އާން…މިހާރު ހާދަފާޑަކަށޭ ތިއުޅެނީ؟….މަށާ ސިއްރުން ކޮންމެވެސް ކަންތައް ގަނޑެއް ހިންގަންދޯ އެބަ؟.." އާއިން އުޅޭގޮތުން ޝައްކެއްވެގެން އެއްދުވަހަކު މާޒް އަހާލިއެވެ.

" ކިހިނެއްވީ؟….މަށަށް ކޮންގޮތަކަށް އުޅެވެނީ؟…" އެއްޗެއް ނޭނގޭކަމަށް ހަދާފައި އާއިން އަހާލިއެވެ.

" މިހާރު މަށަށް ނޭނގި ކޮންމެ ދުވަހަކު ހުޅުމާލެއަށް ދަނީ ކީއްކުރަން؟…ކުރީގަ ކޮންމެތާކަށް ދިޔަޔަސް ދާނީ މަގޮވައިގެން….އެކަމު މިހާރު ފިލަފިލައިގެން އުޅެނީ….ކޮބާތަ މައްސަލައަކީ؟…މަށަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟…ތިހާ ދުރުދުރުން ތިއުޅެނީ؟.." މާޒް ސީރިއަސްކަމާއެކު އަހާލިގޮތުން އާއިންގެ ގާތަށް ހިނިވެސް އައެވެ.

" އެންމެ ރަނގަޅު….މަމިބުނާ ވާހަކައެއް އަޑުއަހާފަ އެއްވެސް ގޯސްމާނައެއް ނަގައިގެން ނުވާނެ….އަދި އެއްވެސް މީހަކަށް މިކަން އަންގައިގެންވެސް ނުވާނެ…" އާއިން ޝަރުތު ކަނޑައެޅިއެވެ.

" އެންމެ ރަނގަޅު….ވައުދުވަން ތިބުނާގޮތަށް ކަންތައް ކުރާނަން ކަމަށް…އެހެންނޫނަސް މީގެކުރިން އާންގެ އެއްވެސް ސިއްރެއް މީހަކާ ހިއްސާއެއް ނުކުރަމެއްނު…" މާޒް ޔަޤީންކަމާއެކު ބުންޏެވެ.
.
އާއިން އޭނާ ކަންތައްކުރަމުން ދިޔަގޮތް ވަރަށް ތަފްސީލުކޮށް މާޒްއަށް ކިޔައިދިނެވެ. އާއިންގެ ރޭވުންތެރިކަމުން މިފަހަރު މާޒްވެސް ހައިރާންކޮށްލައިފިއެވެ. އޭނާއާއި މިހާގާތުގައި އުޅެފައިވެސް ކަޅެއްދޮނެއް އަންގައިނުލައި އެވަރުގެ ބޮޑުރޭވުމެއް ރާވައި ކާމިޔާބުވެސް ކުރީއެވެ. އާއިން އިމާދުއާއި ގާތްގުޅުމެއް އުފެއްދުމުން އޭނާއަށް ޝައްކެއްކުރެވުނު ނަމަވެސް މިވަރުގެ ބޮޑުކަމެއް ކުރާނެކަމަކަށް އޭނާގެ ޚިޔާލަށްވެސް ގެނެވިފައެއް ނުވެއެވެ.

" ނޫނޭ…ތީކުޅަދާނަމީހެއް….މަށަށްހަމަ ތަނެއްދޮރެއް ދޮށާއްޓެއް ވަކިނުވޭ މިހުރިހާ ދުވަސްވީއިރު…" އާއިންގެ ގައިގާ ބޮނޑިއެއް އަޅަމުން މާޒް ބުނެލިއެވެ.

"އެނގޭތަ؟..އެއިމާދުވެސް އިއްޔެ މަށަށްގުޅި….އާންއަށް ގުޅާގުޅާ ފޯނު ނުނެގި ވާހަކަވެސް ބުނި….މަބުނިން މަށަށްވެސް އާން ނުފެންތަނާ ދުވަސްކޮޅެއް ވެއްޖެއޭ….އޭނާހުރީ ކަމަކާ ވަރަށް ކަޓާފަ…މައެހީމަވެސް ނުބުނި" މާޒް ކިޔައިދިނެވެ.

" އޯހ…އޭނަގުޅިއަސް ދެން ފޯނު ނުނަގައްޗޭ!…..މިހާރު އެއުޅެނީ ޝާލީފޯނު ނުނަގާތީ އެހެންވެ…" އާއިން އޮޅުން ފިލުވައިދިނެވެ.
" އެކަމު އެސޮރަށް އެހާބޮޑު ލަނޑެއްދޭކަށް ނުވާނެއްނު…" މާޒްގެ ހިތުގައި އިމާދަށް ހަމްދަރުދީ އުފެދުނެވެ.

" އޭނާއަށްވެސް މިފަހަރު އެއްޗެއް ވިސްނޭނެއްނު…." އާއިން ބުނެލިއެވެ.

" އޭނާ މާލެއަންނާ އަހަރެމެން ހޯދަން….ފަހުދުގާތު ބުނެގެން އަހަރެމެންގެ އެޑްރެސްވެސް ހޯދަފާނެ….ދެން ކިހިނެއްހަދާނީ؟…" މާޒް ކަންބޮޑުވެފައި އަހާލިއެވެ.

" ފަހުދުގާތު ބުނެފަ އޮންނާނީ މާދުގެ އުނދަގޫ ބޮޑުކަމުން އޭނާއަށް އަހަރެމެންގެ އެއްވެސް މައުލޫމާތެއް ނުދެއްޗޭ!…އަހަރެން އައުމުގެކުރިން ފަހުދުގާތުބުނިން….އޭނާބުނީ ނުދޭނަމޭ…" އާއިން ހަމަޖެހިލަމުން ބުންޏެވެ.

" ނޫނޭ…ކުޅަދާނަމީހެއްތީ….އެކަމު އަހަރެން ބުނާނީ އެ މާދުގެ އުނދަގޫ ޖެހޭނޭ އަދި…." އަނެއްކާވެސް މާޒް ބުންޏެވެ.
" ތިކަމާ ހާސްނުވެބަލަ! އަހަރެން އޭނައާ ބައްދަލުވެސް ކޮށްފާނަން….އޭނާ ހައްދާލުން އެއީ އުނދަގޫކަމެއްނޫނޭ…އެކަމު ފަރަހަ މިކޮޅުގަ ބެހެއްޓުން އުނދަގޫކަމަކަށް ވާނީ….އޭނާގެ ބައްޕަ ފަސޭހަވުމުން އަނބުރާ ރަށަށްދާނެ…އޭރުން އަނެއްކާ މާދުގެ އުނދަގޫޖެހޭނެ….މަށަށް ހަމަ ޔަޤީން…" އާއިން އަޑުގައިވަނީ ކަންބޮޑުވުމެވެ.

" ހޫމް…ތިކަމަށް ހައްލެއް ގެއްނަން އަނެއްކާވެސް ކަމެއްރާވަންވީ….މިކޮޅުގަ އޭނާ މަޑުކުރާނެ ގޮތަކީ ކޮބާތޯ ހޯދަންވީ….އުޝް ލައްވާ އެކަން ކުރުވިދާނެ އެއްނު….މަށަކަށްވެސް ނުފެނޭ އޭނާ އަނބުރާ އެރަށަށް ފޮނުވާކަށް…ހަޤީޤަތުގަ މަވެސްހުރީ އޭނާއަށް އެހީތެރިވެދެވޭނެ ގޮތަކާމެދު ވިސްނަ ވިސްނާ…." މާޒްވެސް އޭނާގެ ޚިޔާލު ފާޅުކުރިއެވެ. ދެމީހުން އެކަމާމެދު ވިސްނާ މަޝްވަރަށްކުރަން އެތައްއިރަކު އެގޮތުގައި ތިއްބެވެ.

ނުނިމޭ