ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މުދަލާއި ފައިސާ ގެއްލިގެންދާ ދިޔުމަށް ނިމުމެއް ގެނައުމަކީ، މި ސަރުކާރުގެ އެއް އަމާޒުކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާ ސަޕްލިމެންޓަށް، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
އެ ޚިތާބުގައި ރައީސް ވަނީ މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވެފައިވާ އެންމެބޮޑު އެއް ވަޢުދަކީ، ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުންކަން ފާހަގަކުރައްވައިފަ އެވެ.
އަދި ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އެންމެހައި އިދާރާތަކަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނުގެ ޚިޠާބުގައި ކޮރަޕްޝަންގެ ވަބާ ރާއްޖެއިން ފުހެލެވިގެން ނޫނީ ރައްޔިތުން އެދޭ ތަރައްޤީއާއި ކުރިއެރުން ރައްޔިތުންނަކަށް ހޯދައެއްނުދެވޭނެކަމަށާއި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޖަވާބުދާރީކުރެވޭނެ ގޮތެއްގެ މަތިން ދެފުށްފެންނަ ގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ބައްޓަންކުރުންކަން ފާހަގަކުރައްވާފައިވެއެވެ. އަދި، ކަންކަން ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތައް ލިޔެވި، ޢާންމުކުރެވެންޖެހޭނެކަމަށާއި، ސަރުކާރުގެ މުވައްޒަފުންނާއި، އެކިއެކި ޒިންމާތަކާއި މަސްއޫލިއްޔަތު ހަވާލުވެފައިވާ ވެރިންނާއި، އަދި ވަޒީރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ނަޒާހަތްތެރި ބަޔަކަށް ވާންޖެހޭނެ ކަމުގައިވެސް މި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ގެއްލިފައިވާ ފައިސާއާއި، ގެއްލިފައިވާ ޙައްޤުތައް އަނބުރާ އިޢާދަކޮށްދިނުމަކީ މި ސަރުކާރުގެ އެއް އަމާޒުކަމަށާއި، މިއަދު ޢަޒުމް ކަނޑައަޅަންވީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތު ރަނގަޅުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށްކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި، ކޮރަޕްޝަންގެ ޙާލަތު ރަނގަޅު ކުރުމަކީ ރާއްޖެއާމެދު އިންވެސްޓަރުންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމެއްކަމަށާއި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވައި، ރާއްޖޭގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ އިދާރާތަކަށް މި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދެއްވާފައިވެއެވެ.