ރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ އަންހެން ކަނބަލުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދަނެގަނެވިފައިވާ ކަމަށާއި، އެކަންތައް ހައްލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު ޣިޔާސުއްދީން ސްކޫލުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ބޭއްވި ބައްދަލުވުމެއްގައި އަންހެން ވިޔަފާރިވެރިންނާ ބައްދަލުކޮށް މަޝްވަރާގެ ޕްރޮގްރާމެއް ވަނީ ބާއްވާފައެވެ. އަދި އަންހެން ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކޮށް މިނިސްޓަރު ވިދާޅުވީ ވިޔަފާރިވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް މަޖިލިސް ތެރެއިން ހައްލު ކުރުމަށް ހުށައަޅުއްވާނެ ކަމަށެވެ.
ސަރުކާރު މުއައްސަސާތަކުން ވިޔަފާރިވެރިންނަށް ދަތިވާ ގޮތަށް ހަދާފައިވާ ގަވާއިދުތައް އިސްލާހުކޮށް، ބަދަލު ކުރަން ޖެހޭ ގަވާއިދުތައް ބަދަލުކޮށް އަދި ބޭރުކުރަން ޖެހޭ އެއްޗެހި ބޭރުކޮށް ވީހާވެސް އަވަހަކަށް އެ ގޮންޖެހުންތައް ނައްތާލާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ އެފަދަ ގަވާއިދުތަކުގެ ސަބަބުން ވިޔަފާރިވެރިންނަށޤ ދިމާވާ ދަތިތައް ހައްލު ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައިވެއެވެ. ރައީސް ވަނީ ވަޒީރުންނަށް އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދެވުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އިރުޝާދު ދެއްވާފައެވެ.