Last Updated: April 27, 09:06
Saturday, April 27, 2024
ޚަބަރު

ކޮޕް24 ގައި ތިމާވެށީގެ ރިޕޯޓު ހުށައެޅުމަށް ބާރުގަދަ ގައުމުތަކުން ފުރުސަތެއް ނުދިން

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ޕޮލެންޑުގައި ބާއްވާ ކޮޕް24 ބޮޑު ސަމިޓުގައި ސައިންސްވެރިން ތައްޔާރުކޮށްފައިވާ ތިމާވެއްޓާ ބެހޭ މުހިންމު ރިޕޯޓެއް ހުށައެޅުމަށް ބާރުގަދަ ގައުމުތަކުން ދެކޮޅު ހަދައިފިއެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރާ އެތައް ފަރާތެއް ބައިވެރިވާ މިސަމިޓުގައި ދުނިޔޭގެ ހޫނުމިން 1.5 ސެލްސިއަސްއަށް އުފުލި، އޭގެ ނޭދެވޭ އަސަރުތައް ބަޔާންކޮށްފައިވާ ރިޕޯޓު ހުށައެޅުން ފެއިލް ކޮށްލީ އެމެރިކާ، ސައުދީ އަރަބިއްޔާ، ރަޝިޔާ އަދި ކުވެއިތުންނެވެ.

ރިޕޯޓުގައި 1.5 ސެލްސިއަސްއަށް ދުނިޔޭގެ ހޫނުމިން އުފުލި، ނުރައްކާތެރި ދިމާއަކަށް ވެށީގެ ހާލަތު ގޮސްފައިވާ ކަމާއި ކުރިއަށް އޮތް 100 އަހަރު ތެރޭ ހޫނުމިނަ 3 ސެލްސިއަސް އުފުލި ދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފައިވެއެވެ.

މި ރިޕޯޓު ހުށައަޅަން 2015 ވަނަ އަހަރު ނިންމައި ދުނިޔޭގެ ގިނަ ސިޔާސީ ލީޑަރުންގެ ތާއީދު ލިބިފައިވަނިކޮށް ކޮޕް24 ގައި އެންމެ ބާރުގަދަ ގައުމުތަކުން ވަނީ ރިޕޯޓު ހުށައެޅުނަ ނުދީ ބޭރުކޮށްލާފައެވެ. އަދި އެގައުމުތަކުގެ ލީޑަރުން ވަނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތައް ބަލާނެ ކަމަށް ބުނެ ފަރުވާކުޑަކޮށްލާފައެވެ.

އެމެރިކާގެ ރައީސަަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުވުމާއެކު އޭނާ ވަނީ ލާރި ބޭކާރުވާ ކަމަށް ބުނެ ޕެރިސް އެގްރީމެންޓުން ވަކިވެގަނެފައެވެ. ޕެރިސް އެގްރީމަންޓަކީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ގިނަ ލަނޑުދަނޑިތަކެއް ހިމަނައި މަސައްކަތް ކުރުމަށް އެއްބަސްވެވުވުނު އެއްބަސްވުމެކެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ ބިލާހެއް ކަމަށް ކެމްޕޭނުގައި ފާޅުގައި ގޮވަމުންދިޔަ ޓްރަމްޕް ވަނީ އެކި ފަހަރު މަތިން ތިމާވެށި ހިމާޔަތް ކުރާ ފަރާތްތަކަށް ޖެއްސުމާއި ފުރައްސާރަކޮށް ތިމާވެއްޓަށް ގެއްލުން ލިބޭ ކަންތައްތަކަށް ތަރުހީބުދީފައެވެ.

ބާރުގަދަ ގައުމުތަކުގެ މި ނިންމުމާއެކު ރިޕޯޓު ހުށަނޭޅުމުން ދުނިޔޭގެ އެތައް ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.