Last Updated: March 29, 06:30
Friday, March 29, 2024
ދުނިޔެ

ފްރާންސު މުޒާހަރާތަކުގައި ހާހެއްހާ މީހުން ހައްޔަރު

ފްރާންސުގައި މިހާރު ޓެކްސް ބޮޑު ކުރުމާ ދެކޮޅަށް ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި އިއްޔެ އެކަނި ހާހެއްހާ މީހުން ހައްޔަރުކޮށްފިއެވެ.

ފްރާންސުގައި ތެލުން ނަގާ ޓެކްސް ބޮޑުކުރަން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ރައްޔިތުން މުޒާހަރާ ކުރަން ފެށީ މިދިޔަ މަހުގައެވެ. މުޒާހަރާތަކުގައި ތެލުގެ އަގު ހެޔޮ ކުރުމަށާއި ރައީސް މެކްރޮން މަގާމަށް ކުފޫ ހަމަ ނުވާ ކަމަށް ބުނެ އިސްތިއުފާ އަށް ވެސް ބައިވެރިން އަންނަނީ ގޮވަމުންނެވެ.

ޔެލޯ ވެސްޓްސް މޫވްމެންޓްގެ ނަމުގައި އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން އަންނައިރު އިއްޔެ އެއް ލައްކަ ފަންސަވީސް ހާހަށް ވުރެ ގިނަ މީހުން މުޅި ފްރާންސުގެ އެކި ކަންކޮޅުތަކަށް އެއްވެ އަޑު އުފުލާފައިވެއެވެ.

ޕެރިސްގައި އެކަނި 10،000 އާ ގާތް ކުރާ އަދަދަކަށް މީހުން އެއްވެފައިވާއިރު ސަރުކާރުން ވަނީ 8،000 ފުލުހުން މަގުތަކަށް ނެރެފައެވެ. ރައްޔިތުން ނިކުމެ މުޒާހަރާ ކުރުމާ ގުޅިގެން ރައީސް މެކްރޮން ވަނީ ތެލުން ނަގާ ޓެކްސް ބޮޑު ނުކުރަން ނިންމަވާފައެވެ.

ނަމަވެސް ޔެލޯ ވެސްޓް މޫވްމަންޓުގެ ބައިވެރިން ވަނީ ޓެކްސް ޕަސެންޓޭޖު ބޮޑު ނުކުރަނީސް ގެއަށް ނުވަންނާނެ ކަމަށް ބުނެ މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ. ފްރާންސުގައި ޓެކްސްގެ ގޮތުގައި %20 ނަގައެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި އެގައުމުގައި %45 ނަގައެވެ.