Last Updated: April 19, 06:47
Friday, April 19, 2024
ކުޅިވަރު

ބޭލްގެ ލަނޑުން ރެއާލް ހަތަރުވަނަ އަށް

ހުއެސްކާ ކޮޅަށް ލަނޑުޖެހުމަށްފަހު ރެއާލް މެޑްރިޑްގެ ގަރެތު ބޭލް (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ލަލީގާ

ސްޕެނިޝް ލީގުގައި މިރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ގަރެތު ބޭލް ކާމިޔާބުކުރި ލަނޑުން ހުއެސްކާ ބަލިކޮށް ރެއާލް މެޑްރިޑުން ލީގުގެ ހަތަރުވަނަ އަށް ޖެހިލައިފިއެވެ. ރެއާލުން މި މެޗު ކާމިޔާބުކުރީ 1-0 އިންނެވެ.

މި ނަތީޖާއާއެކު ރެއާލް ވަނީ ކުޅުނު 15 މެޗުން 26 ޕޮއިންޓް ހަމަކޮށް ތާވަލްގެ ހަތަރުވަނަ އަށް ޖެހިލައިފައެވެ. މި މެޗުން ބަލިވި ހުއެސްކާ އޮތީ 7 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ 31 ޕޮއިންޓާއެކު އެއްވަނައިގައި އޮތްއިރު އޭގެ ތިން ޕޮއިންޓް ފަހަތުން ސެވިއްޔާ އޮތީ ދެވަނައިގައެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު ސެވިއްޔާ އަށް ކުރިލިބެނީ ފައިދާ ގޯލްގެތަފާތުންނެވެ.

ހުއެސްކާގެ އެލް އަލްކޮރާޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރެއާލުން ކާމިޔާބުކުރި ހަމައެކަނި ގޯލް ޖަހައިދިނީ 8 ވަނަ މިނެޓުގައި ވޭލްސްގެ ވިންގާ ގަރެތު ބޭލް އެވެ. މިއީ އެ ޓީމުގެ އަލްވާރޯ އޮޑްރިއޮޒޯލާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ އެއްފަހަރުން ގޯލުގެތެރެއަށް ފޮނުވާލައިގެން ބޭލް ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، ހުއެސްކާގެ އެޒެކީލް އަވީލާ އާއި ބޭލް އަށް ވެސް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތައްލިބި ބޭކާރުވެފައިވެއެވެ. އެގޮތުން، މެޗުގެ 17 ވަނަ މިނެޓުގައި އަވީލާ ފޮނުވާލި ބޯޅަ ރެއާލްގެ ގޯލްކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއިރު، އޭގެ 8 މިނެޓުފަހުން ގޯލާއި ގާތްގަނޑަކަށް 40 ޔާޑް ދުރުން ބޭލް ފޮނުވާލި ބޯޅަ ހުއެސްކާގެ ގޯލްކީޕަރު އަލެކްސެންޑަރް ޖޮވަނޮވިޗް މަތަކުރިއެވެ. މިހާފު ނިމުނީ 1-0 އިން ރެއާލް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިތާ ކުޑައިރުކޮޅެއްގެތެރޭގައި، ހުއެސްކާގެ ގޮންޒާލޯ މެލޭރޯ އަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭނުންހިފޭގޮތްނުވިއިރު އޭގެފަހުން މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމުގެ ޑޭވިޑް ފެރެއިރާ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ކޯޓުއާ މަތަކުރިއެވެ.

މިހާފުގައި ވެސް ބޭލް އަށް ވަނީ ރެއާލްގެ ލީޑް ފުޅާކުރުމަށް ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެގޮތުން، މެޗުގެ 62 ވަނަ މިނެޓުގައި ގޯލާއި 30 ޔާޑް ދުރުން އޭނާ ފޮނުވާލި ބާރު ހަމަލާ ހުއެސްކާގެ ކީޕަރު ޖޮވަނޮވިޗް މަތަކުރިއިރު މެޗު ނިމެން 20 މިނެޓަށްވެފައިވަނިކޮށް މިހާފުގައި ކުޅެން ނިކުތް އިސްކޯ ދިން ރީތި ޕާހަކުން ވަރަށް ހަނި އޭންގަލަކުން ބޭލް ފޮނުވާލި ހަމަލާއިގެ ހުރަހަކަށްވީ ވެސް ޖޮވަނޮވިޗް އެވެ.

ލީގުގައި ރެއާލް ދެން ކުޅޭ މެޗުގައި މިމަހުގެ 15 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ރަޔޯ ވަޔެކާނޯ އާ ދެކޮޅަށެވެ.