Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ރައީސް މާދަމާ އުކުޅަހަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި މާދަމާ އއ. އުކުޅަހަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު އާއި ހަވާލާދީ "އަވަސް" ނޫހުން ރިޕޯޓްކުރާ ގޮތުގައި ރައީސް ސޯލިހު މާދަމާ އުކުޅަހަށް ވަޑައިގަންނަވަނީ ދުނިޔޭގެ އިންސާނީ ޙައްޤުތަކާއި ބެހޭ ދުވަހާއި މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ކަމަށެވެ.

އެއް ދުވަހުގެ މުއްދަތަކަށް އެމަނިކުފާނު ކުރައްވާ އެ ދަތުރުފުޅުގައި އުކުޅަހުގެ ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލާއި ވިޔަފާރިވެރިންނާއި ވެސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު ރައީސް ސޯލިހު މާލެއިން ބޭރު ރަށަކަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. އެގޮތުން އެމަނިކުފާނު ވަނީ މީގެ ކުރިން ކ. ދިއްފުއްޓަށް ވަޑައިގެން، އެ ރަށުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފަ އެވެ.