ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވާ ފަރާތްތަކަށް ހިމާޔަތް ދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އަދި އެ ބިލްގެ ފުރަތަމަ ކިޔުން ވަނީ މާދަމާގެ މަޖިލިސް ޖަލްސާ އަށް އެޖެންޑާކޮށްފަ އެވެ.
ކޮރަޕްޝަންގެ ޢަމަލުތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ހިމާޔަތްދޭ ޤާނޫނެއް އެކުލަވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅަކަށްވެފައި، އެފަދަ ބިލެއް މިއަދު މަޖިލީހަށް ހުށަހަޅާފައިވާއިރު، މިއަދަކީ ބައިނަލް އަގުވާމީ ފެންވަރުގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަސްކަން ފާހަގަކޮށްލެވެ އެވެ.
އަދި ރާއްޖޭގެ ތާރީޚުގައި ވެސް ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތް ފަޅާއަރުވާލި ބީއެމްއެލްގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް ވަނީ ޖިނާޢީ ދައުވާކޮށް، ޙުކުމް ވެސް ކޮށްފައެވެ.